06 މެއި 2018
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިން އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގައި ކަމަށް އެ މަނިކުފާނުގެ އާއިލާ އިން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިން އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގައި ކަމަށް އެ މަނިކުފާނުގެ އާއިލާ އިން ބުނެފި އެވެ.
ޖަލު ބަންދުގައި ހުންނެވި މައުމޫންގެ ސިއްހީ ހާލުކޮޅު މިހާރު ރަނގަޅު ނޫން ކަމަށް އެ މަނިކުފާނުގެ އާއިލާ އިން ބުނެ އެވެ. އެ ގޮތުން އެ މަނިކުފާނު އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
މައުމޫންނަށް ދިމާވެފައިވާ ސިއްހީ މައްސަލައިގެ ތަފްސީލު ހާމަކުރައްވައި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، މިދިޔަ މާޗް މަހު، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައިވާ ކަމަށެވެ.
އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު އޮވެ އެވެ.
"އެއްވެސް ހާލެއްގައި ގިނިކަންޏާ ނުހުންނެވުމަށް ވެސް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވައިފަ އެވެ. އެހެންކަމުން އަޅުގަނޑުގެ ފިރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމާ ހަމަ އަށް ވެސް ފިރިކަލުންގެ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ އަޅުގަނޑާ އެކުގަ އެވެ،" މައުމޫންގެ ހާލުކޮޅު ބަޔާން ކުރައްވަައި، ކްރިމިނަލް ކޯޓަށް ނަސްރީނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ނަސްރީނާގެ އެ ސިޓީގައި އެދިވަޑައިގެންފައި ވަނީ މައުމޫންގެ ބަލިހާލު ބޮޑުވެދާނެތީ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށެވެ.
ރައީސް މައުމޫން ބަންދުން ދޫކުރުމަށް ގޮވާލައި އަނބިކަނބަލުން ނަސްރީނާ އަޑު އުފުއްލަވަނީ-- މިހާރު ފޮޓޯ: ހުސައިން ވަހީދު
އެނގިފައިވާ ގޮތުގައި މައުމޫން މިހާރު އޮންނެވީ އެ ބަލީގައި އާލާސްކަންފުޅާ އެވެ. ސާފުތާހިރުވުން ފަދަ ކަންކަން އަމިއްލަފުޅަށް ނުކުރެވެ އެވެ.
މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ކުރިން ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، އެއްވެސް ވަރަކަށް އެ މަނިކުފާނުގެ އިސްތަށިފުޅު ގުޑުވައި ނުހެދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.
"ކޮންމެ ފަދަ ވަގުތެއްގައި ވެސް ރައީސް މައުމޫން ވެއްޓިވަޑައިގަތުމުގެ ފުރުސަތު އޮތް ކަަމަށް ޑޮކްޓަރު ވިދާޅުވީ. އެހެންވީމަ އެ މަނިކުފާނުގެ އެންމެ ޒަރޫރީ ބޭނުންތައް ވެސް އަމިއްލަފުޅަށް ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައި އެ ވަނީ،" ފައިސަލް ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ ކްރިމިނަލް ކޯޓުންއަމުރުކޮށްފަ އެވެ.
މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!
މައުމޫން، ރޯދަ މަހަށް ގެއަށް ދޫކޮށްދިނުމަށް އެދިއްޖެ
ފަރުވާ އަށް ފަހު މައުމޫން ދޫނިދު އަށް ގެންގޮސްފި
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި
ރޭ ވެސް ނަސްރީނާ ޖަލަށް ވަޑައިގެންނެވި
މައުމޫންގެ އަރިހުގައި އަޅުގަނޑު ބަހައްޓަވާ: ނަސްރީނާ
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މައުމޫން، ނަސްރީނާ އަށް: ވަރަށް އަވަހަށް ބައްދަލުވާނެ
ނަސްރީނާގެ ހާލު އަންނަނީ ރަނގަޅުވަމުން: މައުމޫން
މައުމޫނާ ބައްދަލުކުރަން ފުރުސަތެއް ނުދިން: ވަކީލު