22 އެޕްރީލް 2018
ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ދެ ގޯލުން 2-0 އިން ކްލަބް އީގަލްސް ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އަށް މިރޭ މާޒިޔާ ޖެހިލައިފި އެވެ.
ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ދެ ގޯލުން 2-0 އިން ކްލަބް އީގަލްސް ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އަށް މިރޭ މާޒިޔާ ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ދެ ވަނައިގައި އޮތް މާޒިޔާ އަދި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އާއި ޓީސީ އަށް ފުރަތަމަ ބުރު ނިމިފައިވާއިރު، ނިއު އަތުގައި އަދި މެޗެއް އެބައޮތެވެ.
މި މެޗުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އީގަލްސް އަށް އޮތްއިރު އެ ޓީމު ބަލިވުމުން ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އީގަލްސް ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 11 ޕޮއިންޓާ އެކު އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތީ ހުކުރު ދުވަހުގެރޭ ނިއު އަތުން މޮޅުވި ވިކްޓަރީ އެވެ. އެ ޓީމަށް ހަތް މެޗުން ލިބުނީ 12 ޕޮއިންޓެވެ.
އެންމެ ފަހުން ކުޅުނު މެޗުން ޓީސީ އަތުން ބަލިވުމުން މާޒިޔާ މި މެޗަށް ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅުމަށެވެ. މިރޭގެ މެޗުގައި މާޒިޔާގެ ފުރަތަމަ އެގާރައިގައިވަނީ ޔަސްފާދު ހަބީބް (މުލަކޭ)ގެ ބަދަލުގައި ހަސަން ޝިފާޒް (ޑުންގާ) ހިމަނައިފަ އެވެ. އަދި މިދިޔަ އަހަރު ކަކުލަށް ލިބުނު އަނިޔާއަކުން ރަނގަޅުވުމަށް ފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ވަނީ ޓީމުގެ ބެންޗުގައި ހިމަނައިފަ އެވެ.
މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. އޭގެ މިނިޓެއް ފަހުން މާޒިޔާ އަށް ލީޑުނަގައިދިނީ ސްޓެވާޓް އެވެ. އޭރިއާ ބޭރުން ސްޓެެވާޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މެޗުގެ 15 ވަނަ މިނިޓްގައި އީގަލްސް އަށް ލިބުނު ކޯނަރަކުން ރިޒޭ ނަގައިދިން ބޯޅަ އަހުމަދު ނޫމާން (ހެލްމެޓް) ބޮލުން ފޮނުވާލި ބޯޅަ މާޒިޔާގެ އިޓަލީ ކީޕަރު މައުރޯ ބޮއެޗިއޯ ވަނީ މަަތަކޮށްފަ އެވެ.
އީގަލްސްގެ ޒާދު (ވ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފުރަތަމަ ހާފުފެ ބޮޑުބައިގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 31 ވަނަ މިނިޓްގައި ލީޑުފުޅާކުރަން މާޒިޔާގެ ޑުންގާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނާއިޒު ހަސަން (ދާދު) ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޑުންގާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އޭގެ ފަހުން މެޗުގެ 39 ވަނަ މިނިޓްގައި ސްޓެވާޓް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އީގަލްސް ކީޕަރު ލަންކާގެ ސުޖަން ޕެރޭރާ ފަސޭހަކަމާ އެކު ނެގި އެވެ. ސްޓެވާޓް އެ ބޯޅަ ފޮނުވާލިއިރު، އަރިމަތީގައި ދާދު ހުސްކޮށް ހުއްޓެވެ.
މުޅި މެޗުގައި ވެސް އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ އެންމެ ކުރިއަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ އަށް ދޭ ބޯޅަތައް މަދުވުމެވެ. މާޒިޔާގެ ޑިފެންޑަރުން ދިޔައީ ލުއިޒް އެޑުއާޑޯ ހިފެހެއްޓުމުގައި ކުރި ހޯދަމުންނެވެ.
ދެ ވަނަ ހާފް ފަށައިގެން ހަ ވަނަ މިނިޓް ތެރޭ ދެ ވަނަ ލަނޑެއް ޖަހަން މާޒިޔާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ދާދު ނަގައިދިން ހުރަސް ގޯލު ކުރިމަތިން ހުރަސްވެގެންދިޔައިރު، އެ ބޯޅަ ފޮނުވާލަން އެރި ސްޓެވާޓް ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.
މެޗުގެ ފަހު 25 މިނިޓަށް އީގަލްސް އިން މުހައްމަދު ނާއިމްގެ ބަދަލުގައި ހަސަން ރާއިފް (ހަންނަ) ކުޅެން އެރުވިއިރު، މާޒިޔާ އިން ވަނީ އާދަމް ނާސިހު (އާދަންނާ)ގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) އަރުވައިފަ އެވެ.
ކައުންޓަ އެޓޭކުގައި މެޗުގެ 69 ވަނަ މިނިޓްގައި އީގަލްސްގެ ލުއިޒް އެޑުއާޑޯ އަށް ލިބުނު ބޯޅަ އޭނާ އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
މެޗުގެ ފަހު 15 މިނިޓް ތެރޭ މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އާއްކޮ އަށް ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. އީގަލްސްގެ ހެލްމެޓް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އާއްކޮ ވެއްޓިގެންފައި ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ކީޕަރު ސުޖަން ވަނީ ފަސޭހަކަމާ އެކު ބޯޅަ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން އީގަލްސްގެ އަހުމަދު ޒާދު ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ މަތީ ދަނޑީގައި ޖެހިފައި ނުކުތުމުން ލިބުނީ އާއްކޮ އަށެވެ. އޭނާ އެ ބޯޅަ އެއް ފަހަރުން ގޯލަށް ޖެހުމުގެ ބަދަލުގައި ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ވަނީ ގެއްލިފަ އެވެ.
މާޒިޔާ އިން ވަނީ މެޗުގެ ފަހު ވަގުތު ދާދުގެ ބަދަލުގައި ގާސިމް ސައްމާމު (ސައްމެ) ކުޅެން އަރުވައިފަ އެވެ. އެ ބަދަލާ އެކު މާޒިޔާ އިން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. އެގޮތަށް ކުޅެމުން ދަނިކޮށް އީގަލްސް ފަހަތަށް ދިޔަ ބޯޅައެއްގައި އެ ޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްޓެވާޓް ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
މެޗާ ބެހޭގޮތުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފެނިގެންދިޔައީ މާޒިޔާ ވަރަށް އޮގަނައިޒްކޮށް ކުޅެމުންދިޔަ ތަން ކަމަށާއި އެ ގޮތަށް ބަލާއިރު އެ ޓީމަށް މޮޅެއް ހައްގުވާ ކަމަށެވެ.
"އަޅުގަނޑުމެން މެޗު ކޮންޓްރޯލް ކުރިޔޭ ބުނެވިދާނެ. އެކަމަކު ފެނިގެންދިޔައީ މާޒިޔާގެ ފަރާތުން ވަރަށް ރަނގަޅު އޮގަނައިޒް ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަތަން. ވަރަށް ރަނގަޅަށް ޑިފެންސިވް ޑިސިޕްލިން ހިފަހައްޓައިގެން އެ ޓީމުން ކުޅުނު. އަޅުގަނޑުމެންނަށް ގޯލު ޖަހަން ފުރުސަތުތަކެއް ތަނަސްވެސް ނުކުރެވުނު،" މޯހަން ބުންޏެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ފުރަތަމަ ބުރުގައި އެ ޓީމަށް ޕޮއިންޓްތަކެއް ގެއްލިއްޖެ ކަމަށާއި އެހެންވެފައި އޮއްވައި ބްރޭކަކަށް ދިއުމުގެ ކުރިން ވާދަވެރި ޓީމެއް އަތުން ލިބުނު މޮޅުން ހިތްވަރު ލިބިއްޖެ ކަމަށެވެ.
"ވަރަށް ރަނގަޅަށް ކުޅުންތެރިން މަސައްކަތް ކޮށްގެން ކުޅެފި. އެ ކުރި ހިތްވަރާއި ހުރިހާ ކަމެއް ރަނގަޅުވެގެން ހޯދުނު މޮޅެއް މިއީ. ބްރޭކަކަށް ދިއުމުގެ ކުރިން މި މޮޅު ހޯދުމުން ލީގު ވެސް ފޯރިގަދަވެގެންދިޔަތަން މި ފެނުނީ،" އިންމަ ބުންޏެވެ.
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް
މާޒިޔާ އަކީ ޖެހިލުންވާންޖެހޭ ޓީމެއް: މޯހަން
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން
އަސަދުﷲއާ އެކު މާޒިޔާ އިން ތަފާތު ފެންނާނެ