ޔުނައިޓެޑް ވިކްޓަރީ އަތުން 4-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ މަގާމަށް މާޒިޔާ އަރައިފި އެވެ.
07 އެޕްރީލް 2018
ޔުނައިޓެޑް ވިކްޓަރީ އަތުން 4-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ މަގާމަށް މާޒިޔާ އަރައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެއް ވަނައިގައި އޮތީ، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ އިތުރަށް މެޗެއް ކުޅެގެން 10 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. ނިއު ދެ ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ފުރަތަމަ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
މިއަދުގެ މެޗުގެ 16 ވަނަ މިނެޓުގައި އިސްމާއިލް އީސާގެ ލަނޑުން މާޒިޔާ އިން ކުރި ހޯދި އެވެ. މިއީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނާއިޒް ހަސަން (ދާދު) ތިރިތިރިން ނެގި ހުރަހެއް އޭރިއާ ތެރެއިން ގޯލަށް ވައްދާލައިގެން އީސާ ޖެހި ލަނޑެކެވެ.
މާޒިޔާގެ ކޯނޭ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓަރީގެ އައްޔަ މަސައްކަތްކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހާފު ނިމިނިމި އޮއްވާ ދާދު އަށް ލީޑު ފުޅާކުރަން ވަރަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއިން އޭނާ ހުހަށް ހުރެ ފޮނުވާލި ބާރު ޝޮޓުގެ ހުރަހަކަށްވީ ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަޗް) އެވެ.
ދެ ވަނަ ހާފު ފަށައިގެން 64 ވަނަ މިނެޓުގައި އަނެއްކާ ވެސް މާޒިޔާ އިން ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. ބަދަލު ކުޅުންތެރިޔާ ހަސަން ޝިފާޒް (ޑުންގާ) ދިން ބޯޅައެއް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ހުހަށް އަރައި ފޮނުވާލުމުން ޖެހުނީ ދަނޑީގަ އެވެ.
މާޒިޔާ އިން ލީޑު ފުޅާކުރީ 69 ވަނަ މިނެޓުގައި މިލޮސް ކޮވަސެވިޗް ހިލޭ ޖެހުމަކުން ވައްދާލި ގޯލަކުންނެވެ. އޭރިއާގެ ކަނާ ދިމާލުން އޭނާ ފޮނުވާލި ހިލޭ ޖެހުން ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި އޭރިއާ ބޭރުން އަހުމަދު ހަސަން (އައްމަޑޭ) ގޯލުގެ މަތީ ކަނާ ދިމާލަށް ފޮނުވާލި ހިތްގައިމު ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ކީޕަރު ތޮލާލް ސަލާމަތްކުރި އެވެ.
މާޒިޔާގެ ތިން ވަނަ ގޯލް 73 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކޯނޭ އެވެ. މިއީ މުހައްމަދު އިރުފާންގެ ބަދަލުގައި މި މެޗުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި އީސަ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯނޭ ޖެހި ގޯލެކެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ ހަތަރު ވަނަ ގޯލް ދާދު ކާމިޔާބުކުރީ ވެސް އީސާ ދިން ބޯޅައަކުންނެވެ.
މާޒިޔާގެ އާއްކޮ (ވ) ހުއްޓުވަން ޔުނައިޓެޑް ވިކްޓަރީގެ ފަރޭ މަސައްކަތްކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މޮޅުވުމުގެ އިތުރުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް ދެ ވަނަ ހާފުގައި އެކަން ބަދަލުކޮށްލި ކަމަށެވެ.
"އެޓޭކިން ކުޅުންތެރިންގެ ކޮމްބިނޭޝަނާ މެދު ވެސް ހިތްހަމަޖެހޭ. ހާއްސަކޮށް ދާދު ދެއްކި ކުޅުން،" އިންމަ ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފުރަތަމަ ދެ މެޗުގައި އޭނާގެ ޓީމުން ކުރި މަސައްކަތާ ގާތަށް ވެސް މި މެޗުގައި މަސައްކަތްނުކުރެވޭ ކަމަށާއި ފެނިގެން ދިޔައީ ނަމެއްގައި ކުޅުނުތަން ކަމަށެވެ.
"ބޯޅަ ކުޅެން ޖެހޭތީ އަރާ ކުޅުނުތަން ފެނުނީ. ބޯޅަ ލިބުނީމާ ކުޅެލާފައި ބޯޅަ ގެއްލުނީމާ ހިނގާލާފައި. ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ކުޅޭއިރު މިއަށް ވުރެ ރަނގަޅު އެފަޓެއް ލާން ޖެހޭނެ. މިހާރު ބަލިވުން ހެބިޓަކަށް ވެއްޖެ. މީތި ގޯސްވުމުގެ ކުރިން ބޮޑު ބަދަލެއް ގެންނާނަން،" ނަޒީހު ބުންޏެވެ.
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
މާޒިޔާއާ ވާދަކުރާއިރު ނަޒީހު އިތުބާރާ އެކު
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ލޯނު އެއްބަސްވުމެއްގެ ދަށުން ކީޕަރު ނާޖީ މާޒިޔާއަށް
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ހަމްޕުގެ ހެޓްރިކަކާ އެކު މާޒިޔާއިން ޔޫވީ ބަލިކޮށްފި