Roadha Mihaaru
ތިން މަހުގެ ކުއްޖާ މަރުވުމުން ބައްޕައާ ސުވާލުކޮށްފި

ތިން މަހުގެ ކުއްޖާ މަރުވި މައްސަލައިގައި ބައްޕައާ ސުވާލުކޮށްފި

06 ޖޫން 2018

ރ. އުނގޫފާރުގައި ތިން މަހުގެ އަންހެން ކުއްޖަކު މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް މަރުވި މައްސަލައިގައި އެ ކުއްޖާގެ ބައްޕައާ ފުލުހުން ސުވާލުކޮށް، ކަން ހިނގި ގޮތުގެ ބަޔާން ނަގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރ. އުނގޫފާރުގައި ތިން މަހުގެ އަންހެން ކުއްޖަކު މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް މަރުވި މައްސަލައިގައި އެ ކުއްޖާގެ ބައްޕައާ ފުލުހުން ސުވާލުކޮށް، ކަން ހިނގި ގޮތުގެ ބަޔާން ނަގައިފި އެވެ.

އެ ރަށު ބީޗް ހެވަން، ސަލަމާ ބިންތު އަފްޒަލް މަރުވީ އެނދުމަތީގައި އޮއްވައި ވެއްޓިގެންނެވެ. އެ ކުއްޖާ މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.

ސަލަމާގެ އާއިލާގެ މީހަކު "މިހާރު" އަށް މިއަދު ބުނީ ސަލަމާގެ ބައްޕަގެ ބަޔާން ނެގީ އެ ކުއްޖާ މަރުވި ދުވަހު ކަމަށެވެ. ބަޔާނުގައި، އެ ހާދިސާ ހިނގި ގޮތް ކިޔައިދީފައިވާ ކަމަށާއި އެ ކުއްޖާގެ ބައްޕަ ފިޔަވައި އިތުރު މީހެއްގެ ބަޔާން ފުލުހުން އަދި މިހާތަނަށް ނުނަގާ ކަމަށް އޭނާ ބުންޏެވެ.

"ހަމައެކަނި ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވަން ވެގެން ފުލުހުން ބަޔާން ނެގީ. ބައްޕަގެ މައްޗަށް އެއްވެސް ތުހުމަތެއް ފުލުހުން ކުރާތީއެއް ނޫން،" އޭނާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި އެ ކުއްޖާ މަރުވީ އެ ކުއްޖާ ބާއްވާފައި އޮތް އެނދާއި ގޮދަޑިއާ ދޭތެރޭގައި ހުސްކޮށް އޮންނަ ދޭތެރެ އަށް ވެއްޓި ނޭވާލާން ހާސްވެގެން ކަމަށް ބެލެވެ އެވެ. އޭރު އެއްވެސް މީހަކު ކޮޓަރީގައި ނޫޅޭ ކަމަށް އޭނާ ބުންޏެވެ.

"އެނދާއި ގޮދަޑިއާ ދޭތެރޭގައި ހުސްކޮށް އޮންނަ ދޭތެރެ އަށް ވެއްޓިގެން އެ ކުއްޖާ މަރުވީ. އެއީ އެނދަށް ވުރެ ގޮދަޑި ކުޑަވުމުގެ ސަބަބުން އެނދުގެ ކުރީކޮޅުގައި އޮތް ހުސް ތަންކޮޅެއް. އެ ކުއްޖާ ނެގި އިރު، ކޮންމެވެސް ވަރަކަށް ހޮޑުވެސް ލެވިފައި އޮތީ،" އޭނާ ބުންޏެވެ.

ސަލަމާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. ސަލާމާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެ ކުއްޖާގެ ބައްޕަ ކަމަށްވެ އެވެ.

ސަލާމާގެ އިތުރުން، އެ ދެމަފިރިންގެ އިތުރު ދެ ކުދިން ތިބެ އެވެ.