24 އެޕްރީލް 2018
އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓާއި އިންޑިއާގެ ބެންގަލޫރު ކުޅޭ މެޗަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ދެ ބާރުގެ ކުރިމަތިލުމެއްގެ ގޮތުގައި ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ސިފަކުރާއިރު އޭނާ ނަގަނީ މިއީ ފައިނަލެއްގެ ގޮތުގަ އެވެ.
އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓާއި އިންޑިއާގެ ބެންގަލޫރު ކުޅޭ މެޗަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ދެ ބާރުގެ ކުރިމަތިލުމެއްގެ ގޮތުގައި ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ސިފަކުރާއިރު އޭނާ ނަގަނީ މިއީ ފައިނަލެއްގެ ގޮތުގަ އެވެ.
މި ދެ ޓީމު ބެންގަލޫރުގައި ކުޅުނު މެޗުން އެ ޓީމުން 1-0 އިން މޮޅުވެފައިވާތީ ގްރޫޕުގެ އެއް ވަނަ ހާސިލްކުރުމަށްޓަކައި މާދަމާގެ މެޗުން މޮޅުވުން ނިއު އަށް މަޖުބޫރެވެ. ނިއު އާއި ބެންގަލޫރުން ވެސް އަނެއް ދެ ޓީމުގެ މައްޗަށް ކުރި ހޯދާނެ ކަމަށް ބެލެވޭއިރު މި ގްރޫޕުގެ އެއް ވަނަ ކަނޑައެޅޭނީ މާދަމާގެ މެޗުން ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެ އެވެ. ނުވަ ޕޮއިންޓާ އެކު ބެންގަލޫރު އެއް ވަނައިގައި އޮތްއިރު ނިއު ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އިންޑިއާގެ އައިޒޯލް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
"މިއީ ފައިނަލެއް. (ދެކުނު) އޭޝިއާގެ ދެ ބާރުގެ ކުރިމަތިލުމެއް މިއީ. ބެންގަލޫރުން އެ އަންނަނީ ސަރަހައްދީ މުބާރާތްތަކުގައި ކުޅެން އާދަކުރަމުން. އަނެއްކޮޅުން ނިއުގައި އެބައޮތް މި ފަދަ މުބާރާތްތަކުގައި ކުޅުމުގެ ސަގަފާތެއް،" އޮސްކާ ބުންޏެވެ.
ދެކުނު އޭޝިއާގެ ޓީމުތަކުގެ ތެރެއިންއޭއެފްސީ ކަޕުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ހޯދި ދެ ޓީމަކީ ބެންގަލޫރާއި ނިއު އެވެ. ބެންގަލޫރުން 2016 ވަނަ އަހަރު ފައިނަލުގައި ކުޅުމުގެ ކުރިން އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އޮތީ 2005 ވަނަ އަހަރު ނިއު އިން ތިން ވަނަ ހޯދުމެވެ.
"އަހަންނަކަށް ހިޔެއް ނުވޭ އިދިކޮޅަށް ކުޅެން މިއަށް ވުރެ ވަކި ރަނގަޅު ޓީމެއް އަހަރެމެންނަށް ލިބޭނެހެނެއް. އެ ޓީމުގައި އެބަތިބި ބައިނަލްއަގްވާމީ ފެންވަރުގެ މޮޅު ކުޅުންތެރިން. އަނެއްކާ ދެ ޓީމުގައި މިތިބީ (ދެކުނު) އޭޝިއާގެ އެންމެ މޮޅު ދެ ކުޅުންތެރިން،" ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ އަށް އިޝާރާތްކޮށް އޮސްކާ ބުންޏެވެ.
މީގެ ދެ ހަފުތާ ކުރިން މި ދެ ޓީމު ބެންގަލޫރުގައި ކުޅުނު މެޗު އެއްކޮށް ޑޮމިނޭޓްކުރީ ނިއު އިންނެވެ. އެކަމަކު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ޗެތުރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފަހު ވަގުތު ގޯލް ޖަހައިގެން ބެންގަލޫރު މޮޅުވީ އެވެ. އެ މެޗަށް އިޝާރާތްކޮށް އޮސްކާ ބުނީ މިހާރު މިއޮތީ ހަމައެކަނި ރީތި، މޮޅު ކުޅުމެއް ކުޅެގެން ފުއްދާލެވޭ ހާލަތެއްގައި ނޫން ކަމަށެވެ.
"ތިން ޕޮއިންޓަށް ވެސް އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން. ހަމައެކަނި މޮޅު ކުޅުމެއް ނޫން ބޭނުންވަނީ،: ތިން ޕޮއިންޓް ހޯދުމުގައި އަމާޒުގައި ކުޅުމުގެ ސްޓައިލަށް ބަދަލެއް ގެނެސްފާނެ ކަމަށް އޭނާ އިޝާރާތްކުރި އެވެ.
އޮސްކާ އަށް އޮތް ފިކުރަކީ އިތުބާރު ސެންޓްރަލް ޑިފެންޑަރު ޖޯޖް ގޮޓޯ ސަސްޕެންޑްވެފައިވުމެވެ. އެކަމަކު ބަދަލުގައި އަރަން ހުރީ ސަރަހައްދީ ފުޓްބޯޅައިގެ ތަޖުރިބާކާރު ކުޅުންތެރިޔެއް ކަމަށްވާ އަފްގާނިސްތާނުގެ ހާރޫން އަމީރީ އެވެ. އޮސްކާ ބުނީ ޓީމަށް ގެންނާނެ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންނުވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަތުން ބަލިވި ފަހުން ރާއްޖޭގައި ޓީމެއްގެ އަތުން ބަލިނުވެ އޮތް ނިއު ވަނީ އެންމެ ފަހުން މާލޭ ލީގުގައި ކުޅުނު މެޗުން ވިކްޓަރީ އަތުން 2-1 އިން ބަލިވެފަ އެވެ. އޮސްކާ ބުނީ އެ މެޗުން ބަލިވުމުން ކެޕްޓަން އިމްރާން މުހައްމަދު ދިނީ ކްލަބުގެ މެސެޖް ކަމަށެވެ.
"އިމްރާން މެޗަށް ފަހު މީޑިއާގައި ބުނިތާ ނިއު އިން ވަރުގަދަކޮށް އެނބުރި އަންނާނަމޭ. އެއީ ކްލަބުގެ މެސެޖަކީ،" އޮސްކާ ބުންޏެވެ. "ހުރިހާ ކަމެއް ވެސް ޕޮޒިޓިވްކޮށް މި ނަގަނީ. އަހަންނަށް ޕްރެޝަރެއް އިހުސާސެއް ނުކުރޭ. އަހަރެމެންނާ ދޭތެރޭ ރަނގަޅު އުއްމީދެއް ކުރެވޭ ވަރުގެ ކުޅުމެއް ފާއިތުވިތަނުގައި ދައްކާފައިވަނީ. އަހަރެން އެދެން ނިއުގެ ސަޕޯޓަރުންނާއި ދިވެހި ފުޓްބޯޅައިގެ އާއިލާގެ އެންމެން މާދަމާ ދަނޑަށް އައިސް ޓީމަށް ތަރުހީބު ދޭން."
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް
މާލޭގައި ނިއު އަށް ބެންގަލޫރު ބަލިކުރެވޭނެ: އޮސްކާ
ފަހު ވަގުތު ބެންގަލޫރުން ނިއު ބަލިކޮށްފި
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ
ކުރީގެ އުފާވެރިކަން މިއަދު ބަދަލުވީ ހިތްދަތިކަމަށް
ބޮޑު މޮޅަކާ އެކު ނިއު ދެ ވަަނަ ބުރާ ގާތަށް
ވީހާ ވެސް އަވަހަށް ނަތީޖާ އަނބުރާލަން ޖެހޭ: އަކްރަމް