Roadha Mihaaru
ވޯޓުގެ ކުރިން ރަނިލް އިސްތިއުފާ ދީ: ސިރިސޭނާގެ ޕާޓީ

ވޯޓުގެ ކުރިން ރަނިލް އިސްތިއުފާ ދެއްވަން ސިރިސޭނާގެ ޕާޓީން ގޮވާލައިފި

31 މާޗް 2018

ކޮލަމްބޯ (މާޗް 31) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު މި ހަފުތާގައި ނެގުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވަން ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 31) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު މި ހަފުތާގައި ނެގުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވަން ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ގޮވާލައިފި އެވެ.

އެސްއެލްއެފްޕީގެ ތަރުޖަމާން އަދި ސްޓޭޓް މިނިސްޓަރު ހައިވޭ ޑިލަން ޕެރޭރާ ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރާއި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ސަލާމަތް ކުރަން ބޭނުންވާ ނަމަ އެޕްރީލް 4 ގެ ކުރިން ރަނިލް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. ރަނިލް އިތުބާރު ނެތްކަމުގެ ވޯޓު ތާވަލްކޮށްފައި ވަނީ އެޕްރީލް 4 އަށެވެ.

އެސްއެލްއެފްޕީގެ ހެޑްކުއާޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެރާރާ ވިދާޅުވީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އިސްކޮށް ހަރަކާތްތެރިވާ ޖޮއިންޓް އޮޕޮޒިޝަން އިން ހުށަހެޅި ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ދެކޮޅު ހެދެން އެސްއެލްއެފްޕީ އަށް ނެތް ކަމަށެވެ. އަދި ސެންޓްރަލް ބޭންކާ ގުޅޭ ކަންކަން ރަނިލްގެ ބާރުގެ ދަށުން ނަގާ ފިނޭންސް މިނިސްޓްރީއާ ހަވާލު ކުރުމަކީ ރައީސް ސިރިސޭނާ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ވެސް ވަނީ ރަނިލްއާ ދެކޮޅަށް ވޯޓުދޭން ތިބި މީހުންނަށް އިތުރު ހިތްވަރެއް ލިބިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ

ޕެރޭރާ ވިދާޅުވީ ރަނިލް އިސްތިއުފާ ދެއްވި ނަމަވެސް އެއްބައިވަންތަކަމުގެ ސަރުކާރަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ކޯލިޝަން ސަރުކާރު ދެމި އޮންނާނެ ކަމަށެވެ. އަދި އާ ބޮޑު ވަޒީރަކު ހޮވުމުގައި އެސްއެލްއެފްޕީ އިން ކޯލިޝަނަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާ ބޮޑު ވަޒީރަކީ ޔޫއެންޕީ ނުވަތަ އެސްއެލްއެފްޕީގެ ކެންޑިޑޭޓެއް ނުވަތަ ޑޮކްޓަރަކަށް ނުވަތަ ސިޔާސީ އެހެން މީހަކަށް ވިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލްއާ ދެމެދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. ރަނިލްގެ ބާރުގެ ދަށުގައި ކުރިން އޮތް ސެންޓްރަލް ބޭންކާއި ސިޔާސަތުތައް ކަނޑައަޅާ ނޭޝަނަލް އޮޕަރޭޝަންސް ރޫމް އަދި އެތައް މުއައްސަސާއެއް މިދިޔަ ހަފުތާގައި ވަނީ ނަގައިފަ އެވެ. ރަނިލްގެ ބެއްލެވުމުގެ ދަށުގައި އޮތް ކެބިނެޓުގެ އިގްތިސާދީ ކޮމިޓީ ވެސް ސިރިސޭނާ ކުރިން ވަނީ އުވާލައްވައިފަ އެވެ.

ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ މަގާމަށް 2015 ވަނަ އަހަރު ރަނިިލް ހަމަޖެއްސި އަރުޖުނާ މަހެންދުރަން ވަނީ ބޮންޑު ވިއްކުމުގައި ބޮޑު ކޮރަޕްޝަނެއް ހިންގައިފަ އެވެ. ބޮންޑު ވިއްކައިގެން 75 މިލިއަން ޑޮލަރުގެ ނާޖާއިޒް ފައިދާ ވަނީ ނަގައިފަ އެވެ. އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.

ސިރިސޭނާ އާއި ރަނިލް ގުޅިވަޑައިގެންނެވީ 2015 ވަނަ އަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް ރާޖަޕަކްސާ ބަލިކުރުމަށެވެ. ނަމަވެސް އޭގެ ފަހުން ކޯލިޝަނުގައި ވަނީ ރެނދުލައިފަ އެވެ. ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ. އެ ނާކާމިޔާބީގެ ޒިންމާ ސިރިސޭނާ އަޅުވާފައި ވަނީ ރަނިލްގެ އިސްތަަށިފުޅުގަ އެވެ. މި އަހަރު ކުރީކޮޅު ސިރިސޭނާ ވަނީ ރަނިލްގެ ޔޫއެންޕީ އަށް ފާޅުގައި ފާޑު ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ޔޫއެންޕީގެ ކޮރަޕްޝަން ބޮޑު ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.

ލަންކާ ޕާލަމެންޓުގެ 225 މެންބަރުންގެ އަޣުލަބިއްޔަތު އޮންނަނީ ޔޫއެންޕީ އަށެވެ. ބޮޑު ވަޒީރުކަމުން ރަނިލް ދުރުކުރެވޭނީ ސިރިސޭނާގެ އެސްއެލްއެފްޕީއާ ރަނިލްގެ ޔޫއެންޕީގެ ބައެއް މެންބަރުން ގުޅިއްޖެ ނަމަ އެވެ.