Roadha Mihaaru
މައުމޫން، ރޯދަ މަހަށް ގެއަށް ދޫކޮށްދިނުމަށް އެދިއްޖެ

މައުމޫން، ރޯދަ މަހަށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިއްޖެ

17 މެއި 2018

މި ރޯދަ މަހަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފި އެވެ.

މި ރޯދަ މަހަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފި އެވެ.

އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިގެން ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނެވި މައުމޫން، ރޯދަ މަހަށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އަނބިކަނބަލުން ނަސްރީނާ އެދިވަޑައިގަތީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.

އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ނަސްރީނާ މައިގަނޑު ގޮތެއްގައި ވިދާޅުވީ، ފިރިކަލުން މައުމޫނަކީ އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ބޭފުޅެއް ކަމަށާއި އަދި އެ މަނިކުފާނު ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.

އެހެންވެ، އެ ހާލަތުގައި މައުމޫނު ގިނިކަންޏާ ހުންނަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް އަރިހުގައި އަބަދު ވެސް މީހަކު ބެއްހެޓުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށް ނަސްރީނާ ވިދާޅުވި އެވެ. އެ ސަބަބާ ހެދި، މައުމޫން މި ރޯދަ މަހު ދޫނިދޫ ޖަލުގައި ހުންނެވުމަކީ އެމަނިކުފާނަށް ތަހައްމަލް ކުރެއްވޭ ވަރަށް ވުރެ ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިހުސާސް ކުރެއްވޭ ކަމަށް ނަސްރީނާ ވިދާޅުވި އެވެ.

"[މައުމޫން] ރޯދަފުޅު ހިއްޕެވުމާއި ރޯދަ މަހަށް ޚާއްސަ އަޅުކަންތައް ކުރައްވައި ހެއްދެވުމަކީ، އެފަދަ ހާލުކޮޅެއްގައި ގިނިކަންޔާ ހުންނަވައިގެން އެމަނިކުފާނަށް ކުރެއްވޭނެ ކަންތައްތަކެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ،" ނަސްރީނާގެ ސިޓީފުޅުގައި ވެ އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތާ ދެ ހަފުތާއެއްހާ ދުވަސް ވެފައިވާއިރު، ހާލުކޮޅު ބޮޑުވާ ދުވަސް ދުވަހު ނަސްރީނާ ވެސް ދޫނިދޫ ޖަލަށް ފުލުހުން ގެންގޮސްފައި ވެ އެވެ.

މައުމޫން މީގެ ތިން މަހެއްހާ ދުވަސް ކުރިން ހައްޔަރުކުރީ، ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކޮއްކޯފުޅު ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކުރުމަށް ފަހު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.