Roadha Mihaaru
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް

މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް

21 މެއި 2018

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފަހު ވަގުތު ޖުމައިލް ޖަލީލް ވައްދާލި ގޯލުން 1-0 އިން މާޒިޔާ ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފަހު ވަގުތު ޖުމައިލް ޖަލީލް ވައްދާލި ގޯލުން 1-0 އިން މާޒިޔާ ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

އީގަލްސް ދެ ވަަނަ އަށް އެރީ 10 މެޗުން 18 ޕޮއިންޓާ އެކު އެވެ. މި ސީޒަނުގައިވި ތިން ވަނަ ބައްޔާ އެކު މާޒިޔާ ތިން ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް 10 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ލީގުގައި މި ހަފްތާގައި ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ނުކުންނަ ގޮތަކުން މާޒިޔާ އިތުރަށް ފަހަތަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އަތުން މާޒިޔާ ވަނީ 2-0 އިން މޮޅުވެފަ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު މާޒިޔާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމުގެ ވާތު ބެކް މުޖުތާޒް މުހައްމަދު (މުޖޭ) ސަސްޕެންޝަނުގައި ހުރުމެވެ. މުޖޭ ވަނީ މި ސީޒަނުގައި މިހާތަނަށް މާޒިޔާ ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުޖޭގެ މަގާމުގައި މިރޭގެ މެޗުގައި ކުޅުނީ ގާސިމް ސައްމާމު (ސައްމެ) އެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި އީގަލްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އިބްރާހިމް މުބީން (މުއްކި) ފޮނުވާލި ބޯޅަ އަމާޒުވީ މާޒިޔާގެ އިޓަލީ ކީޕަރު މައުރޯ ބޮއެޗިއޯ އަތަށެވެ.

އޭގެ ފަހުން ކައުންޓަ އެޓޭކުގައި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މާޒިޔާގެ ފުރަތަމަ ހަމަލާ އުފެއްދީ ހަސަން ޝިފާޒް (ޑުންގާ) އެވެ. އޭރިއާ ބޭރުން ޑުންގާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެ އަހުމަދު އިމާޒް (އާއްކޮ) ބޮލުން ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި އީގަލްސްގެ ބްރެޒިލް ފޯވާޑް ލުއިސް އެޑުއާޑޯ ޕުރްޗީނޯ ނުރައްކާތެރި ހަަމަލާއެއް ފޮނުވާލި އެވެ. މާޒިޔާ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައި އޭރިއާ ބޭރު ރޮނގުކައިރިން ލުއިޒް އެޑުއާޑޯ ފޮނުވާލި ބޯޅަ ކީޕަރު މައުރޯ ވަނީ މަތަކޮށްފަ އެވެ.

އީގަލްސްގެ ސިފާއު (ވ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ސިފާއު (ވ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ޑިފެންޑަރުން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް ވަރަށް ބޮޑަށް ހިފަހައްޓައިގެން ކުޅުނު މި މެޗުގެ 39 ވަނަ މިނިޓްގައި އޭނާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން އީގަލްސް އިން ކުރިއަށް ވުރެ ކުޅުން ރަނގަޅުކުރި އެވެ. ކުރިއަށް ޖެހިގެން އެޓޭކްކުރަން ފެށި އެވެ. އީގަލްސްގެ ހަސަން ރާއިފް (ހަންނަ) ދިން ބޯޅައަކުން އޭރިއާ ތެރެއިން މުހައްމަދު ނާއިމް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ.

މާޒިޔާ އިން ވަނީ މެޗުގެ ފަހު 25 މިނިޓަށް އަސަދުﷲ އަބްދުﷲ ކުޅެން އަރުވައިފަ އެވެ. އޭގެ ފަހުން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 79 ވަނަ މިނިޓްގައި ކޮނޭލިއަސް އަރިމަތިން ނަަގައިދިން ބޯޅަ އަަސަދުﷲ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ފަހަތަށް ދިޔަ ބޯޅައެއްގައި މެޗުގެ 87 ވަނަ މިނިޓްގައި އީގަލްސްގެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖުމައިލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޒޭ ދިން ހިތްގައިމު ޕާހަކުން ޖުމައިހު ފޮނުވާލި ބޯޅަ ކީޕަރު މައުރޯ ފައި ކައިރިން ތިރިތިރިން ގޮސް ވަނީ ގޯލުގެ ކަނަށެވެ.

މެޗާ ބެހޭގޮތުން މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއީ އޭނާގެ ޓީމަށް ހުރިހާ ގޮތަކުން ގޯސްކޮށްދިޔަ މެޗެއް ކަމަށެވެ.

"މެޗުގައި ނަތީޖާއާ ދޭތެރޭގައި ވެސް ހިތްހަމައެއް ނުޖެހޭ. ޕާފޯމަންސާ ދޭތެރޭ ވެސް ހިތްހަމައެއް ނުޖެހޭ. ދަށްކޮށް ދިޔަ ދުވަހެއް މިއަދު މިއީ. އަޅުގަނޑުގެ ކުޅުންތެރިންގެ ފަރާތުން ގަބޫލުކުރަން ދަތި ޕާފޯންސެއް މިއީ. އަޅުގަނޑު ބަލާނަން ކިހިނެއް ދިމާވި ކަމެއްތޯ. ދަނޑު މަތީގައި ޕްލޭޔަރުންގެ އެޓިޓިއުޑްގައި ވެސް މައްސަލަތަކެއް އުޅުނު،" އިންމަ ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި މެޗުން އޭނާގެ ޓީމުގެ ކުރިއެރުން ފެނިއްޖެ ކަމަށެވެ.

"ފުރަތަމަ ބުރުން އަޅުގަނޑުމެން އަތުން އަށް ޕޮއިންޓް ގެއްލުނު. މާޒިޔާ އަތުން ބަލިވީ. ޓީސީ އަތުން ބަލިވީ. ވެލެންސިއާއާ އެއްވަރުވީ. އަޅުގަނޑުމެންނަށް ނުވަ ޕޮއިންޓުން ލިބުނީ އެންމެ ޕޮއިންޓެއް. މި ބުރުގައި އެ ނުވަ ޕޮއިންޓުން ހަތް ޕޮއިންޓް ލިބިއްޖެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް." މޯހަން ބުންޏެވެ.

އޭނާ ބުނީ މި މެޗު އެއްކޮށް ކަަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނީ އީގަލްސް ކަމަށާއި އެ ޓީމަށް މޮޅެއް ހައްގުވާ ކަމަށެވެ.