Roadha Mihaaru
ރަނިލްގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި

ރަނިލްގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި

04 އެޕްރީލް 2018

ކޮލަމްބޯ (އެޕްރީލް 4) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް މިރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓު ފާހެއް ނުވި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 4) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް މިރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓު ފާހެއް ނުވި އެވެ.

ޖޮއިންޓް އޮޕޮޒިޝަނުން ހުށަހެޅި މައްސަލައިގައި ރަނިލް މަގާމުން ދުރުކުރަން ފެންނަ ކަމަށް ވޯޓު ދިނީ 76 މެންބަރުންނެވެ. ދެކޮޅަށް 122 މެންބަރުން ވޯޓު ދިނެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ 26 މެންބަރުން ތިއްބެވެ. އޭގެ ތެރޭގައި ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މިނިސްޓަރެއް ކަމަށްވާ ނިޝާންތާ މުތުހެޓިގަމާ ވެސް ހިމެނެ އެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ނިންމީ ވަކިކޮޅަކަށް ވޯޓު ނުދޭށެވެ.

ޕާލަމެންޓުގެ ބަހުސަށް ފަހު ބޮޑު ވަޒީރު ރަނިލް (މ) ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ޕާލަމެންޓުގެ ބަހުސަށް ފަހު ބޮޑު ވަޒީރު ރަނިލް (މ) ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ވެއްދީ 55 މެންބަރުންގެ ސޮޔާ އެކު އެވެ. ވޯޓަށް އެހީ 12 ގަޑިއިރުގެ ބަހުސަކަށް ފަހު އެވެ. ލަންކާ ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 113 ވޯޓުންނެވެ.

ވޯޓުގެ ކުރިން ސިރިސޭނާގެ ޕާޓީން ވަނީ ރަނިލް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފަ އެވެ. ސެންޓްރަލް ބޭންކުގެ ބޮންޑް ވިއްކައިގެން ހިންގި ބޮޑު ކޮރަޕްޝަނުގައި ރަނިލް މަގާމުން ދުރު ކުރަން އެސްއެލްއެފްޕީގެ ބަރަށް ގިނަ މެމްބަރުން ބޭނުންވެ އެވެ.

ރަނިލް އާއި ސިރިސޭނާ ކޯލީޝަން ހެއްދީ 2015 ވަނަ އަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ބަލި ކުރުމަށެވެ. އެކަމަކު ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު ކޯލިޝަނުގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ.