Roadha Mihaaru
އަރީފް އުޅުނީ ސަރުކާރު ވައްޓާލަން: ދައުލަތް

މިދިޔަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން އަރީފް އުޅުނު: ދައުލަތް

02 މެއި 2018

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިދިޔަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިދިޔަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް ފަހު މަގާމުން ވަކިކޮށް، އޭގެ ދުވަސްކޮޅެއް ފަހުން ހައްޔަރުކޮށް، އަރީފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ވަނީ ފަށައިފަ އެވެ. އެ މައްސަލާގައި އަރީފް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މިދިޔަ އަހަރުން ފެށިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އަރީފް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އެކަމަށް ދުރާލައި އަރީފް ތައްޔާރުވި ކަމަށާއި އަދި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކާ ޚިލާފަށް އޭނާ ބޭނުންވާ ބައެއް ފުލުހުންތަކެއް، ފެބްރުއަރީ 1 ގެ އަމުރު ނެރެން ވާއިރަށް މަގުމައްޗަށް ނެރެން ތައްޔާރުކުރި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެ ފުލުހުންތައް ނެރެގެން އަރީފް މަސައްކަތް ކުރީ އެހެން ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން ކަމަށް ވެސް ދައުވާ އިއްވަވަމުން އޭނާ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ އިއްވުމުން އަރީފް ވިދާޅުވީ އޭނާ އެ މައްސަލާގައި ކުރިއަށް ވަޑައިގަންނަވަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށާއި ދައުވާ ސާފު ނުވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، އެ މައްސަލާގައި އަރީފްގެ ބަންދާ މެދު ގޮތެއް ނިންމިއިރު، ހަ ވަކީލަކު ތިއްބެވި ކަމަށާއި އޭގެ ތެރެއިން ދެ ވަކީލަކު މިހާރު އެ މައްސަލަ ދޫކޮށްލާފައިވާ ކަމަށެވެ. ބާކީ ތިބި ހަތަރު ވަކީލުންނާ ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ގާޒީ ވިދާޅުވި އެވެ. އެގޮތަށް ވިދާޅުވެ، ގާޒީ އެންގެވީ ދެ ދުވަސް ތެރޭގައި ވަކީލަކު އައްޔަންކޮށް، ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވުމަށެވެ.

ގާޒީ ހައިލަމް ވިދާޅުވި ގޮތުގައި މައްސަލަ ދޫކޮށްލި ދެ ވަކީލުން ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ އެ ވަކީލުންނަކީ ހަމައެކަނި މުއްދަތު މަޖިލީހަށް އައްޔަންވި ބައެއް ކަމަށް ބުނެ އެވެ. އެކަމަކު ކޯޓުގައި އަމަލުކުރާ އުސޫލުތަކަށް ބަލާއިރު، ހަމައެކަނި މުއްދަތު މަޖިލީހަށް ކަމަށް ބުނެ އައްޔަން ކުރެވޭ ވަކީލުން ނުތިބޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލާގައި އެ ދެ ވަކީލުން އިތުރަށް ބަލައި ނުގަނެވޭނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އަރީފްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަރީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރެ އެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކު ފިޔަވައި، ދެން ތިއްބެވި ބޭފުޅުންގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ. ބާކީ ހުންނެވި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތް މިއަދު ހަވީރު ފަށަން ވަނީ ހަމަޖައްސައިފަ އެވެ.