Roadha Mihaaru
އުއްތަމަ ފަނޑިޔާރު ދޫކުރަން އަމުރު ނެރެންޖެހޭ: ޖަމީލް

އުއްތަމަ ފަނޑިޔާރު ދޫކުރުމުގެ އަމުރެއް ނެރެން ޖެހޭ: ޑރ. ޖަމީލް

12 އެޕްރީލް 2018

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށް، ޝަރީއަތް ހިންގަމުންދަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށާއި ސުޕްރީމް ކޯޓަށް ލިބިފައިވާ ވިރާސީ ބާރުގެ ދަށުން އުއްތަމަ ފަނޑިޔާރު މިނިވަން ކުރުމުގެ އަމުރެއް ނެރެން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށް، ޝަރީއަތް ހިންގަމުންދަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށާއި ސުޕްރީމް ކޯޓަށް ލިބިފައިވާ ވިރާސީ ބާރުގެ ދަށުން އުއްތަމަ ފަނޑިޔާރު މިނިވަން ކުރުމުގެ އަމުރެއް ނެރެން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައި ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އުއްތަމަ ފަނޑިޔާރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް، ސަރުކާރުން ބޭނުންވާ ވަކި ބަޔަކު ހައްޔަރުކުރަން ކަމަށެވެ. ކުއްލި ނުރައްކަލުގައި ވެސް ސުޕްރީމް ކޯޓުގެ ބާރުތަކަށް އަރައިނުގަނެވޭ ކަމަށް ގާނޫނުއަސާސީގައި އޮންނަ އިރު، އެއާ ޚިލާފުވެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުން ސައްހަ ވަނީ ގާނޫނީ ކޮން ހަމައަކުންތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސިޔާސީ އެތައް ބައެއްގެ މައްޗައް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތަކަކީ ސައްހަ ދައުވާތަކެއް ނޫނެވެ.

"(އެ ބޭފުޅުންގެ މައްޗަށް) މިހާރު ހިންގަމުންދާ އެއްވެސް ޝަރީއަތަކީ ސައްހަ ޝަރީއަތްތަކެއް ނޫން. އުއްތަމަ ފަނޑިޔާރު ފުރަތަމަ ކޯޓަށް ގެންދާ ހިސާބުން، އެތާ ތިއްބެވި ފަނޑިޔާރުން ހަގީގަތުގައި ލަދުގަންނަން ޖެހޭނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުން، އެ ބޭފުޅުންގެ ޒިންމާ އަދާކުރައްވާ ކަމުގައިވާ ނަމަ، ސުޕްރީމް ކޯޓުގެ އަމިއްލަ މައްސަލައެއްގެ ގޮތުގައި ވިރާސީ ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓުން އެބަޖެހޭ އުއްތަމަ ފަނޑިޔާރު ދޫކުރަން އަމުރެއް ނެރެން،" ޖަމީލް ވިދާޅުވި އެވެ.

ޝަރީއަތުގެ އަޑު އެހުމަކަށް ފަހު، އުއްތަމަ ފަނޑިޔާރު ދޫނިދު އަށް ގެންދަނީ. --ފޮޓޯ/މިހާރު

ޝަރީއަތުގެ އަޑު އެހުމަކަށް ފަހު، އުއްތަމަ ފަނޑިޔާރު ދޫނިދު އަށް ގެންދަނީ. --ފޮޓޯ/މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޯޓުތައް ހިނގަން ޖެހޭނީ މިނިވަންކަމާއި އަދުލުވެރިކަމާ އެކުގައި ކަމަށް ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު، ކޯޓުތަކަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ އަދުލު އިންސާފުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެންމެންނަށް އެނގޭ މިއީ ސަމާސާ ކުޅިގަނޑެއް ކަން. މިއުޅެނީ އެއް ބަޔަކު އެއްފަރާތް ކޮށްލަން ކަމަށް. އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ. އެކަން އޮޅިވަޑައިގެން، ގާނޫނީ އިމުން ބޭރުގައި ކަންކަން ކުރެއްވުމުގެ އެއްވެސް ހައިސިއްޔަތަކާއި ބާރުވެރިކަމެއް ލިބިވަޑައިގެން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތައް ގާނޫނީ އިމުގެ ތެރޭގައި ހިންގައި، ފަނޑިޔާރުން އަދުލަށް ހުކުމް ކުރައްވަން ޖެހެ އެވެ. ގުރުއާނުން ދަލީލު ދައްކަވަމުން ވިދާޅުވީ އިސްލާމް ދީނުގައި އޮންނަނީ އަދުލުވެރިކަމާ އެކު ހުކުމް ކުރަން އަންގަވާފައި ކަމަށާއި އެއާ ޚިލާފަށް ފަނޑިޔާރުން އަމަލުކުރުމުން، އެއްވެސް ގައުމެއްގައި ސުލްހަވެރިކަމާއި އަމާންކަން ގާއިމު ނުކުރެވޭނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހާލަތާ މެދު ފަނޑިޔާރުން ވިސްނަވަން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމުން، ސަލާމަތްކުރާނެ ރައީސަކު ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާއި މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެންނެވެ. ހުކުމުގައި ތިބި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން އެ ކޯޓުން އަމުރު ނެރުނީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ރިޝްވަތު ހުށަހަޅައި، ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

މި މައްސަލައިގައި މި ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާތަކުގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.