Roadha Mihaaru
މައުމޫންގެ ހާލުކޮޅު ރަނގަޅު: އާއިލާ

މައުމޫންގެ ހާލުކޮޅު ރަނގަޅު، އަލާމާތްތައް ހުރީ ކުޑަކޮށް: އާއިލާ

26 އޯގަސްޓް 2020

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑްގެ އަލާމާތް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑްގެ އަލާމާތް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، އިއްޔެ ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓު ކުރެއްވިއިރު، އެ މަނިކުފާނުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ. ރޭގައި ނަތީޖާ ލިބުމާ އެކު، މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފަ އެވެ.

"[ބަލީގެ] އަލާމާތް ވަރަށް ކުޑަ އިންޝާﷲ،" މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވި އެވެ.

މިއީ، ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އުމުރުފުޅުން 81 އަހަރުގެ މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން ޓުވިޓާގައި އެ މަނިކުފާނު ރޭ 10:30 ވާން އުޅެނިކޮށް އިއުލާން ކުރެއްވީ އަމިއްލަފުޅަށެވެ. އެ ޓުވީޓުގައި މައުމޫން ވިދާޅުވީ، އެ މަނިކުފާނާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އެހެން އެންމެންނަށް އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް އާލާސްކަންފުޅާ އުޅުއްވާތީ، މި މަހުގެ ކުރީކޮޅު ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ކޮވިޑަށް ޓެސްޓުކުރި އެވެ. އެ ކަމަނާގެ އެ ޓެސްޓު ވަނީ ނެގެޓިވް ވެފަ އެވެ.

މިދިޔަ މާޗު 7 އިން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ 7،047 މީހަކަށް ކޮވިޑް ޖެހިފަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެ ހަވީރު 6 އަށް އެކަނިވެސް 135 މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. ހާލަތު ގޯސްވަމުން ދާއިރު، މިހާރު ކޮންމެ ދުވަހަކު ވެސް ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. މި އަދަދު ދަށަށް ނުދާ ނަމަ އަނެއްކާ ވެސް ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމުގެ އިންޒާރު ކަމާ ގުޅޭ އިދާރާތަކުން ވަނީ ދީފަ އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 28 މީހަކު ވަނީ މަރުވެފަ އެވެ. އެ ބައްޔަށް މިހާރު 2،580 މީހަކު ފަރުވާ ހޯދަމުން އަންނައިރު، 173 މީހަކު ހޮސްޕިޓަލްތަކުގައި ވަނީ އެޑްމިޓް ކޮށްފަ އެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 4،439 މީހެކެވެ.