Roadha Mihaaru
އެމެރިކާ އަންހެނަކަށް ދެ އަހަރު ތެރޭ ހަ ކުދިން

އެމެރިކާ އަންހެނަކަށް ދެ އަހަރު ތެރޭ ހަ ކުދިން ލިބިއްޖެ

26 ޖުލައި 2016

އުމުރުން 20 އަހަރުގެ އެމެރިކާ އަންހެނަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަ ކުދިން ލިބިއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އުމުރުން 20 އަހަރުގެ އެމެރިކާ އަންހެނަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަ ކުދިން ލިބިއްޖެ އެވެ.

ކަންކަސް ސިޓީގައި އުޅޭ ޑަނޭޝާ ކައުޗް އަށް މިދިޔަ މަހު 17 ވަނަ ދުވަހު ދެ އަންހެން ކުދިން ލިބިފައި ވާއިރު މީގެ 26 މަސް ދުވަސް ކުރިން އޭނާ އަށް އެންމެ ފުރަތަމަ ލިބުނީ ވެސް އަދި ދެ ވަނަ އަށް ވެސް ލިބުނީ އެއްމާބަނޑު ދެ ކުދިންނެވެ.

ޑަނޭޝާ ބީބީސީ އަށް ކިޔައިދީފައިވާ ގޮތުގައި ކޮންމެ ފަހަރަކު ވެސް އޭނާ ބަލިވެ އިނދެފައި ވަނީ ދަރިމައިކުރުމަށް ބޭނުންކުރާ އެއްވެސް ބޭހެއް ނުވަތަ ފަރުވާއެއް ވެސް ހޯދުމެއް ނެތި އެވެ. ބަލިވެ އިން ކޮންމެ ފަހަރަކު ދެ ކުދިން ލިބުނު އިރު އެ ކުދިން ނަގާފައި ވަނީ ކޮންމެ ފަހަރަކު ވެސް ސިޒޭރިއަން ހަދައިގެންނެވެ.

ޑަނޭޝާ އަށް އެންމެ ފުރަތަމަ އެއްމާބަނޑު ދެ ކުދިން ލިބުނީ އޭޕްރީލް 13، 2014 ގަ އެވެ. އެ ފަހަރު ލިބުނީ ދެ ފިރިހެން ކުދިންނެވެ. އެކަމަކު މީގެ ތެރެއިން އެއް ކުއްޖަކު ވަނީ ވިހެއުމުގެ ތެރޭގައި މަރުވެފަ އެވެ.

ޑަނޭޝާ އޭނާގެ ދަރިއަކާ އެކު

ޑަނޭޝާ އޭނާގެ ދަރިއަކާ އެކު

"ދަރިއަކު ގެއްލުމަކީ ވަރަށް ބޮޑު ހިތްދަތިކަމެއް. ހިތެއް އޮތް މީހަކަށް ވިއްޔާ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރާނެ، ޑަނޭޝާ ބުނެފައިވެ އެވެ.

އަނެއްކާވެސް އެއްމާބަނޑު ދެ ކުދިން ލިބުނީ ދަރިފުޅު މަރުވުމުގެ ހިތްދަތިކަމުގައި ހުއްޓާ ކަމަށާއި މިއީ ލެއްވި ރަހުމަތެއް ކަމަށް ޑަނޭޝާ ބުންޏެވެ.

ޑަނޭޝާގެ އެންމެ ދޮށީ ދަރިފުޅު

ޑަނޭޝާގެ އެންމެ ދޮށީ ދަރިފުޅު

"އެއްމާބަނޑު ދެ ކުދިންނަށް އެންމެ ފުރަތަމަ ބަލިވެ އިނުމުން އާ ކަމަކަށް ވެގެން އެންމެން އުޅުނީ. އެކަމަކު ދެ ވަނަ ފަހަރު ވެސް މިހެން ވުމުން ލިބުނީ ޝޮކެއް. މަންމަ ވެސް އެހެންވެ ކިޔަނީ 'ޑަބަލް ޓްރަބްލް' އޭ،" ޑަނޭޝާ ބުނެފައިވެ އެވެ.

ޑަނޭޝާ ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ދަރިންތަކެއް ލިބުމުން އެ ކުދިން ބެލުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް ދެ ފަރާތުގެ އާއިލާގެ އެހީ ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. ކުއްލިއަކަށް އާއިލާ ބޮޑުވެ ހަރަދު ބޮޑުވުމުން ޑަނޭޝާ އާއި އޭނާގެ ބައިވެރިޔާ ވަނީ ދެކޮޅުޖެއްސޭނެ ގޮތެއް ހޯދުމަށް އެ ދެ މީހުންގެ ދެ ކާރު ވެސް ވިއްކާލައިފަ އެވެ. އެ މީހުން ބުނީ ދަރިންތަކާ އެކު މުޅި ދިރިއުޅުން ބަދަލުވެއްޖެ ކަމަށެވެ.