Roadha Mihaaru
ފާރިސަށް ހުކުމް ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން

ފާރިސަށް ހުކުމް ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު

20 ޖޫން 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހުކުމް ކުރަން އުޅެނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހުކުމް ކުރަން އުޅެނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ޝަހުސު އޮޅުވައިލުމާއި ރިޝްވަތު ދިނުމުގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ފާރިސްގެ މައްޗަށް ކޮށްފައިވާ އިރު އެ މައްސަލަތަކުގެ ޝަރީއަތްތައް ދަނީ ކުރަމުންނެވެ. ފާރިސް ޖަލުގައި ބަންދު ކޮށްފައި ހުންނަތާ 11 މަސް ވެފައިވާ އިރު އަދި އެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް ހުކުމެއް ނުކުރެ އެވެ.

އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ފާރިސްގެ މައްޗަށް އުފުލާފައިވާ، ޝުހުސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތް ކުއްލި ގޮތަކަށް ތާވަލުކޮށް ކުރިއަށް ގެންދަނީ އިންސާފުވެރި ޝަރީއަތެއްގެ ހައްގު ގެއްލިދާ ގޮތަށް ކަމަށެވެ.

ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން ހެކިބަސް ދިން މީހުންގެ ހެކިބަހުން ވެސް އެއީ އުފައްދާފައިވާ މައްސަލައެއްކަން އެނގޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ، މަޖިލީހުގެ މެމްބަރު ކްރިމިނަލް ކޯޓުގައި ދިން ހެކިބަސް އައީ ފާރިސްއާ އެއްކޮޅަށެވެ.

ފާރިސް ހައްޔަރުކޮށް ޝަރީއަތް ހިންގަން ފެށީ، މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ނުކުމެވަޑައިގަންނަވައި، ނާއިންސާފުން ހިންގާ ކަންކަމާ ދެކޮޅު ހަދައި އެކަންކަން ހުއްޓުވަން މަސައްކަތް ކުރެއްވުމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ސިލްސިލާ ގޮތެއްގައި ރައީސް މައުމޫނާއި ފަނޑިޔާރުންނެކޭ އެއްގޮތަށް މިހާރު ފާރިސް މައުމޫނަށް ބޭއިންސާފުން ޝަރީއަތްކޮށް ހުކުމް ކުރުމާ ދިމާއަށް އެގެންދަނީ ކަނޑައެޅިގެން ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވަން،" ބަޔާނުގައި ބުނެފައިވެ އެވެ.