ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަންޏެއް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން ދަރަނި ކަނޑާލެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
06 ޑިސެމްބަރ 2018
ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަންޏެއް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން ދަރަނި ކަނޑާލެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ބިލްގައި ވަނީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަންޏެއް ނުދައްކާނަމަ، ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތުގެ ބަޖެޓުން އުނި ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އަންނަ އަހަރު، ސިޔާސީ ޕާޓީތަކަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
މީގެއިތުރުން، ސިޔާސީ ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މީހުން ކަމަށް އާމިރު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނިން އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މީހުންނެވެ.
އާމިރުގެ އިސްލާހުގައި ވަނީ ޕާޓީ އުވާލި ކަމުގައިވިޔަސް، ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ މުދަލާއި ތަކެތި ވިއްކާލައިގެން ލިބޭ ފައިސާ އަކީ ދަރަނި އަދާކުރެވޭ އަދަދެއް ކަމުގައި ނުވާނަމަ، އެ ދަރަންޏެއް އަދާކުރުމުގެ ޒިންމާ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީ ހިންގަން ތިބި މީހުން އުފުލަން ޖެހޭނެ ކަމަށެވެ.
ޕާޓީ ހިންގުމުގައި އާއި ޕާޓީން ހިންގާ އެއްވެސް ހަރަކާތަކާ ގުޅިގެން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އެންމެހައި ޒިންމާއެއް އުފުލަން ވާނީ އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވިއިރު، ޕާޓީ ހިންގަން ތިބި މީހުން ކަމަށް އިސްލާހުގައިވެ އެވެ.
ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އާމިރު ވިދާޅުވީ ރާއްޖޭގެ އަދުލުއިންސާފު ގާއިމު ކުރުމާއި ހައްގުތައް ރައްކާތެރި ކުރުމުގެ ސިފަތަކަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ ތެރެއިން ކޮންމެހެން ވެސް އޮންނަން ޖެހޭ ސިފަތަކަކަށް ވާތީ ކަމަށެވެ.
މީގެއިތުރުން، ސިޔާސީ އެކިއެކި ހަމަނުޖެހުންތަކުގެ ތެރެއިން އާންމު އެކިއެކި ފަރުދުންނާއި ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ ކުށެއް ނެތް މައުސޫމް މީހުންނަށް ލިބޭ ގެއްލުމެއް ކަމުގައިދެކޭތީ ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވީ ކަމަށް އާމިރު ވިދާޅުވި އެވެ.
ބިލްގައިވާ ގޮތުން، އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
އަންނަ އަހަރު ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!
ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް މިއަދުވެސް ވޯޓަށް ނޭހި
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން
ޕްރައިމަރީން ބަލިވާނަމަ ވާދަ ކުރުމުގެ ފުރުސަތު ގެއްލެނީ