Roadha Mihaaru
ރާއްޖޭގެ ސްކޫލްތަކަށް ޕާކިސްތާނުން 30 ލެޕްޓޮޕް ދީފި

ރާއްޖޭގެ ސްކޫލްތަކަށް ޕާކިސްތާނުން 30 ލެޕްޓޮޕް ހަދިޔާކޮށްފި

13 މެއި 2018

ރާއްޖޭގެ ސްކޫލްތަކަށް ޕާކިސްތާނުގެ ސަރުކާރުން 30 ލެޕްޓޮޕް މިއަދު ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ސްކޫލްތަކަށް ޕާކިސްތާނުގެ ސަރުކާރުން 30 ލެޕްޓޮޕް މިއަދު ހަދިޔާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕާކިސްތާނުގެ އެމްބަސީގެ ފަރާތުން ލެޕްޓޮޕްތައް ހަދިޔާ ކުރެއްވީ، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވަސީމް އަކްރަމެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

ލެޕްޓޮޕްތައް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވަސީމް ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އެ ގައުމުން އަބަދު ވެސް އެހީތެރިކަން ދެމުން އަންނަ ކަމަށެވެ. ރާއްޖެ އަށް ޕާކިސްތާނުން ދެމުން އަންނަ ސްކޮލަޝިޕްތަކާއި އެހެނިހެން ފުރުސަތުތައް ވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސްކޫލްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނައިރު، މިއަދު ހަދިޔާކުރި ލެޕްޓޮޕްތަކުން އެކަމަށް ފައިދާ ކުރާނެ އެވެ.

"ޕާކިސްތާނުން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ލެޕްޓޮޕް ހަދިޔާ ކުރާނަން. އެގޮތުން އަންނަ އަހަރު ލެޕްޓޮޕްގެ އަދަދު 50 އަށް އިތުރުކޮށް، ފެންވަރު އަދި ކޮލިޓީ ރަނގަޅު ލެޕްޓޮޕް ހަދިޔާ ކުރާނަން" ވަސީމް ވިދާޅުވި އެވެ.

ޕާކިސްތާނުން ރާއް ޖެއަށް 30 ލެޕްޓޮޕް ހަދިޔާ ކުރަން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވަސީމް (ވ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޕާކިސްތާނުން ރާއް ޖެއަށް 30 ލެޕްޓޮޕް ހަދިޔާ ކުރަން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވަސީމް (ވ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ތައުލީމީ އަދި ސިއްހީ ދާއިރާ އިން މީހުން ބިނާކުރަން ޕާކިސްތާންގެ ސަރުކާރުގެ އެހީތެރިކަން ލިބުނު ކަމަށެވެ. އެގޮތުން، ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ގާއިމްކުރާ މެޑިކަލް ކޮލެޖަށް ވެސް ޕާކިސްތާންގެ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަަން ނަޒީރު ފާހަގަކުރެއްވި އެވެ.

މިިދިޔަ އަހަރު ވެސް ޕާކިސްތާން އެމްބަސީން ރާއްޖެ އަށް 15 ލެޕްޓޮޕް ހަދިޔާ ކުރި އެވެ. އެ ލެޕްޓޮޕްތައް ދީފައި ވަނީ މާލޭގައި ސަރުކާރުން ހިންގާ 14 ސްކޫލަށާއި އައްޑޫ ހައި ސްކޫލަށެވެ.

މިއަދު ހަދިޔާކުރި ލެޕްޓޮޕްތައް ދޭނީ ރަށްރަށުގެ ތެރެއިން، އޭ ލެވެލްގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ސްކޫލްތަކަށެވެ. އެގޮތުން ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާގައި، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ލެޕްޓޮޕް ދޭނެ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެ އަށް ލެޕްޓޮޕް ހަދިޔާ ކުރަނީ "ޖިނާހު ޕެޕްޓޮޕް ސްކީމް" ގެ ތެރެއިންނެވެ. އެ ސްކީމް ނިސްބަތް ވަނީ ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލް މުހައްމަދު އަލީ ޖިނާހު އަށެވެ.