Roadha Mihaaru
ޕީޕީއެމްގެ ފައިސާ ދޫކޮށްދޭން ފިނޭންސްގައި އެދެނީ

ޕީޕީއެމްގެ އަށް މިލިއަން ރުފިޔާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީ ގައި އެދެނީ

30 ޖެނުއަރީ 2019

ޕީޕީއެމް ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިފެހެއްޓި އަށް މިލިއަން ރުފިޔާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީގައި މާދަމާ އެދޭނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމް ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިފެހެއްޓި އަށް މިލިއަން ރުފިޔާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީގައި މާދަމާ އެދޭނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކަށް މި އަހަރު ކަނޑައެޅީ 24 މިލިއަން ރުފިޔާ އެވެ. މެމްބަރުންގެ ގޮތުގައި 45،865 ރަޖިސްޓަރީ ވެފައިވާ ޕީޕީއެމަށް ދޭން ނިންމީ 11.5 މިލިއަން ރުފިޔާ އެވެ. ދެ ބުރަކަށް ބަހާލައިގެން ޕާޓީތަކަށް ފައިސާ ދޫކުރިއިރު، ޕީޕީއެމްގެ އަށް މިލިއަން ރުފިޔާ އީސީން ހިފެހެއްޓީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި ފައިސާގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހުރި 8.4 މިލިއަން ރުފިޔާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީ އަށް މާދަމާ ސިޓީއެއް ފޮނުވަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ފައިސާ ދޫކޮށްދޭން އެދެނީ، ޕީޕީއެމުން ބޭއްވި ކުއްލި ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބޮޑެތި ޚަރަދުތަކެއް ކޮށް އެ ޕާޓީ އޮތީ ދަރަނިވެރިވެފަ އެވެ. ޕީޕީއެމުން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ދަރަންޏަކީ ވެސް އަށް މިލިއަން ރުފިޔާ އެވެ. ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ލިބުމުން ދަރަނި ދެއްކޭނެ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް އެކަނި ވެސް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި، ޔާމީން ވަނީ ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ މިހާރު ބާއްވާފައިވާއިރު، ދެން އޮތީ ޕާޓީ ރަޖިސްޓަރީ ކުރުމުގެ މަރުހަލާ އެވެ. ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ދަތިތަކެއް ކުރިމަތިވުމުންނެވެ.

އެކަމަކު ޕީޕީއެމްގެ ދަރަންޏާ ހެދި ކޮންގްރެސް ޕާޓީ ރަޖިސްޓަރީ ނުކުރެވުމުގެ ބިރު އެބައޮތެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އަލަށް ޕާޓީއެއް އުފައްދަނީ ހިންގަމުން އަންނަ ޕާޓީއެއްގެ ލީޑަޝިޕުގެ މީހުންނަށް ވެފައި އެ ޕާޓީން އަދާކުރަންޖެހޭ ޒިންމާއެއް އަދާކޮށްފައިނުވާ ނަމަ، އާ ޕާޓީއެއް އުފައްދަން ދިން ހުއްދަ ބާތިލް ކުރެވިދާނެ އެވެ.