Roadha Mihaaru
ޓާޓާ ފްލެޓަށް އެދޭއިރު ލޯނުގެ ޝަރުތު ހަމަވާން ޖެހިއްޖެ

ޓާޓާ ފްލެޓަށް ހުށަހަޅާއިރު ލޯނަށް ޝަރުތު ހަމަވި ކަން ޔަގީން ކުރަން ޖެހިއްޖެ

15 އެޕްރީލް 2018

މާލޭގައި ހަދާފައިވާ ޓާޓާ ފްލެޓް ގަންނަން ކުރިމަތިލާއިރު، ބޭންކު ލޯނަށް ޝަރުތު ހަމަވިކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭ އިތުރު ފޯމެޓެއް ހަދައި، ކުރިން ކުރިމަތިލި ފަރާތްތައް ވެސް އެ ފޯމެޓަށް ލިޔުން ހުށަހަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފުރުސަތު ދީފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގައި ހަދާފައިވާ ޓާޓާ ފްލެޓް ގަންނަން ކުރިމަތިލާއިރު، ބޭންކު ލޯނަށް ޝަރުތު ހަމަވިކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭ އިތުރު ފޯމެޓެއް ހަދައި، ކުރިން ކުރިމަތިލި ފަރާތްތައް ވެސް އެ ފޯމެޓަށް ލިޔުން ހުށަހަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފުރުސަތު ދީފި އެވެ.

އެ ކުންފުނިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކުރީގެ އަރަބިއްޔާ ހުރި ތަނުގައި ހަދާފައިވާ މާލޭ ގްރޭންޑާއި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކްއާ"ގައި ހަދާ ފައިވާ ފްލެޓް ގަންނަން އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލޯނަށް ޝަރުތު ހަމަވިކަމުގެ ލިޔުމުގެ އިތުރު ފޯމެޓެއް ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ފޯމެޓްގައިވާ ސިޓީތައް ބަލައިގަންނަން ހަމަޖެހިފައި ވަނީ ބޭންކްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ އެ ފޯމެޓަކީ ކުރިން އިއުލާންކުރެވިފައި ނުވާ ފޯމެޓަކަށްވާތީ، އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ ފޯމެޓްގައިވާ "ލޯން އެލިޖިބިލިޓީ ލެޓާ" ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ރިޖެކްޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ގެނައި އިސްލާހާ އެކު އެ ފަރާތްތަކަށް އަލުން ފްލެޓް ގަތުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނިން ޓާޓާ ފްލެޓް ވިއްކަން މިފަހަރު ހުޅުވާލިއިރު ލޯނަށް ޝަރުތު ހަމަވިކަން އަންގައިދޭ ލިޔުން ހުށަހަޅާނެ ފޯމެޓް ތައްޔާރުކުރީ ބޭންކުތަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ކުންފުނިން އިއުލާންކުރި ފަހުން ބޭންކަކުން އެ ފޯމެޓަށް ބަދަލު ގެނެސްފައިވާތީ، އެ ބަދަލާ ގުޅިގެން އަލުން އިއުލާން ކުރަން ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފޯމެޓަކީ ހުރިހާ ބޭންކާއެކު މަޝްވަރާއެކު މަޝްވަރާކުރުމަށް ފަހު ހެދި ފޯމެޓެއް. ނަމަވެސް އަޅުގަނޑުމެން ހެދި ފޯމެޓާ ހިލާފު ފޯމެޓަކަށް ސިޓީތައް އަންނަކަން މިތަނުގެ ސޭލްސް ޓީމަށް ފާހަގަކުރެވިގެން އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓް ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ރިޖެކްޓްކޮށްފައި ވަނީ ވަރަށް މަދު ފޯމެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް މިހާރު ބޭންކުން ދޫކުރާ ލިޔުން ބަލައިގަންނާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލައި ނުގަންނަ ފޯމެޓަކަށް ހަދާފައިވާ ލިޔުމަކަށްވާތީ އަޅުގަނޑުމެން ބޭންކުގައި އެދުނީ އެ ފޯމެޓަށް ބަދަލުތަކެއް ގެންނަން. އެ ބަދަލާ އެެއްގޮތަށް އެ ބޭންކުން އެ ލިޔުން މިހާރު ދޫކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

އިންޑިޔާގެ ޓާޓާ ކުންފުނިން މާލޭގައި އެޅި ފްލެޓްތަކުގެ ތެރެއިން ވިއްކަން އިއުލާންކުރި 161 ފްލެޓްގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 47 ފްލެޓް ވިއްކަން އެޗްޑީސީން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ކުންފުނިން އަލުން ވިއްކަން ހުޅުވާލާފައި ވަނީ ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި ހުރި 10 ފްލެޓަކާއި ގާކޮށިން 37 ފްލެޓެވެ. އަދި އެ އިން ކޮންމެ ފްލެޓެއް ވިއްކަން ހަމަޖެހިފައި ވަނީ ދެ މިލިއަން ރުފިޔާ އަށް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.