Roadha Mihaaru
ޕީޕީއެމްގެ ފައިސާ ހިފެހެއްޓި މައްސަލަ ކޯޓަށް

ޕީޕީއެމްގެ ފައިސާ ހިފެހެއްޓި މައްސަލައިގައި ފިނޭންސާ ދެކޮޅަށް ދައުވާކުރަނީ

22 އެޕްރީލް 2019

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ޕީޕީއެމަށް ކަނޑައެޅި ފައިސާ ފިނޭންސް މިނިސްޓްރީން ދޫނުކޮށް ހިފަަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ޕީޕީއެމަށް ކަނޑައެޅި ފައިސާ ފިނޭންސް މިނިސްޓްރީން ދޫނުކޮށް ހިފަަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ، އެ ފައިސާ ދޫނުކޮށް ލަސްވާ މައްސަލައިގައި ހައްލެއް ހޯދަން ކަމަށެވެ. ޕާޓީގެ ފައިސާ ދޫނުކޮށްގެން އިދާރީ ހިންގުމާއި ޕާޓީގެ ދަތުރުތަކަށް ވެސް ހުރަސްއެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިމިގެންދިޔަ މަޖިލީސް އިންތިޚާބަށް ވެސް އެ ފައިސާ ދޫކުރަން އަޅުގަނޑުމެން އެދުނިން. އަދިވެސް އެ ވަނީ ފައިސާ ހިފަހައްޓާފައި،" ޝިޔާމް ވިދާޅުވި އެވެ.

މެމްބަރުން ތިބި އަދަދަށް ބަލައި، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ޕާޓީ، ކުރީގެ ރައީސް މައުމޫނާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ އެއްކޮޅަށެވެ. އެހެންވެ އެ ފައިސާ ދޫކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭންސްގައި އެދިފަ އެވެ.

ޕީޕީއެމަށް ފައިސާ ދޫނުކޮށް ހިފަހައްޓާ ސަބަބާ ގުޅޭ ގޮތުން ފިނޭންސުން އަދި ޖަވާބެއް ނުދެ އެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި ޕީޕީއެމް ދަރަނިވެރިވެފައި ވަނީ ފައިސާ ހިފަހައްޓައި ދަތިތައް ކުރިމަތިކުރުމުންނެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. އެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެއްބަސްވުމާ އެއްގޮތަށް ޕީޕީއެމުން ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ދެއްކި އެވެ.

ފައިސާ ނުދައްކައިގެން ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ދިރާގުން ވަނީ ކަނޑާލައިފަ އެވެ.