31 މެއި 2018
އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން ދިވެހި އަންހެނަކު މަރުވި ކަމަށް އާއިލާ އިން ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން ދިވެހި އަންހެނަކު މަރުވި ކަމަށް އާއިލާ އިން ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އޭޑީކޭގައި މަރުވެފައި ވަނީ އައިޝަތު އާދަމް، 59، ހ. އުނިގަސްދޮށުގެ، އެވެ.
ނޭވާލާން އުނދަގޫވެގެން އޭޑީކޭ އަށް ގެންދިޔަ އައިޝަތު މަރުވީ ޑޮކްޓަރުންގެ އިހުމާލުން ކަމަށް ބުނެ، އާއިލާ އިން ވަނީ ކަން ހިނގި ގޮތުގެ ބަޔާނެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ތަހުގީގު ނިމުމުން އެކަން އާއިލާއާ ހިއްސާ ކުރާނެ ކަމަށެވެ.
އައިޝަތަކީ ހިތުގެ ވިންދު ލަސްވުމުން ޕޭސްމޭކާ ލައްވާފައިވާ އަދި ކިޑްނީގެ މައްސަލަތަކެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.
ނޭވާލާން އުނދަގޫވެގެން ގެންދިއުމުން އޭނާގެ ކަންކަން އޭޑީކޭގައި ބަލަން ހަވާލުވީ ބިދޭސީ ޑޮކްޓަރެއް ކަމަށް ވާ ޝަރަދު ޑަޔަޑަން އެވެ. މައްސަލަ ދިމާވުމުން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އޭނާ މިހާރު އިސްތިއުފާ ދިން ކަމަށް ވެސް ވެ އެވެ.
އައިޝަތުގެ ދަރިއެއް ކަމަށް ވާ އިސްމާއިލް އިހްސާން ބުނީ މަންމަގެ މަރުވެ މައްސަލަ ފުލުހުންނާއި ހެލްތު މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އާއިލާއިން ބުނި ގޮތުގައި ނޭވާލަން އުނދަގޫވާތީ މި މަހު 23 ގައި އޭޑީކޭއަށް ގެންދިއުމުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިން އިރު ސީރިއަސް އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޑޮކްޓަރުން އާއިލާއަށް އަންގައިފައިވެ އެވެ.
އެކަމަކު އައިސީޔޫގައި އޮތް އިރު އައިޝަތުގެ ކަނާތު ކޮނޑު ހުޅުން ފެށިގެން ތިރި ދުޅަވެ، ތަދުވާތީ އުޅުނު ކަމަށް އާއިލާ އިން ބުނެ އެވެ. އައިސީޔޫން ފަރުވާ ދިނުމަށް ފަހު ނޭވާލުން ރަނގަޅުވުމުން ކޮޓަރި އަށް ބަދަލުކުރި އެވެ. އެކަމަކު އާއިލާ އިން ބުނާ ގޮތުގައި އަތުގެ މައްސަލަ އަށް ފަރުވާދިނުމުގައި ޑރ. ޝަރަދު ވަނީ އިހުމާލްވެފަ އެވެ.
އާއިލާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮޓަރިއަށް ބަދަލުކުރި ފަހުން ތަދު ބޮޑުވެ، ޝަކުވާކުރުމުން ޑރ. ޝަރަދު ގެންނަން ނަރުހުން އެތައް ފަހަރަކު ގުޅުމުން ވެސް އޭނާ ނާދެ އެވެ. އެކަމަކު ޝަރަދު ދިން އިންޖެކްޝަނެއް އައިޝަތުގެ ގަޔަށް ޖަހާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. ދެން ވެސް ތަދަށް ލުއިކަން ނުލިބުމުން ނަރުސް ކުއްޖަކު، އެ އަތުގައި "ފާޑެއްގެ ޖެލްއެއް އުނގުޅުމަށް ފަހު ބެންޑޭޖްކޮށް އައިސްޕެކް" އެޅި ކަމަށް އެ ބަޔާނުގައިވެ އެވެ.
ޑރ. ޝަރުދު ގެނެވޭތޯ ނަރުހުން އުޅުމުން އޭނާ އެ ވަގުތު ހުރީ އޯޕީޑީގައި ކަމަށާއި ދެވެން ނެތް ކަމަށް އެންގުމުން، "ޑޮކްޓަރު ގެނެވޭނެ ކަމަށް ބުނެ އާއިލާގެ މީހަކު ޑޮކްޓަރާ ބައްދަލުކުރަން ދިޔަ" ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.
ޑރ. ޝަރުދު ގެނެވުނީ، އާއިލާ އިން ބުނި ގޮތުގައި، އާއިލާގެ އެ މީހާ އޭނާ ހޯދަން ދިޔަ މަގުމަތީ އޭޑީކޭގެ ސްޕަވައިޒަރަކަށް ދިމާވެގެން ޝަކުވާ ކުރުމުންނެވެ. އެކަމަކު އާއިލާއިން ބާރު އަޅައިގެން ގެނައުމުން އޭނާ ހުރީ ހިތްމަނުޖެހިފައި ކަމަށް އާއިލާ އިން ބުނެ އެވެ.
އާއިލާ އިން ބުނީ ތަދު ކަނޑުވަން ޕެނެޑޯލް ދޭން ޑރ. ޝަރަދު އުޅެން ފެށުމުން ކިޑްނީއަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ވާތީ އެހާ ގިނަ ބޭސް ދިނުމުން މައްސަލަ ނުޖެހޭނެތޯ ސުވާލުކުރުމުން، ބޭސް ދޭން ހުރަސް އަޅާ ކަމަށް ބުނެ، އާއިލާގެ އެކަކު ފިޔަވައި، އެހެން އެންމެން ކޮޓަރިން ނެރުނު ކަމަށެވެ. އަދި އޭގެ ފަހުން އައިޝަތު އެޗުޑީޔޫއަށް ބަދަލުކޮށް، އަތުގެ ސްކޭނެއް ހެދި އެވެ.
ސްކޭން ބެލުމަށް ފަހު ޑރ. ޝަރަދު ބުނި ކަމަށް ވަނީ، އާއިލާގެ ބަޔާނުގައިވާ ގޮތުން، ކުރިން އަތަށް ގުޅި ކެނިއުލާ ގުޅިފައި އޮތީ ނާރުގެ ބަދަލުގައި މަސްގަނޑަށް ކަމަށާއި އޭގެ ސަބަބުން އެންޓިބަޔޮޓިކްސް އާއި އޭނާއަށް ދިން އައިވީތައް މަސްގަނޑަށް ގޮސްފައިވާ ކަމަށެވެ. އަދި އަތް މައްޗަށް ނަގައިގެން ބޭއްވުމުން، 48 ގަޑިއިރުގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ޑރ. ޝަރަދު ބުނި ކަމަށްވެ އެވެ.
އަތަށް އެއްވެސް ލުއިކަމެއް ނުލިބުމުން ޑރ. ޝަރަދު ބަދަލުކޮށްދޭން އެދުމުން ދެން އައިޝަތުގެ ކަންކަމާ ހަވާލުވި ޑޮކްޓަރު އެދުނީ، އާއިލާގެ ބަޔާނުގައިވާ ގޮތުން، އިނގިލިތަކުގެ ހަރަކާތްތައް ކުޑަވާތީ އޮޕަރޭޝަނެއް ކުރުމަށެވެ. އެކަމަކު އޭޑީކޭ އިން އިތުރު ފަރުވާއެއް ހޯދަން އައިޝަތު ދެކޮޅުހެދި އެވެ.
އޭޑީކޭ އިން ވަނީ އައިޝަތުގެ ކަންކަން ބަލަން ފަހުން ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް އެކުލަވާލައިފަ އެވެ. އެކަމަކު އާއިލާއިން އޭނާ ބޭރަށް ގެންދަން ޓިކެޓް ނެގި އެވެ. ދެން ދިމާވި މައްސަލަ އަކީ، ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަތުގެ ވިންދު މާ ބޮޑަށް ދަށްވުމުން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހުމެވެ.
އާއިލާ އިން ބުނި ގޮތުގައި ރޭގަނޑު 12:30 ހާ އިރު ކުރަން ފެށި އޮޕަރޭޝަން ނިމުނީ އަނެއް ދުވަހު ހެނދުނު 6:30 ގަ އެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނި ކަމަށް ވަނީ އޮޕަރޭޝަން "ދިޔައީ ރަނގަޅަށް" ކަމަށެވެ.
"ނަމަވެސް ޑޮކްޓަރފުންގެ ހަރަކާތްތައް ހރި ގޮތުންނާއި މޫނު މައްޗަށް ވެރިވެފައިވާ ހާސްކަން ފެނުމުން، އާއިލާ އިން ޝައްކު އުފެދި، ސުވާލުކުރުމުން ދެންނެވީ، ޑޮކްޓަރުން ހާރު ނުކައި ތިބުމުން ވަރުބަލުވެފައިވާ ކަމަށެވެ،" އާއިލާ އިން ބުނެ އެވެ.
އޭގެ ދޮޅު ގަޑިއިރު ފަހުން ތިއޭޓަރުން އައިޝަތު ނެރުނު އިރު ވަނީ "ލޯ މަތީގައި ޓޭޕް ކޮޅެއް އަޅާފައި" ކަމަށް އާއިލާ އިން ބުނެ އެވެ.
އެކަމަކު އައިޝަތުގެ އާއިލާ އިން ބުނަނީ އޮޕަރޭޝަންގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށެވެ. އެ ވާހަކަ ޑޮކްޓަރުން ކައިރީ ފަހުން ބުނުމުން "ޑޮކްޓަރުން ވަނީ އިސްޖަހައިފައި" ކަމަށް ބަޔާނުގައިވެ އެވެ.
"މަންމަ ނިޔާވުމުގައި ޑޮކްޓަރުންގެ އިހުމާލުކަމަށް އައިލާ އިން ގަބޫލުކުރަނީ އައިސީޔޫގައި ތިބި ނަރުސް ކުދިންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ސުވާލުކުރުމުން، އެ މީހުންގެ އިހުމާލް މިކަމުގައި ވާ ކަމަށް ވަނީ އިއުތިރާވެފަ އެވެ،" ބަޔާނުގައިވެ އެވެ.
ސަލްމާގެ މަރުގެ ބަދަލު ހޯދަން ދައުވާ ކުރަނީ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
ހޮސްޕިޓަލްގެ "އިހުމާލުން" މީހަކު މަރުވި މައްސަލައެއް!
ސަދާގެ މަރުގެ މައްސަލަ ހެލްތުން ބަލަން ފަށައިފި
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"
މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް
އަޖައިބެއް، ރާއްޖޭގައި އިހުމާލު މަރެއް ނެތް؟
މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނުނެރުވުނު!