Roadha Mihaaru
ބައްޕަގެ ހާލު އަންނަނީ ރަނގަޅު ވަމުން: ޔުމްނާ

ބައްޕަގެ ހާލު އަންނަނީ ރަނގަޅު ވަމުން: ޔުމްނާ

28 އޯގަސްޓް 2020

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެ މަނިކުފާނުގެ ހާލުކޮޅު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ރަނގަޅުވަމުން ކަމަށް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެ މަނިކުފާނުގެ ހާލުކޮޅު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ރަނގަޅުވަމުން ކަމަށް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، މިދިޔަ އަންގާރަ ދުވަހު ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓު ކުރެއްވިއިރު، މައުމޫން 82، ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ. ނަތީޖާ ލިބުމާ އެކު، ހަމަ އެ ރޭ މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފަ އެވެ. އާޓްސް، ކަލްޗާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. މަންމާފުޅު، އަދި ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމްގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށް ޔުމްނާ ވިދާޅުވި އެވެ. މި މަހުގެ ކުރީކޮޅު އާލާސްކަންފުޅެއްގައި އުޅުއްވާތީ ނަސްރީނާ ވެސް ކޮވިޑަށް ޓެސްޓު ކުރި އެވެ. އެ ކަމަނާ އެ ބައްޔަށް ޕޮޒިޓިވްއެއް ނުވެ އެވެ.

"ހެޔޮ ދުއާ ކުރެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ހޯމް ކަރަންޓީނުގައި ހުންނެވި ޔުމްނާ ވިދާޅުވި އެވެ.

ކޮވިޑްގެ އަލާމާތްތައް މައުމޫންގެ ކިބައިން ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް އެ މަނިކުފާނުގެ އާއިލާ އިން ކުރިން ބުނެފައި ވެ އެވެ.

ޔުމްނާގެ ޓުވީޓު

މިއީ، ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މައުމޫންގެ ހަގު ދަރިކަލުން އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ކޮވިޑަށް ހެއްދެވި ޓެސްޓު ވަނީ އިއްޔެ ނެގެޓިވްވެފަ އެވެ.

ރާއްޖެއިން މިދިޔަ މާޗު 7 ގައި ކޮވިޑް ފެނުނު ފަހުން 7،329 މީހަކަށް އެ ބަލި ޖެހިފައި ވެ އެވެ. ލޮކްޑައުން އަށް ދިން ބޮޑު ލުޔާއެކު ކޮވިޑުގެ ހާލަތު ގޯސްވަމުން ދާއިރު، މިހާރު ކޮންމެ ދުވަހަކު ވެސް ރާއްޖެ އިން ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. މި އަދަދު ދަށަށް ނުދާ ނަމަ އަނެއްކާ ވެސް ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމުގެ އިންޒާރު ކަމާ ގުޅޭ އިދާރާތަކުން ވަނީ ދީފަ އެވެ.