Roadha Mihaaru
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

12 ޖޫން 2021

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އޮފިޝަލަކު ވަނީ އުމުރުން 70 އަހަރުގެ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ހާލުކޮޅާ ބެހޭ ގޮތުން ތަފްސީލެއް ނުދެއްވަ އެވެ.

ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވިޔަސް މައުމޫން ޕޮޒިޓިވް ނޫން ކަމަށް އެނގިފައިވެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އޯގަސްޓް 25 ގައި ފަރުވާ ދޭން ފެށުމަށް ފަހު ބަލިން ރަނގަޅުވެ ދޫކޮށްލީ ސެޕްޓެމްބަރު 14 ގަ އެވެ.

މައުމޫންގެ ދެކަނބަލުން ކުރިން ވަނީ ކޮވިޑް ވެކްސިން ވެސް ޖައްސަވައިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމަށް ފަހު އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު ވަނީ ކޭސްތަކުގެ އަދަދު މަދުވާން ފަށައިފަ އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ ވެސް މުޅި ރާއްޖޭން 295 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 13،000 ގަ އެވެ. މިއީ 25،000 އާ ހުރުމަށް ފަހު އައި ދަށްވުމެކެވެ.