Roadha Mihaaru
އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9 މިލިއަން

އެމްޑީޕީ އަށް 15 މިލިއަން ރުފިޔާ، ޕީޕީއެމަށް 9 މިލިއަން

28 އެޕްރީލް 2022

ޝަރުތު ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށް މި މަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޝަރުތު ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށް މި މަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ވަނީ ޝަރުތު ހަމަވާ ހަތަރު ޕާޓީ ކަނޑައަޅައި، އެ ޕާޓީތަކަށް ލިބެންޖެހޭ ފައިސާގެ އަދަދާ އެކު ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފަ އެވެ. މި ފަހަރު ވެސް އެންމެ ގިނައިން ދިނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ.

ދޫކުރި ފައިސާގެ އަަދަދު:

1. އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)

2. ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެންބަރުން)

3. ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެންބަރުން)

4. އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެންބަރުން)

އިދިކޮޅު ޕީޕީއެމް ފިޔަވައި، ބާކީ ތިން ޕާޓީ އަށް ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ ހަތެއްގަ އެވެ. ޕީޕީއެމަށް ފައިސާ ދޫކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕީޕިއެމަށް ފައިސާ ދޫކުރުން ލަސްވީ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ އެ ޕާޓީއާ ގުޅުން ހުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު، އެ މައްސަލައިގެ ހުކުމާ ގުޅިގެން ޕީޕީއެމަށް ދޫކުރީ 8.9 މިލިއަން ރުފިޔާ އެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އަދަދަށް ވުރެ 500،000ރ. މަދުންނެވެ.

ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޕީޕީއެމްގެ 5،000 މެމްބަރަކު، އެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމުގެ ޝަކުވާ އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް މި މަހު ހުށަހަޅައިފަ އެވެ. އެ މައްސަލަ އަށް ހައްލެއް ގެނައުމަށް، އެ ކޮމިޝަނަށް މިހާރު ވަނީ ރަޖިސްރޭޝަން ސެކްޝަންގެ އޮޑިޓެއް ހަދަން ނިންމައިފަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން، ދައުލަތުން ދޭ ފައިސާ ލިބޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ގާނޫނުއަސާސީގައި ބުނަނީ، ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.