Roadha Mihaaru
ޕާޓީތަކުގެ ހިންގުމަށް އިލެކްޝަނަށް ގޮތް ނުކިޔޭނެ

ޕާޓީތަކުގެ ހިންގުމަށް އިލެކްޝަނަށް ގޮތެއް ނުކިޔޭނެ: އިދިކޮޅު ޕާޓީތައް

21 މެއި 2018

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުންތަކަށް ގޮތް ނިންމައި ޕާޓީތައް ހިންގުމަށް ދަތިކުރުމުގެ ބާރެއް އިލެކްޝަން ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުންތަކަށް ގޮތް ނިންމައި ޕާޓީތައް ހިންގުމަށް ދަތިކުރުމުގެ ބާރެއް އިލެކްޝަން ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އިލެކްޝަނުން މިގޮތަށް އިންޒާރު ކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގަ އެވެ.

އެ ޕާޓީގެ ޕްރައިމަރީ އަށް ކުރިމަތި ލެއްވީ ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު ވިދާޅުވީ ގާނޫނާ އެއްގޮތަށް ސިޔާސީ ޕާޓީތައް ހިންގަމުން އަންނަނިކޮށް ޕާޓީތައް ހިންގަންޖެހޭނެ ގޮތް ބުނެދީ ޕާޓީތަކުގެ އެތެރޭގެ ނިންމުންތަކަށް ގޮތް ނިންމުމުގެ އެއްވެސް ބާރެއް އިލެކްޝަން ކޮމިޝަނަށް ލިބިގެންނުވާ ކަމަށެވެ.

"އެޕާޓީތަކުގެ ރައީސުންގެ ގޮތުގައި ތިބެންވާނީ މިވެނި ބައެއް ކަމާއި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލެވެން ޖެހޭނީ މިވެނި ބައެއް ކަމާއި އަދި ޕްރައިމަރީ ބާއްވަން ޖެހޭނީ މިވެނި ގޮތަކަކަށް ކަމާ މިކަންކަމުގެ ތެރެއަށް އަތްބާނައި ގޮތްކިޔުމަކީ ދިވެހި ރާއްޖޭގެ އެއްވެސް ގާނޫނަކުން އިލެކްޝަން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއެއް ނޫން،" ޕީޕީއެމުން މަޖިލީހަށް އިންތިހާބުވި އަމީތު ވިދާޅުވި އެވެ.

ޕާޓީތަކުގެ އަސާސީ ގަވައިދުތަކުގައި ހިމެނޭ މާއްދާތަކަކީ ގާނޫނުތަކާ ފުށު އަރާ މާއްދާއެއް ނަމަ އެ މާއްދާއެއް ބާތިލްވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވައިދުގައި ހިމެނުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ޕާޓީތަކަށް އަންގާފަ އެވެ.

އެކަމާ ގުޅޭގޮތުން އަމީތު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގާތާ އެތައް އަހަރެއްވެފައިވާއިރު ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް އިލެކްޝަން ކޮމިޝަނުން ބުނެދޭން ޖެހޭނީ މިހާރަކު ނޫން ކަމަށެވެ. ޕާޓީތަކުގެ އަސާސީ ގަވައިދުގައި ހިމަނާނެ ކަންކަމަކީ އެޕާޓީތަކުގެ މެމްބަރުން ނިންމާނެ ކަންކަން ކަމަށާއި އެކަމުގައި އިލެކްޝަން ކޮމިޝަނަށް ބަހެއް ނުކިޔޭނެ ކަމަށް އަމީތު ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަނުގެ ގޮތްޕެއް ނޫން ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކަކީ. އިލެކްޝަން ކޮމިޝަނުން ބުނާހާ ގޮތަކަށް ހިންގަން އޮތް މުއައްސަސާތަކެއް ނޫން ސިޔާސީ ޕާޓީތަކަކީ." އަމީތު ވިދާޅުވި އެވެ.

"މަލްޓިޕާޓީ ސިސްޓަމެއް ހިންގުމަށްޓަކައި މިހާރު އުފެދިފައިވާ ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ފުރުސަތު ދޭން ޖެހޭ. ޕާޓީތަކުގެ މައްޗަށް އުފެދިފައިވާ ޑިމޮކުރަޓިކް ނިޒާމެއް މިއަދު ރާއްޖޭގައި ހިނގަމުން މިދަނީ. އެ ނިޒާމު ހިންގެން މިއަންނަނީ ޕާޓީތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ފަހިކޮށްދީގެން،"

އިލެކްޝަން ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގައި ބާއްވާ އިންތިހާބުތައް މިނިވަންކަން މަތީ ބޭއްވުން ކަމަށްވާއިރު ޕާޓީތަކުގެ ހިންގުމަށް ހުރަސް އަޅަން މަސައްކަތް ނުކުރުމަށް އަމީތު ވަނީ ގޮވާލައްވާފަ އެވެ.

ކުރިއަށް ރިޔާސީ އިންތިހާބު އޮއްވައި އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުން އެކޮމިޝަންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށްވެސް އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ ގާނޫނާ ހިލާފަށް އަމަލު ކުރާ އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅިގެން ދާނެ ކަމުގެ އިންޒާރު ދީފަ އެވެ.