02 މެއި 2018
އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި 1991 ވަނަ އަހަރު މާލޭގައި ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ބަންގްލަދޭޝްގެ މުހައްމަދީން ސްޕޯޓިން ކްލަބް 2-0 އިން މޮޅުވިއިރު އެ މެޗުގައި ލަނޑު ޖެހި ސައިފުލް ބާރީ ޓީޓޫ ދަނޑުން ފޭބީ އުފަލުންނެވެ. އެކަމަކު އޭގެ 27 އަހަރު ފަހުން މިއަދު އޭނާ ދަނޑުން ފޭބީ ހިތްދަތިކަމާ އެކު އެވެ. ބާރީގެ ކޯޗުކަމުގެ ދަށުން ކުޅުނު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ރާއްޖޭގެ ނިއު އަތުން 5-1 އިން ބަލިވުމުންނެވެ.
އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި 1991 ވަނަ އަހަރު މާލޭގައި ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ބަންގްލަދޭޝްގެ މުހައްމަދީން ސްޕޯޓިން ކްލަބް 2-0 އިން މޮޅުވިއިރު އެ މެޗުގައި ލަނޑު ޖެހި ސައިފުލް ބާރީ ޓީޓޫ ދަނޑުން ފޭބީ އުފަލުންނެވެ. އެކަމަކު އޭގެ 27 އަހަރު ފަހުން މިއަދު އޭނާ ދަނޑުން ފޭބީ ހިތްދަތިކަމާ އެކު އެވެ. ބާރީގެ ކޯޗުކަމުގެ ދަށުން ކުޅުނު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ރާއްޖޭގެ ނިއު އަތުން 5-1 އިން ބަލިވުމުންނެވެ.
މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމަށް އައިސް އޭނާ ފުރަތަމަ އެދުނު އެދުމުން ވެސް އެކަން ސާބިތުވެ އެވެ. މޭޒު ކައިރީ އިށީނދެ އިންއިރު، ދަނޑުގެ ސްކޯބޯޑުން "5-1" ގެ ނަތީޖާ ފެންނަން ހުރުމުން އޭނާ އެދުނީ، ޕްރެސް ބޮކްސްގެ ދޮރުގެ ދޮރުފޮތިގަނޑު ކަހާލުމަށެވެ.
"ދެކެން ފަސޭހަ މަންޒަރެއް ނޫން،" ބާރީ ބުންޏެވެ. "އަހަރެން 1991 ވަނަ އަހަރު މިތަނަށް އައިސް ނިއު ރޭޑިއަންޓް އަތުން 2-0 އިން މޮޅުވިން. އެ މެޗުގައި އަހަރެން ލަނޑު ވެސް ޖެހިން. އެހެންވީމާ 5-1 ގެ މި ނަތީޖާ މިއީ އަހަންނަށް އިންސާފުވެރި ނަތީޖާއެއް ނޫން."
އެކަމަކު އޭނާ ބުނީ މިކަމުން ދައްކައިދެނީ އޭރާ ބަލާއިރު ބަންގްލަދޭޝް ފުޓްބޯޅައަށް ކުރިއެރުން އައިސްފައިނުވާކަން ކަމަށާއި ރާއްޖޭން މިހާރު ކުޅެނީ ބަންގްލަދޭޝްއާ ބަލާއިރު ވަރަށް ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.
"އޭރު ރާއްޖެ އެހާ ވަރުގަދައެއް ނޫން މިހާރާ ބަލާއިރު. އެހެންވެ މިއީ އަހަންނަށް ވަރަށް ވޭންހުރި ނަތީޖާއެއް،" ބަންގްލަދޭޝް ގައުމީ ޓީމަށް ތިން ފަހަރު ކޯޗުކޮށްދީފައިވާ ބާރީ ބުންޏެވެ.
މިއަދުގެ މެޗުގައި އަބަހާނީ ކޮޅަށް ހެޓްރިކް ހެދި އަލީ ފާސިރު (ސެންޓޭ) އަކީ ޑާކާގައި ކުޅުނު މެޗުން ނިއު މޮޅުވިއިރު ވެސް ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މެޗުގެ ކުރިން ވެސް ބާރީ ވަނީ ސެންޓޭ އާއި އަލީ އަޝްފާގް (ދަގަނޑޭ) ފަދަ ކުޅުންތެރިންނާ އެކު ނިއު އިން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ބުނެފަ އެވެ. އޭނާ މެޗަށް ފަހު ބުނީ ނިއުގެ އެ ކުޅުންތެރިންނާއި ކުޅުމުގެ ސްޓައިލް އޭނާގެ ޓީމަށް ވާދަވަކުރެވޭ ވަރަށް ވުރެ މާ ތަފާތު ކަމަށެވެ.
"އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ). ޑިފެންސުގައި އެ ތިބި ކުޅުންތެރިންނާއި ދުރުން ވައްޓާލާ ދިގު ބޯޅަތައް. އެ އަވަސް ހަރަކާތްތައް. މިއީ އަހަރެމެންގެ ކުޅުންތެރިންގެ ފެންވަރާ ބަލާއިރު މާ މަތި. އަނެއްކާ ފާސިރާއި އަޝްފާގަށް މާބޮޑަށް ހުސް ޖާގަ ދިނީ އަހަރެމެންގެ ޑިފެންޑަރުން. އަޝްފާގް ގިނަ ފަހަރަށް އޮފްސައިޑް މަގާމުގައި ހުރެ ހަރަކާތެއް ނުކުރޭ، އެ ވަގުތު ފާސިރު ފަހަތުން އައިސް ބޯޅަ ދަމައިގަންނަނީ. އަހަރެމެންގެ ޑިފެންޑަރުންނަށް ފާސިރު ޓްރެކެއް ނުކުރެވުނު. އަހަރެމެންގެ ކުޅުންތެރިން ޝަކުވާކުރި އޮފްސައިޑޭ ބުނެ. އެކަމަކު އަހަންނަށް ޔަގީން އޮފްސައިޑެއް ނޫން ކަން ތިން ގޯލް ވެސް،" ބާރީ ބުންޏެވެ.
އޭނާ ބުނީ މެޗަށް ނުކުތީ ޕޮއިންޓަކަށް ނޫން ކަމަށާއީ ސީދާ މޮޅަކަށް ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ހުރަސް އެޅީ ނިއުގެ ސެންޓޭ އާއި ދަގަނޑޭ އަދި އޭނާގެ ޓީމުގެ ފީކަޅާ ޑިފެންސް ކަމަށް ބާރީ ބުންޏެވެ. މިއަދުގެ މެޗުގައި ނިއު އިން ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އަބަހާނީން އެއްވަރު ކުރި އެވެ. އެކަމަކު ނިއު އިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައި ތަފާތު ވެސް ބޮޑުކޮށްލި އެވެ.
"އާއްމުކޮށް ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަދެވުމާ އެކު ޖެހޭނެ ޑިފެންސް ރަނގަޅުކުރަން. ސަބަބަކީ އިދިކޮޅު ޓީމުން އެވަގުތު އެޔެއް މިޔެއް ނުބަލާ އެޓޭކަށް އަރާ ގަޑީގައި ކައުންޓާގައި ނުރައްކާކުރަން ފުރުސަތު ލިބޭނެތީ. އެކަމަކު މިއަދު އެހެނެއް ނުވި،" ބާރީ ބުންޏެވެ.
މިއަދުގެ މެޗާ އެކު ފެނިގެން ދިޔައީ ދިވެހި ފުޓްބޯޅައަށް އައިސްފައިވާ ކުރިއެރުންކަން އޭނާ ފާހަގަކުރި އެވެ. އެކަމަކު އެއާ އެކު ވެސް އޭނާ ވަނީ ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން އާއި މުޅި އެ ޓީމަށް ކްރެޑިޓްދީފަ އެވެ.
"އަލީ އަޝްފާގާއި އަލީ ފާސިރު. ހާއްސަކޮށް ފާސިރު ކުޅުނު ވަރަށް މޮޅަށް. މި ކުޅުންތެރިޔާގެ ހުނަރަކީ އެހެން ލެވެލެއް،" މުބާރާތުގައި 11 ލަނޑު ޖަހާފައިވާ ދެ ކުޅުންތެރިންނާ ބެހޭގޮތުން ބާރީ ބުންޏެވެ.
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ
ބޮޑު މޮޅަކާ އެކު ނިއު ދެ ވަަނަ ބުރާ ގާތަށް
ވީހާ ވެސް އަވަހަށް ނަތީޖާ އަނބުރާލަން ޖެހޭ: އަކްރަމް
އަބަހާނީ ޓީމު ފިޒިކަލީ ވަރަށް ވަރުގަދަ: ނިއު
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު
"މިއީ ފުރިހަމަ މޮޅެއް، އެކަމަކު މިތިބީ ހަމަބިމުގައި"
ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް