Roadha Mihaaru
ސިރިސޭނާ އާއި ޔޫއެންޕީގެ ބައްދަލުވުމުން ހައްލެއް ނުލިބުނު

ސިރިސޭނާ އާއި ޔޫއެންޕީގެ މިނިސްޓަރުންގެ ބައްދަލުވުމުން ހައްލެއް ނުލިބުނު

03 އެޕްރީލް 2018

ކޮލަމްބޯ (އެޕްރީލް 3) - ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ މިނިސްޓަރުން ރޭ ބޭއްވި ބައްދަލުވުން ހައްލެއް ނުލިބި ނިމިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 3) - ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ މިނިސްޓަރުން ރޭ ބޭއްވި ބައްދަލުވުން ހައްލެއް ނުލިބި ނިމިއްޖެ އެވެ.

ރައީސްގެ ރަސްމީ ގެކޮޅުގައި ބޭއްވި ބައްދަލުވުމުގައި ސިރިސޭނާ ވަނީ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާއި ޔޫއެންޕީގެ މިނިސްޓަރުންނާ އެކު މިއަދު އިތުރު ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންފަ އެވެ. ރޭގެ ބައްދަލުވުމުގައި ޔޫއެންޕީގެ މިނިސްޓަރުން ވަނީ ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެސްއެލްއެފްޕީން ނިންމާފައިވާ ގޮތް ސާފު ކުރުމަށް ރައީސްއާ ސުވާލު ކޮށްފަ އެވެ. ސިރިސޭނާ ވަނީ ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެކި ޕާޓީތަކުން ދެކޭ ގޮތް ހާމަކޮށްދެއްވައިފަ އެވެ.

ޔޫއެންޕީގެ ޖެނެރަލް ސެކްރެޓަރީ އަދި އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ ސަރުކާރު ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ވެސް ސިރިސޭނާއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން ބުނި ގޮތުގައި ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) ގެ ތާއީދާ އެކު ރަނިލްގެ ވޯޓު ކާމިޔާބު ކުރަން ސިރިސޭނާ ބޭނުންފުޅެއް ނުވެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވަނީ ރައީސް ވެސް އިންތިޚާބުކޮށްފައި ވަނީ ޓީއެންއޭގެ އެހީއާ އެކު ކަމަށް ވިދާޅުވެފަ އެވެ.

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން އެސްއެލްއެފްޕީގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ. އެސްއެލްއެފްޕީގެ ބައެއް މެންބަރުން ރަނިލްގެ އިތުބާރު ނެތްކަމަށް ތާއީދު ކުރާ އިރު އަނެއް ބައި މެންބަރުން މެދުމިނުގެ ވިސްނުމެއް ގެންގުޅޭ އިރު ދެން ތިބި މެންބަރުން ޔޫއެންޕީ އަށް ވެސް ތާއީދު ކުރާ ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.

ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ޖޮއިންޓް އޮޕޮޒިޝަން (ޖޭއޯ) އިން ޕާލަމެންޓަށް ވެއްދީ 55 މެންބަރުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި އެސްއެލްއެފްޕީގެ ހަތަރު މެންބަރަކު ވެސް ހިމެނެ އެވެ. ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައި ވަނީ މާދަމާ އެވެ.