02 މެއި 2018
އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު އޭއެފްސީ ކަޕްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ އަތުން 5-1 އިން ބޮޑު މޮޅެއް ހޯދައި ނިއު ރޭޑިއަންޓުން ދެ ވަނަ ބުރާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު އޭއެފްސީ ކަޕްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ އަތުން 5-1 އިން ބޮޑު މޮޅެއް ހޯދައި ނިއު ރޭޑިއަންޓުން ދެ ވަނަ ބުރާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ނިއު އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުގައި ރަށުންބޭރުގައި މި މަހު 16 ވަނަ ދުވަހު އައިޒޯލް އަތުން މޮޅުވެގެން ނިއު އަނެއް ބުރަށް ދާނެ އެވެ. އެކަމަކު މިރޭ އައިޒޯލް އަތުން ބެންގަލޫރު ބަލިވެއްޖެ ނަމަ ނިއު އަށް ދެ ވަނަ ބުރު ކަށަވަރުވާނެ އެވެ.
މިއަދުގެ ބައްޔާ އެކު އަބަހާނީ މުބާރާތުން ކަޓާފައިވާއިރު، އެ ޓީމަށް ފަސް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މުބާރާތުން ކަޓާފައިވާ އައިޒޯލަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.
ނިއު އިން މި މެޗަށް ނުކުތީ ބެންގަލޫރު އަތުން މިދިޔަ މަހު 25 ގައި ނިއު އިން މޮޅުވި މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް އެއް ބަދަލު ގެނެސްގެންނެވެ. މުހައްމަދު ރަޝީދު (ހޮކޭ)ގެ ބަދަލުގައި ސްޕެއިނުގެ ޑިފެންޑަރު ޖޯޖް ގޯތޯރު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ބެންގަލޫރާ ދެކޮޅަށް ގޯތޯރް ނުކުޅުނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވުމުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހަމަލާ އުފެއްދީ އަބަހާނީންނެވެ. އެ ޓީމުގެ ޖަޕާން މިޑްފީލްޑަރު ކޮޖިމާ ސެއިޔާ އޭރިއާ ތެރެއިން ނަަގައިދިން ބޯޅަ ގޯލު ކުރިމަތިން ހުރަސްވިއިރު، ޖަހަން އެރި އެއްވެސް ކުޅުންތެރިއެއް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
ފުރަތަމަ ދިހަ މިނިޓަށް ފަހު ނިއު އިން މެޗުގެ ތެރެއަށް އައިސް ކުޅުން ރަނގަޅުކޮށް އެޓޭކް އުފައްދަން މަސައްކަތް ފެށި އެވެ.
ނިއުގެ ފުރަތަމަ ފުރުސަތު ލިބުނީ ސެންޓޭ އަށެވެ. މެޗުގެ 13 ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށްލާފައި ސެންޓޭ އަށް ދިނުމުން އޭނާ ފޮނުވާލި ނަމަވެސް އަބަހާނީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ދަގަނޑޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ތިން މިނިޓް ފަހުން ނިއު އަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ސެންޓޭ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އަބަހާނީގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ދަގަނޑޭ އަށް ދިން ބޯޅަ އޭނާ އޭރިއާ ތެރެއިން ހޯދި ވަގުތު އަބަހާނީ ޑިފެންޑަރުން ވަނީ ދަގަނޑޭ އަށް ފައުލްކޮށްފަ އެވެ. މީގެ ކުރިން ސެންޓޭ ފޮނުވާލި ދެ ޕެނަލްޓީ ނާކާމިޔާބުވެފައިވީ ނަމަވެސް އޭނާ ވަނީ މި ފަހަރު ލިބުނު ފުރުސަތުގެ ބޭނުން ހިފައިފަ އެވެ.
ނިއުގެ ލީޑުފުޅާކޮށްދޭން މެޗުގެ 29 ވަނަ މިނިޓްގައި ދަގަނޑޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނިއުގެ ރިލްވާން ވަހީދު (ރިލޭ) ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ދަގަނޑޭ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ދަގަނޑޭ ފޮނުވާލި ބޯޅަ ވެސް ދިޔައީ ބޭރުންނެވެ.
ފުރަތަމަ ހާފުގެ ފަހު ފަސް މިނިޓްގައި އަބަހާނީން ކުޅުން ރަނގަޅުކޮށް ގިނަ އެޓޭކްތައް އުފެއްދި އެވެ. މެޗުގެ 41 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ކޮޖިމާ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ. އަބަހާނީގެ ކުރިއަށް ކުޅޭ ނައިޖީރިއާގެ ދެ ކުޅުންތެރިން ކަމަށްވާ ސަންޑޭ ޗިޒޯބާ އާއި އެމެކާ އޮނޫހާ ފިޒިކަލީ ވަރުގަދަވުމުން އެ ދެ ކުޅުންތެރިންނަށް ލިބޭ ބޯޅަތަކުގައި ނިއު އަށް އުނދަގޫތަކެއް ކުރިމަތިވި އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 30 ސިކުންތު ތެރޭ އަބަހާނީ އަށް އެއްވަރުކޮށްދިނީ ކޮޖިމާ އެވެ. އޭރިއާ ބޭރު ރޮނގުކައިރިން ކޮޖިމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އިމްރާން އަތުގައި ޖެހިފަ އެވެ.
އަބަހާނީގެ ގޯލާ އެކު ނިއު އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ނިއު އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިން ލަނޑު ޖެހީ ސެންޓޭ އެވެ. މެދުތެރެއިން އަބަހާނީ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައި އުމެއިރު ހުސްކޮށްލާފައި ދިނީ ސެންޓޭ އަށެވެ. އޭރިއާ ތެރެއަށް ވަދެ ސެންޓޭ ވަނީ ތިިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އޭގެ ފަހުން ނިއު އިން ވަނީ ދެ މިނިޓް ތެރޭ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ދަގަނޑޭ ދިން ބޯޅަ އަކުން ސެންޓޭ ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ސެންޓޭ މި ލަނޑު ޖެހީ އަބަހާނީގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށް ފަހު އެވެ. އޭގެ މިނިޓެއް ފަހުން ދަގަނޑޭ ނިއުގެ ހަތަރު ވަނަ ލަނޑު ޖެހީ އޭރިއާގެ ރޮނގުކައިރިން ފޮނުވާލި ބޯޅައަކުންނެވެ.
ނިއުގެ އަފްގާނިސްތާން ޑިފެންޑަރު އަމީރީ ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިއު އަށް ފަސް ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 65 ވަނަ މިނިޓް ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އަބަހާނީން މެޗުގެ ފަހު ފަނަރަ މިނިޓް ތެރޭ ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ނިއު އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ކައުންޓަ އެޓޭކުގައި އަބަހާނީ އަށް ނުރައްކާ ކުރަމުންނެވެ.
ނިއުގެ ފަސް ވަނަ ލަނޑު މެޗުގެ 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ ދަގަނޑޭ އެވެ. އުމެއިރު ދިން ބޯޅަ އަކުން އަބަހާނީގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށް ފަހު ދަގަނޑޭ ވަނީ އަބަހާނީ ކީޕަރު ޝާހިދުލް އަލާމް އަތްމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މި ސީޒަނުގައި ދަގަނޑޭ ޖެހި 12 ވަނަ ގޯލެވެ.
މި މުބާރާތުގައި މިހާތަނަށް ނިއުގެ ދެ ކުޅުންތެރިއަކު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އައިޒޯލާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ދަގަނޑޭ ހެޓްރިކެއް ހެދި އެވެ. އަދި މިއަދު ސެންޓޭ ހެޓްރިކެއް ހެދިއިރު، އޭނާ ވަނީ މި މުބާރާތުގައި މި ފަހަރު ފަސް ލަނޑު ޖަހައިފަ އެވެ. މިއީ ސެންޓޭ އޭއެފްސީ ކަޕުގައި ހެދި ފުރަތަމަ ހެޓްރިކެވެ. ނިއު އަށް މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިދިނީ ދަގަނޑޭ އެވެ. އޭނާ ވަނީ މިހާތަނަށް ހަ ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ
ކުރީގެ އުފާވެރިކަން މިއަދު ބަދަލުވީ ހިތްދަތިކަމަށް
ވީހާ ވެސް އަވަހަށް ނަތީޖާ އަނބުރާލަން ޖެހޭ: އަކްރަމް
އަބަހާނީ ޓީމު ފިޒިކަލީ ވަރަށް ވަރުގަދަ: ނިއު
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު
"މިއީ ފުރިހަމަ މޮޅެއް، އެކަމަކު މިތިބީ ހަމަބިމުގައި"
ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް