Roadha Mihaaru
ޕާޓީތަކަށް ފައިސާ ދޫކުރަން އަންނަ މަހު ފޮނުވަނީ

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން އަންނަ މަހު ފިނޭންސަށް ފޮނުވާނަން: އީސީ

11 އެޕްރީލް 2018

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ މި އަހަރުގެ ފައިސާ، ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް އަންނަ މަހު ފޮނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ މި އަހަރުގެ ފައިސާ، ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް އަންނަ މަހު ފޮނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ. އެ ގޮތަށް ގުނުމުން ތިން މަސް ހަމަވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ޖެހޭ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ނަމަވެސް، އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށެވެ. އެކަމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. ސިޔާސީ ޕާޓީތަކަށް މި އަހަރު 24.2 މިލިއަން ރުފިޔާ ދޭނެ އެވެ. އެއީ ޕާޓީތަކަށް ސަރުކާރުން މިދިޔަ އަހަރު ދިން އަދަދަށް ވުރެ، ތިން މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އަކްރަމް ވިދާޅުވި ގޮތުގައި، އިދާރީ މަސައްކަތްތައް ނިމުމާ އެކު ވަކިވަކި ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު ހާމަކުރާނެ އެވެ.

ޕާޓީތަކަށް ފައިސާ ދޭނެ މިންވަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުން އެ ފައިސާ ދޫކުރާނީ އެ މިނިސްޓްރީންނެވެ. މިދިޔަ އަހަރު އެ ފައިސާ ދޫކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅެވެ.