Roadha Mihaaru
އުނގޫފާރުގައި ތިން މަހުގެ ކުއްޖަކު މަރުވެއްޖެ

އުނގޫފާރުގައި ތިން މަހުގެ ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ

04 ޖޫން 2018

ރ. އުނގޫފާރުގައި ތިން މަހުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރ. އުނގޫފާރުގައި ތިން މަހުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަރުވީ އެ ރަށު ބީޗް ހެވަން، ސަލަމާ ބިންތު އަފްޒަލެވެ. އެ ރަށު ބައެއް މީހުން ބުނި ގޮތުގައި އެ ކުއްޖާ މަރުވީ އެނދުމަތީގައި އޮއްވައި ވެއްޓިގެންނެވެ.

އުނގޫފާރު ކައުންސިލް މެމްބަރަކު ވިދާޅުވީ، މިއަދު މެންދުރު ފަހު ތިނެއް ޖަހާކަން ހާއިރު، އެ ކުއްޖާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި އެ ކުއްޖާ މަރުވީ އެނދާއި ގޮދަޑިއާ ދޭތެރޭގައި ހުސްކޮށް އޮންނަ ދޭތެރެ އަށް ވެއްޓިގެން ކަމަށް ލަފާ ކުރެވެ އެވެ. އަދި އެ ކުއްޖާ މަރުވީ، އެ ތަނަށް ވެއްޓި ނޭވާލާން އުނދަގޫވެގެން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

"އެ ކުއްޖާ އޮތީ ނިދާފައި ކަމެއް ނޫނީ، ނުނިދާ ކަމެއް ބުނާކަށް ނޭނގޭ. އެނދުމަތީގައި އޮއްވާ އެކަމެއް ހިނގީ. އެ ކުއްޖާ އޮތް ތަނުގައި އެނދަށްވުރެ ގޮދަނޑި ކުޑަވާނެ. އެކަމަކު އެވަރުގެ ކުއްޖަކު އެހާ ބޮޑަށް ފުރޮޅިގެން ދާނެ ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ،" ކައުންސިލަރު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އެ ކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.