Roadha Mihaaru

އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

އަރީފަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

04 ޖޫން 2018

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ހައްޔަރު ކުރި އަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މިއީ އަރީފްގެ މައްސަލަ ތާވަލު ކުރުމަށް ފަހު ކެންސަލް ކުރި ދެ ވަނަ ފަހަރެވެ.

އަރީފްގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މިދިޔަ އަހަރުން ފެށިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އަރީފް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އެ ކަމަށް ދުރާލައި އަރީފް ތައްޔާރުވި ކަމަށާއި އަދި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކާ ޚިލާފަށް އޭނާ ބޭނުންވާ ބައެއް ފުލުހުންތަކެއް، ފެބްރުއަރީ 1 ގެ އަމުރު ނެރެންވާ އިރަށް މަގުމައްޗަށް ނެރެން ތައްޔާރުކުރި ކަމަށް ދައުވާގައިވެ އެވެ. ފުލުހުންތައް ނެރެގެން އަރީފް މަސައްކަތް ކުރީ އެހެން ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން ކަމަށް ދައުވާގައިވެ އެވެ.

އަރީފްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަރީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރެ އެވެ.