01 މެއި 2018
އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ފިޒިކަލީ ވަރުގަދަ ވުމަކީ ނިއު ރޭޑިއަންޓުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ފިޒިކަލީ ވަރުގަދަ ވުމަކީ ނިއު ރޭޑިއަންޓުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
މިދިޔަ ހަފުތާގައި މާލޭގައި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް، ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ހޯދާފައިވާ ނިއު އަށް މާދަމާ މޮޅުވުން ވަރަށް މުހިއްމެވެ. މާދަމާ ނިއު މޮޅުވެ، މާދަމާ ކުޅޭ އަނެއް މެޗުން އައިޒޯލް އަތުން ބެންގަލޫރު ބަލިވެއްޖެ ނަމަ ނިއު ދެ ވަނަ ބުރަށް ދާނެ އެވެ. އެ މެޗުން ބެންގަލޫރު މޮޅުވިޔަސް މާދަމާގެ މެޗާއި ފަހު މެޗު ކާމިޔާބުކޮށްގެން ދެ ވަނަ ބުރުގެ ފުރުސަތު ނިއު އަށް އޮތީ ހުޅުވިފަ އެވެ.
"ބެންގަލޫރު މެޗުން މޮޅުވެ އަހަރެމެން މިއޮތީ މުހިއްމު ފިޔަވަޅެއް ކުރިއަށް އަޅާފައި. އެކަމަކު އަދި އެއްވެސް ކަމެއް ހާސިލެއް ނުވޭ. އަހަރެން ދެކޭ ގޮތުގައި މާދަމާ މިއޮތީ އަނެއްކާ ވެސް އެހާމެ އުނދަގޫ މެޗެއް. ހާއްސަކޮށް ފިޒިކަލީ އެ ޓީމު ވަރުގަދަކަމުގެ ވިސްނުމުން ވިސްނައިފި ނަމަ، މިއީ އަހަރެމެންނަށް ވަރަށް އުނދަގޫވާނެ މެޗެއް. އަބަހާނީ މިތަނަކަށް ނާންނާނެ މޮޅަކުން ނޫން ގޮތަކަށް ފުއްދާލާކަށް. އަހަރެމެން ތިބެން ޖެހޭނީ އެންމެ ފުރިހަމަ ފޯމުގައި،" އޮސްކާ ބުންޏެވެ.
މި މެޗާ ކުރިމަތިލާއިރު އަބަހާނީ އަށް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. އެހެން ވިޔަސް އެ ޓީމުގެ ކޯޗު ބުނީ އޭނާގެ ޓީމަށް ހަގީގީ ފުރުސަތެއް ނެތް ކަމަށާއި މެޗަށް ނުކުންނަނީ ޕްރެޝަރެއް ނެތި ކަމަށެވެ. އެކަމަކު ނިއުގެ ކޯޗު ބުނީ ޑާކާ އިން އެ މަސައްކަތްކުރަނީ ނިއުގެ ވިސްނުމާ ކުޅެލަން ކަމަށެވެ.
"އެގޮތަށް ވާހަކަދެއްކިދާނެ، އެކަމަކު އެޔެއް ނޫން ކަން އޮތް ގޮތަކީ. އެ ޓީމަށް ވެސް ބާކީ ދެ މެޗުން މޮޅުވެ އަދި އައިޒޯލް އިން އަނެއް ދެ މެޗުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ ފުރުސަތު އޮންނާނެ. އެހެންވީމާ އަބަހާނީ އިން ވެސް ކުޅޭނީ މޮޅުވާން،" އޮސްކާ ބުންޏެވެ.
މި ދެ ޓީމު ޑާކާގައި ކުޅުނު މެޗުން 1-0 އިން ނިއު މޮޅުވި ނަމަވެސް އެ މެޗުގައި ނިއު އަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އޮސްކާ ބުނީ މި މެޗުގައި ވެސް އެ ޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"އަބަހާނީ ޓީމުން ވަރަށް ފަސޭހައިން ފަހަތަށް ޖެހޭނެ އަދި އެހާމެ ހަލުވިކަމާ އެކު ބޯޅަ ކުރިއަށް ފޯރުކޮށްދޭ. އެ ޓީމުގައި އެބަތިބި ފިޒިކަލީ ވަރުގަދަ ކުޅުންތެރިން. އެހެންވީމާ އަހަންނަށް ހީވަނީ އެއީ ވަރަށް ބެލެންސް ޓީމެއް ހެން. ވަރަށް އޯގަނައިޒްކޮށް ފެންނަނީ. އަހަންނަށް ހީނުވޭ އެ ޓީމުން މެޗުގެ ކޮންޓްރޯލް ހޯދަން އުޅޭނެހެން. ލަފާކުރެވެނީ ޑިފެންސްކޮށްފައި ކައުންޓާގައި ހެން ނުރައްކާކުރަނީ. ރެކޯޑްތަކަށް ބެލީމާ އެނގޭނެ އެގޮތަށް ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެންކަން އަހަރެމެންނަށް އުނދަގުލީ. މިއީ ވިސްނަން ޖެހޭނެ ކަމެއް،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ އަބަހާނީ ޓީމަށް ކުރިން ލަނޑެއް ޖެހިޔަދީގެން ނުވާނެ ކަމަށާއި އެހެންވެއްޖެ ނަމަ އެ ޓީމުން 10 ކުޅުންތެރިންނާ އެކު ޑިފެންސްކުރަން ފަސްނުޖެހޭނެ ކަމަށެވެ. އެ ޓީމުގައި ރަނގަޅު ޑިފެންޑަރުން ތިބުމުން އެ ހާލަތުގައި ވަރަށް ނުރައްކާ ވާނެ ކަމަށް އޭނާ ބުންޏެވެ.
"ނަތީޖާ އަށް ބަލަންޏާ އަބަހާނީ ޓީމުގައި އޮތީ ހަތަރު ޕޮއިންޓް. އެކަމަށް ކުޅުމަށް ބަލާއިރު، މިސާލަކަށް ބެންގަލޫރު މެޗުގައި ވެސް ފުރަތަމަ 60 މިނެޓުގައި އެ ޓީމުން މާމޮޅަށް ކުޅުނު. ބެންގަލޫރުން ބަދަލުތަކެއް ގެނެސް، ލިބުނު އެންމެ ފުރުސަތެއްގައި ގޯލް ޖަހައިގެން މޮޅުވީ."
ނިއު އިން ބެންގަލޫރާ ދެކޮޅަށް ކުޅުނީ ސަސްޕެންޝްވެފައިވާ ސްޕެއިން ޑިފެންޑަރު ޖޯޖް ގޮޓޯ ނުލަ އެވެ. އެ މެޗުގައި އަކްރަމް އަބްދުލްގަނީއާ އެކު ޑިފެންސް ބެލެހެއްޓި ހާރޫން އަމީރީ މޮޅަށް ކުޅުނެވެ. އޮސްކާ ބުނީ މި މެޗުގައި އަމީރީ އާއި ގޯޓޯ ވެސް ކުޅޭނެ ކަމަށެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކުޅުނު މެޗުގައި ދިވެހިންނަށް ވުރެ ގިނައިން ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަންއިރު އޮސްކާ ބުނީ މި މެޗުގައި އެހެން ނުވާނެ ކަމަށް އޭނާ އުއްމީދުކުރާ ކަމަށެވެ.
"ބޮޑެތި ކާމިޔާބީތައް ހާސިލްކުރެވޭނީ އެންމެން ގުޅިގެން. ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދަން އެންމެންގެ އެހީތެރިކަން ބޭނުންވޭ،" އޮސްކާ ބުންޏެވެ. "އަހަރެން އުއްމީދުކުރަން މާދަމާ ދިވެހިންނާ އެކު ދަނޑު ފުރޭނެ ކަމަށް."
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ
ކުރީގެ އުފާވެރިކަން މިއަދު ބަދަލުވީ ހިތްދަތިކަމަށް
ބޮޑު މޮޅަކާ އެކު ނިއު ދެ ވަަނަ ބުރާ ގާތަށް
ވީހާ ވެސް އަވަހަށް ނަތީޖާ އަނބުރާލަން ޖެހޭ: އަކްރަމް
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު
"މިއީ ފުރިހަމަ މޮޅެއް، އެކަމަކު މިތިބީ ހަމަބިމުގައި"
ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް