26 އެޕްރީލް 2018
އޭއެފްސީ ކަޕުގައި ބެންގަލޫރު އަތުން އިއްޔެ ހަވީރު 2-0 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުން ކުރި ވަރަށް މަސައްކަތްކޮށްފި ނަމަ މޮޅެއް ހޯދުމަކީ ފަސޭހަކަމެއް ކަމަށް ބެންގަލޫރުގެ އެސިސްޓަންޓް ކޯޗު ސްޕެއިނުގެ އެޑޫ ގޭސޯލް ބުނެފި އެވެ.
އޭއެފްސީ ކަޕުގައި ބެންގަލޫރު އަތުން އިއްޔެ ހަވީރު 2-0 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުން ކުރި ވަރަށް މަސައްކަތްކޮށްފި ނަމަ މޮޅެއް ހޯދުމަކީ ފަސޭހަކަމެއް ކަމަށް ބެންގަލޫރުގެ އެސިސްޓަންޓް ކޯޗު ސްޕެއިނުގެ އެޑޫ ގޭސޯލް ބުނެފި އެވެ.
ބެންގަލޫރުގެ ކޯޗު ސްޕެއިނުގެ އަލްބާޓް ރޮކާ ސަސްޕެންޝަނުގައި ހުރުމުން އިއްޔެގެ މެޗުގައި ކޯޗުކޮށްދިން އެޑޫ ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނީ މުޅި ސީޒަނުގައި ވެސް ފެނުނު އެންމެ ދަށް ކުޅުން ކަމަށާއި އެގޮތަށް ކުޅެގެން މޮޅެއް ނުހޯދޭނެ ކަމަށެވެ.
"ނިއު ރޭޑިއަންޓުގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ބާރު މިނެއްގައި އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަތަން. އެގޮތުގައި ކުޅެފި ނަމަ އެ ޓީމަށް މޮޅުވެވޭނެ. މިއީ އަހަރެމެން އެނގެން ޖެހޭ ކަމެއް ސަބަބަކީ އަހަރެމެން އެ ކުޅުނު ގޮތަށް ކުޅެގެން، އެގޮތަށް މަސައްކަތްކޮށްގެން ފައިނަލް ބުރަށް ކޮލިފައިވުމަކީ ވާނެ ކަމެއް ނޫން،" އެޑޫ ބުންޏެވެ.
ބެންގަލޫރުގެ ދަނޑުގައި މީގެ ދެ ހަފުތާ ކުރިން މި ދެ ޓީމު ކުޅުނު މެޗު ނިއު އިން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ފަހު ވަގުތު ލަނޑު ޖަހައި 1-0 އިން ބެންގަލޫރު މޮޅުވީ އެވެ. މިއަދުގެ މެޗުގައި ބެންގަލޫރުން ފަސޭހަކޮށްލީތޯ ސުވާލުކުރުމުން އެޑޫ ބުނީ އެފަދަ ކަމެއް ނެތް ކަމަށާއި އެ ޓީމުން ކުޅުނީ އެ ޓީމުގެ އަމިއްލަ ގޭމް ކަމަށެވެ.
"ފުރަތަމަ 15 މިނެޓުގައި ރަނގަޅު. އެކަމަކު 15 މިނެޓަށް ފަހު ފެނިގެން ދިޔައީ ނިއު ރޭޑިއަންޓުން ކުރިއަށް ޖެހިލައި މެޗު ކާމިޔާބުކުރިތަން. ހަގީގަތުގައި ވަރަށް ފަސޭހަވާނެ މޮޅުވާން. (އެއީ) އެ ޓީމުން މަސައްކަތްކުރި، އެ ޓީމުން ކުރިއަށް ޖެހުނު، އެ ޓީމުން ވަރުގަދަ އަށް ޖެއްސި. އެ ވިސްނުމުގައި ކުޅެގެން އެ މީހުންނަށް މޮޅުވެވޭނެ،" އެޑޫ ފާހަގަކުރި އެވެ.
ބެންގަލޫރުގެ ކެޕްޓަން އިތުބާރު ފޯވާޑް ސުނިލް ޗެތުރީ އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ފަޅިން ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި ކުޅުނީ ސެންޓަ ފޯވާޑަކަށެވެ. ފުރަތަމަ ހާފުގައި އޭނާ އަށް ލިބުނު ރަނުގެ ފުރުސަތެއް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ސަލާމަތްކުރި އެވެ. އެޑޫ ބުނީ ފަހު ހާފުގައި ޗެތުރީ ކުރިއަށް ލައިގެން ކުޅުނީ މެޗުން މޮޅެއް ހޯދުން ކޮންމެގެން ވެސް ބޭނުންވާތީ ޓީމުގެ ސިސްޓަމަކަށް ކޯޗު ގެނައި ބަދަލުން ކަމަށެވެ.
މީގެ ކުރިން ބެންގަލޫރުން ވަނީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެޑޫ ބުނީ ރާއްޖޭގެ ޓީމެއް އަލަށް މޮޅުވި ކަމަށްވީ ނަމަވެސް މިދިޔަ މެޗުތައް ވެސް ފަސޭހަ ނޫން ކަމަށެވެ.
"އަހަރެން ހަނދާންވޭ އެންމެ ފަހުން މިތަނަށް އައި މެޗު ވެސް ޕްރިމިލިނަރީ (ޓީސީއާ ދެކޮޅަށް) ކުޅެން. އެ ފަހަރު މޮޅުވިޔަސް ފަސޭހައެއް ނޫން،" އެޑޫ ބުންޏެވެ.
އިންޑިއަން ސުޕަ ލީގުގެ ލީގު ބުރުގެ އެއް ވަނަ ހޯދި ޓީމުގެ މައްޗަށް ހޯދި މޮޅާ އެކު ނިއު ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައި ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ހޯދައިފަ އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ނިއު އޮތީ ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެންނެވެ. ބެންގަލޫރަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މާނައަކީ ބާކީ ދެ މެޗުން މޮޅުވެގެން ނިއު އަށް ދެ ވަނަ ބުރަށް ދެވެން އޮތުމެވެ. ބެންގަލޫރަށް ޖެހޭނީ ދެ މެޗުން މޮޅުވެ ނިއު އަތުން ޕޮއިންޓެއް ގެއްލޭތޯ އިންތިޒާރުގައި ތިބުމެވެ.
އިއްޔެގެ މެޗު ކުޅެން ރާއްޖެ އައިސް ބެންގަލޫރު ޓީމު ބައިތިއްބާފައި ތިބީ ކ. ތުލުސްދޫގަ އެވެ. މެޗުގެ ކުރިން ކަނޑު ދަތުރެއް ކުރަން ޖެހުމުން އޭގެ އަސަރުކުރިތޯ އެހުމުން އެޑޫ ބުނީ އެކަމާ މެދު އެއްޗެއް ބުނަންނ ނޭގޭ ކަމަށާއި ޖެހޭނީ ވާހަކަދައްކަން ކަމަށެވެ.
"އަސަރުކޮށްފައި ވެސް އޮވެދާނެ. ނުކޮށް ވެސް އޮވެދާނެ. އެކަމަކު (ކޮންމެ ތަނެއްގައި ތިއްބަސް) ކޮންމެ ގޮތެއް ވިޔަސް ފަހު ވަގުތު ދަނޑަށް މި އަރަނީ ދެ ޓީމުން ވެސް 11 ކުޅުންތެރިން. ދެން ތިބެނީ ރެފްރީން،" އޭނާ ބުންޏެވެ.
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް
ދެކުނު އޭޝިއާގެ ދެ ބާރު "ފައިނަލަކަށް"
މާލޭގައި ނިއު އަށް ބެންގަލޫރު ބަލިކުރެވޭނެ: އޮސްކާ
ފަހު ވަގުތު ބެންގަލޫރުން ނިއު ބަލިކޮށްފި
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ
ކުރީގެ އުފާވެރިކަން މިއަދު ބަދަލުވީ ހިތްދަތިކަމަށް
ބޮޑު މޮޅަކާ އެކު ނިއު ދެ ވަަނަ ބުރާ ގާތަށް
ވީހާ ވެސް އަވަހަށް ނަތީޖާ އަނބުރާލަން ޖެހޭ: އަކްރަމް