Roadha Mihaaru
ލަންކާގެ ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަނީ

ލަންކާގެ ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

27 ފެބުރުއަރީ 2018

ކޮލަމްބޯ (ފެބްރުއަރީ 27) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް އެމަނިކުފާނުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ޕާލަމެންޓް މެންބަރުންތަކެއް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ފެބްރުއަރީ 27) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް އެމަނިކުފާނުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ޕާލަމެންޓް މެންބަރުންތަކެއް ފަށައިފި އެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅޭ ސްޓޭޓް މިނިސްޓަ ފޯ އިރިގޭޝަން ޕަލިތާ ރޭންޖް ބަންޑާރަ ވިދާޅުވީ ޕާޓީގެ ލީޑަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހެނީ އޭނާ އަށް ގައުމުގެ އިތުބާރު ވެސް ނެތުމުން ކަމަށެވެ. އަދި ޕާޓީ އަށް ދެން ކުރިއަށް ދެވޭނީ ރަނިލް މަގާމުން ދުރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކެބިނެޓަށް ބަދަލު ގެނެސްގެން ހައްލެއް ނެތް ކަމަށާއި ޕާޓީގެ ހިންގުން ރަނގަޅު ކުރެވޭނީ ރަނިލް ބަދަލުކޮށްގެން ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޕާޓީގެ ލީޑަޝިޕް ބަދަލު ކުރުމުގެ މަސައްކަތުގައި އުޅެނީ އޭނާ އެކަނި ނޫން ކަމަށާއި އެކަމަށް ބޭނުންވާ ވަރަށް ގިނަ މީހުން ޕާޓީގައި އެބަތިބި ކަމަށެވެ. އަދި އެކަން ރަނިލް ވެސް ގަބޫލް ކުރައްވަން ޖެހޭނެ ކަމަށް ބަންޑާރަ ވިދާޅުވި އެވެ.

"ރަައްޔިތުން އިތުބާރު ނުކުރާ މީހެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން. މިކަމުގައި އިސް ނަގަން ވަރަށް ގިނަ މީހުން އެބަތިބި. ހަމަގައިމު ވެސް ރަނިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އިސްކޮށް އަޅުގަނޑު އުޅޭނަން،" ބަންޑާރަ ވިދާޅުވި އެވެ.

ބޮޑު ވަޒީރު ރަނިލްގެ އިތުބާރު ނެތްކަމަށް ގޮވާލުމުގެ އަޑުތައް ގަދަވެފައި ވަނީ ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.