Roadha Mihaaru
ޓާޓާ ފްލެޓްތައް ވިއްކަން އިންތިޒާމްތަކެއް ހަމަޖައްސަނީ

ޓާޓާ ފްލެޓްތައް ވިއްކަން ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަން މަސައްކަތްކުރަނީ

05 ޑިސެމްބަރ 2017

ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދާފައި ވަނިކޮށް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިއްކުން މަޑުޖައްސާލި ޓާޓާ ފްލެޓްތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދާފައި ވަނިކޮށް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިއްކުން މަޑުޖައްސާލި ޓާޓާ ފްލެޓްތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ގަތުމަށް ފޯމު ހުށަހަޅަން ގިނަ ބަޔަކު، ދެ ދުވަސް ކުރިން ކިޔޫ ހަދައިގެން ތިއްބައި އެކަން މަޑުޖައްސާލީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަކުންނެވެ.

އެ 264 ފްލެޓްގެ ތެރެއިން، 105 ފްލެޓް ވިއްކުމުގެ ފޯމް ހޯދަން ގިނަ ބަޔަކު ކިޔޫ ހެދުމުން މިނިސްޓަރު އެ ރޭ 11 ޖަހާކަންހާއިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފްލެޓް ގަތުމަށް "ރައްޔިތުން ކިޔޫ ހަދަން ޖެހުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް" ނުވާ ކަމަށެވެ.

ސަރުކާރުގެ މި ނިންމުން އައިއިރު، ފްލެޓްތައް ގަތުމުގެ ފޯމް ހޯދުމަށް ހޮނިހިރު ދުވަހު އިރުއޮއްސުނު ވަގުތުން ފެށިގެން ގިނަ ބަޔަކު ހުޅުމާލޭގެ ޣާޒީ ސްކޫލް ކައިރީގައި ބޮޑު ކިޔޫއެއް ހެދި އެވެ. އެ ކިޔޫގައި 200 ވަރަކަށް މީހުން ކިޔޫގައި ތިބި ކަމަށް ލަފާކުރެވެ އެވެ.

މާލޭގެ އަރަބިއްޔާ ސްކޫލްގެ ބިމުގައި ހަދާފައި ހުރި ފްލެޓް: އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ މި ފްލެޓްތަކުގެ އަގުތައް އަގުތައް ހުރީ ވިޔަފާރި ރޭޓުގައި.

މާލޭގެ އަރަބިއްޔާ ސްކޫލްގެ ބިމުގައި ހަދާފައި ހުރި ފްލެޓް: އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ މި ފްލެޓްތަކުގެ އަގުތައް އަގުތައް ހުރީ ވިޔަފާރި ރޭޓުގައި.

އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ފަދައިން ފްލެޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ދެން މިކަންކުރާއިރު އެންމެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަން. އަޅުގަނޑުމެންނަށް ހީނުކުރާވަރުގެ ތަރުހީބެއް ލިބިގެންދިޔަ. އެހެންވީމަ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަސް އެއަށްވުރެ ފަސޭހައިން އެކަންކުރެވޭނެ ގޮތްތަކެއް ހޯދުމަށްފަހު ނޫނީ ހުޅުވައެއް ނުލާނަން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ފްލެޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ހުޅުވާލެވޭނެ ތާރީހެއް ކަނޑައަޅާފައިނުވާ ކަމަށެވެ. އަދި އެކަމަށް ހުޅުވާލާނީ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ފްލެޓެއް ވިއްކުމަށް ނިންމާފައިވަނީ ދެ މިލިއަން ރުފިޔާ އަށެވެ. އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާއިރު ފްލެޓްތައް ލިބެނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މީހުންނަށެވެ. ވިއްކާލަން އިއުލާންކުރީ ފައިސާ ނުދެއްކު މީހުންނަށް ލިބުނު ފްލެޓްތަކެވެ.