Roadha Mihaaru
ސީއައިއޭގެ ޑިރެކްޓަރު ވަނީ ކިމްއާ ބައްދަލުކޮށްފައި

ސީއައިއޭގެ ޑިރެކްޓަރު ވަނީ ކިމްއާ ބައްދަލުކޮށްފައި: ރިޕޯޓް

18 އެޕްރީލް 2018

ވޮޝިންޓަން (އެޕްރީލް 18) - ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ވަނީ ނޯތު ކޮރެއާ އަށް ސިއްރު ދަތުރުފުޅެއް ކުރައްވާ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރައްވާފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 18) - ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ވަނީ ނޯތު ކޮރެއާ އަށް ސިއްރު ދަތުރުފުޅެއް ކުރައްވާ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރައްވާފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކިމްގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ޕޮމްޕިއޯ ބޭއްވި މަޝްވަރާތައް ބާއްފާއި ވަނީ އީސްޓާ ބަންދާ ދިމާކޮށެވެ. މިއީ 2000 ވަނަ އަހަރުގެ ފަހުން ނޯތު ކޮރެއާ އާއި އެމެރިކާގެ އެންމެ ސީނިއާ އޮފިޝަލުން ބޭއްވި ބައްދަލުވުމެވެ. އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މެޑެލިން އޯލްބްރައިޓް ވަނީ 2000 ވަނަ އަހަރު ނޯތު ކޮރެއާ އަށް ވަޑައިގެން އެ ގައުމުގެ އޭރުގެ ލީޑަރު އަދި ކިމްގެ ބައްޕާފުޅު ކިމް ޖޮން-އިލްއާ ބައްދަލު ކުރައްވައިފަ އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާ އެކު ފްލޮރިޑާގައި ބޭއްވި ބައްދަލުވުމަށް ފަހު ޓްރަމްޕް ވެސް ވަނީ ނޯތު ކޮރެއާއާ އެކު މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށްދާކަން ޔަގީން ކޮށްދެއްވައިފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުކަމަށް ޓްރަމްޕް ނޮމިނޭޓް ކުރައްވާފައިވާ ޕޮމްޕިއޯ އާއި ކިމްގެ ބައްދަލުވުމާ ބެހޭ ތަފްސީލްތައް ހާމަކޮށްފައެއް ނުވެ އެވެ. ވޮޝިންޓަން ޕޯސްޓުން ބުނީ އެ ބައްދަލުވުން ބާއްވާފައި ވަނީ ޚާރިޖީ ވަޒީރު ކަމަށް ޕޮމްޕިއޯ ނޮމިނޭޓް ކުރެއްވި ދުވަސްވަރު ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ވައިޓް ހައުސް އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމެރިކާ އާއި ނޯތު ކޮރެއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.