Roadha Mihaaru
ފްލެޓް ގަތުމަށް ދެ ދުވަސް ކުރިން ކިޔޫ ހަދައިފި

ފްލެޓް ގަތުމަށް ދެ ދުވަސް ކުރިން ކިޔޫ ހަދައިފި

02 ޑިސެމްބަރ 2017

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ވިއްކާ ފްލެޓްތައް ގަތުމަށް ދެ ދުވަސް ކުރިން ކިޔޫ ހަދައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ވިއްކާ ފްލެޓްތައް ގަތުމަށް ދެ ދުވަސް ކުރިން ކިޔޫ ހަދައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން، 105 އެޕާޓްމެންޓް ވިއްކުމުގެ ފޯމް ދޫކުރާ ގޮތަށް ކަމުގައި ވީ ނަމަވެސް މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން އެތައް ބަޔަކު ވަނީ ފޯމް ހޯދުމަށް ހުޅުމާލޭގެ ޣާޒީ ސްކޫލް ކައިރީގައި ކިޔޫ ހަދައިފަ އެވެ.

ބެލެވޭ ގޮތުގައި ޣާޒީ ސްކޫލް ކައިރީގައި މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުން ކިޔޫގައި އެބަތިއްބެވެ. އެތަނުގައި ތިބި ބައެއް މީހުން ބުނީ ކިޔޫ ހެދީ މިރޭ ފޯމް ދޫކުރާ ކަމަށް ހީކޮށެވެ. އަނެއް ބަޔަކު ކިޔޫ ހެދީ ފްލެޓް ގަތުމަށް ބޭނުންވާ ފޯމް ނުލިބިދާނެތީ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ފްލެޓް ވިއްކުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކުމާ ގުޅޭ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ 7، 2018 ގަ އެވެ.

އެޗްޑީސީން ބުނިގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ގެންދާ ފަރާތްތަކަށެވެ. އަދި ބުނީ ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާއިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓް ކަމަށެވެ.

އެ ފްލެޓްތަކުގެ އެޕާޓްމެންޓެއް ވިއްކުމަށް ނިންމާފައިވަނީ ދެ މިލިއަން ރުފިޔާ އަށެވެ.

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާއިރު ފްލެޓްތައް ލިބެނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މީހުންނަށެވެ. ނުދެއްކޭ މީހުންގެ ފުލެޓްތައް ވިއްކާލަނީ އެވެ.