Roadha Mihaaru
ފާރިސް ޖަލުގައި ހުރީ ގޮތެއް ނެތިގެނެއް ނޫން: ވަކީލުން

ފާރިސް ޖަލުގައި ހުރީ ގޮތެއް ނެތިގެނެއް ނޫން، ގާނޫނާ ހިލާފު ނުވަން: ވަކީލުން

18 އެޕްރީލް 2018

ފުލުހުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޖަލުގައި ހުންނަވަނީ އެނޫން ގޮތެއް ނެތިގެން ނޫން ކަމަށާއި ގާނޫނާ ހިލާފު ކަމަކަށް އެއްބަސްވުމަށް ބޭނުންފުޅު ނުވާތީ ކަމަށް ފާރިސްގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފުލުހުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޖަލުގައި ހުންނަވަނީ އެނޫން ގޮތެއް ނެތިގެން ނޫން ކަމަށާއި ގާނޫނާ ހިލާފު ކަމަކަށް އެއްބަސްވުމަށް ބޭނުންފުޅު ނުވާތީ ކަމަށް ފާރިސްގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

ފާރިސް ޖަލު ބަންދުގައި ހުންނަވާތާ މިއަދަށް ނުވަ މަސް ވުމާ ގުޅިގެން އޭނާގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އަސާސީ ހައްގުތަކުން މަހުރޫމުވެ، ކުށަކާ ނުލައި ފާރިސް ޖަލުގައި ހުންނަވަނީ ކުރައްވަމުންގެންދަވާ އިސްލާހީ އެއްވެސް މަސައްކަތެއްގައި ފަހަތަށް ޖެހިވަޑައިގަތުމަށް ބޭނުންފުޅުނުވާތީ ކަމަށެވެ.

"ޖަލު ބަންދުގައި ހުންނަވަން ޖެހުނުކަމުގައިވީ ނަމަވެސް އިސްލާހީ މަސައްކަތުގައި ފަސްޖެހުމެއްނެތި ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދެއްވަ އެވެ." ވަކީލުންގެ ބަޔާނުގައި ފާރިސްއާ ހަވާލާދީ ބުނެފައިވެ އެވެ.

ފާރިސް، ނުވަ މަސް ވަންދެން ޖަލުގައި ބަންދުކޮށްފައި އެވަނީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާ އަދާނުކުރައްވާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާތީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ފާރިސް ހައްޔަރުކޮށް މިވޭތުވެދިޔަ ތަނުގައި އަމަލުކޮށްފައިވަނީ ގާނޫނުގެ ރައްކާތެރިކަން ނުލިބޭ ގޮތަށްކަން އެއްވެސް އޮޅުމެއްނެތި ކަން ސާފުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުލަތުން ދައުވާކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރަން ފާރިސްގެ ފަރާތުން މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ އެވެ. އެމައްސަލާގައި ރިޝްވަތު ލިބުނު ކަމަށް ބުނާ މަޖިލީހުގެ މެމްބަރުވަނީ ކުރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ފާރިސްގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

ފާރިސްގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކި އެގޮތަށް ހެކިބަސް ދީފައިވާއިރު ފާރިސްގެ މައްޗަށް އުފުލާފައިވަނީ ދޮގު ދައުވާއެއްކަން ސާބިތުވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އަމުރަކަށް ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ބަންދުން ދޫކުރައްވައި އެމަހުގެ އަށް ވަނަ ދުވަހު އަނެއްކާވެސް ހައްޔަރުކޮށް މިހާރު ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އެއީ ސިޔާސީ ބޭނުމަކަށް އެއްވެސް އަސްލެއްނެތި ކުރަމުން ގެންދާ ކަންތައްތަކެއް ކަމަށްވެސް ވަކީލުން ބުނެފައިވެ އެވެ.

ފާރިސްއާމެދު ނާއިންސާފުން ކަންކަން ކުރަންފެށީ މަޖިލީހުގެ ތެރެއިން ކުރަމުން އަންނަ ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް މަސައްކަތް ފެއްޓެވި ހިސާބުން ކަމަށްވެސް ބުނެފައިވެ އެވެ.

ދައުލަތުގެ މުއައްސަސާތަކުން ޒިންމާ އަދާކުރުމަށާއި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ފާރިސްގެ ވަކީލުންގެ ފަރާތުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފާރިސް އާއި އެހެން ސިޔާސީ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ގާނޫނާ ހިލާފު ދައުވާތައް އަނބުރާގެންގޮސް އެބޭފުޅުން މިނިވަން ކުރުމަށްވެސް ގޮވާލާފައިވެ އެވެ.