Roadha Mihaaru
އަރީފަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް

އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް

07 މެއި 2018

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އިިދިކޮޅު ސިޔާސީ ލީޑަރުންތަކެއްގެ އިތުރުން ނުވަ ގައިދީ އަކު ދޫކުރުމަށް އަންގައި މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

އެ މައްސަލާގައި މިދިޔަ ހަފުތާގައި އަޑުއެހުމެއް ބާއްވާފައިވާއިރު، ވަކީލަކާ އެކު ހާޒިރުވެ ދައުވާ އަށް ޖަވާބުދާރީ ވުމަށް އަރީފަށް ކޯޓުން ވަނީ އެ ދުވަހު ފުރުސަތު ދީފަ އެވެ.

އަރީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އޭގެ ތެރެއިން ނަދީމްގެ މައްސަލާގެ އަޑުއެހުމެއް މިއަދު ބޭއްވިއިރު، އިލްހާމާއި ސިނާންގެ މައްސަލާގެ އަޑުއެހުމެއް ވެސް މިއަދު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެ ބޭފުޅުންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.