Roadha Mihaaru
އިލެކްޝަންސްއިން ރަތް ރޮނގު ހުރަސްކޮށްފި: ނަޝީދު

އިލެކްޝަންސް ކޮމިޝަނުން ރަތް ރޮނގު ހުރަސްކޮށްފި: ނަޝީދު

28 މެއި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބައިވެރިވާން ހުރަސްއަޅައި އިލެކްޝަންސް ކޮމިޝަނުން ރަތް ރޮނގު ހުރަސް ކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބައިވެރިވާން ހުރަސްއަޅައި އިލެކްޝަންސް ކޮމިޝަނުން ރަތް ރޮނގު ހުރަސް ކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވައި، ސްކައިޕް މެދުވެރިކޮށް ކުރައްވާ ކެމްޕޭންގައި އއ. އުކުޅަހު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޕާޓީތަކަށް ނުފޫޒު ފޯރުވުން ހުއްޓުވަން މަސައްކަތް ކުރުމަކީ އެތައް ބައެއްގެ ނަޒަރުގައި އިލެކްޝަންސް ކޮމިޝަނުން ރަތް ރޮނގު ހުރަސް ކުރުން ކަމަށެވެ. އެކަން ބޭރުގެ ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ސާފު ކަމަށް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަން އަލުން އަނބުރާ އެކުލަވާލުން މިއަދު ވަރަށް މުހިއްމު ވެއްޖެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް އަދި ބައިނަލްއަގްވާމީ ފަރާތްތަކަށް ވެސް ގޮވާލަން، ދަންނަވަން، އެދެން ބޭނުން ވަނީ ރިޔާސީ އިންތިޚާބު ބަލަހައްޓައި ދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން އަލުން އެކުލަވައިލުމަށް ރައްޔިތުންގެ މަޖިލީސް ހުޅުވަން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ފުރުސަތު ދެއްވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް އިދިކޮޅު 12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށް ރޭ ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމެއްގައި އެންމެ މުހިއްމު ސިފައަކީ ވެރިކަމުގެ ދައުރު ސާފުކޮށް ކަނޑައަޅާފައި އޮތުމެވެ. އިންތިޚާބު އޮންނާނެ މުއްދަތު ކުރިން އެނގޭ ގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ރައްޔިތުން އެ ދުވަހަށް ތައްޔާރުވާން ފުރުސަތު ދޭން ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިޚާބަށް ރައްޔިތުން ތައްޔާރުކޮށް، އެހީތެރިވެދިނުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ ސިޔާސީ ޕާޓީތަކާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އިންތިޚާބަށް އެ ޕާޓީއަކުން ނެރޭނެ ކެންޑިޑޭޓާއި މެނިފެސްޓޯ އެކުލަވާލުމާއި ސިޔާސަތު ކަނޑައަޅަން ޕާޓީތަކަށް ފުރުސަތުދީފައިާ ކަމަށާއި އެމްޑީޕީ ހިންގަނީ އެ އުސޫލުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ނުފޫޒުން އެއްކިބާވެ، މިނިވަން، އިތުބާރު ހިފޭ، އަދި ގާނޫނީ ޒިންމާ އަދާކުރެވޭނެ ފަދަ މުއައްސަސާއަކަށް ވާން ޖެހޭ ކަމަށެވެ.