03 އެޕްރީލް 2018
ޑްރަގް ކޯޓުން ބަލާ މައްސަލަތަކާ ގުޅިގެން އެ ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި، މިއަދު އަމަލު ކުރަން ފަށައިފި އެވެ.
ޑްރަގް ކޯޓުން ބަލާ މައްސަލަތަކާ ގުޅިގެން އެ ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި، މިއަދު އަމަލު ކުރަން ފަށައިފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އެ ގަވާއިދަކީ އެ ކޯޓުން ބަލާ އެކި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ހެކިންނާއި އެ ނޫން ވެސް މީހުން އެ ކޯޓަށް ހާޒިރު ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކާއި ހާޒިރު ނުވެއްޖެ ނަމަ އަމަލު ކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.
އެ ގަވާއިދު ބުނާގޮތުން އާންމު އުސޫލުން ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލު ކުރާނީ ކޯޓަށް ހާޒިރު ވާންޖެހޭ މީހާއާ ކަމަށް ވިޔަސް، އެ މީހާއާ އެ އަމުރު ހަވާލު ނުކުރެވިއްޖެ ނަމަ އެ މީހަކު ދިރިއުޅޭ ގޭގައި އުޅޭ އެހެން މީހަކާ އެ އަމުރެއް ހަވާލު ކުރެވިދާނެ އެވެ. ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ އެހެން މީހަކާ އެ އަމުރު ހަވާލު ކުރުމަކީ ކޯޓަށް ހާޒިރުވާން ޖެހޭ މީހާއާ އަމުރު ހަވާލު ކުރެވުނީ ކަމަށް ބެލެވޭނެ އެވެ.
ދައުލަތުގެ މުއައްސަސާއެއް ތަމްސީލު ކުރުމުގެ ގޮތުން ހާޒިރުވާން އަންގާ ނަމަ އަމުރު ފޮނުވާނީ އެ މުއައްސަސާއަކަށެވެ. ބަންދުގައިވާ ތިބޭ މީހުން ހާޒިރު ކުރަން އަންގާނީ އެ މީހަކު ބަންދު ކޮށްފައިވާ ތަނަކަށެވެ.
އެ ގަވާއިދު ބުނާގޮތުން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށް ފަހު މަގްބޫލު އުޒުރެއް ނެތި ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ އެ މީހަކު 75ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ކޯޓަށް އޮންނާނެ އެވެ. ހާޒިރުނުވީ ދައުލަތުގެ މުއައްސަސާއަކުން ކަމަށް ވިޔަސް އެ އަދަދުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ވެ އެވެ. އަދި ހާޒިރުނުވި ފަރާތަކީ ދައުވާލިބޭ ފަރާތް ކަމަށްވާ ނަމަ، އެ ފަރާތެއް ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކުރެވޭ ގޮތަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށް ފަހު ކޯޓަށް ހާޒިރު ނުވެވޭ ފަދަ މަގްބޫލު އުޒުރެއް ދިމާވެއްޖެ ނަމަ، ހާޒިރުވާން ޖެހޭ ވަގުތުގެ އެއް ގަޑިއިރު ކުރިން އެކަން ކޯޓަށް އަންގަން އެ ގަވާއިދު ލާޒިމް ކުރެ އެވެ. މަގްބޫލު އުޒުރެެއް ކަމަށް އެ ގަވާއިދުގެ ދަށުން ބަލަނީ ހާޒިރު ނުވެވޭ ފަދަ ބައްޔެއް ވުމާއި މޫސުން ގޯސްވެ، ދަތުރުފަތުރަށް ބުރޫ އެރުމާއި ފަނޑިޔާރަށް ގަބޫލު ކުރެވޭ އެހެން އުޒުރެއް ދިމާވުމެވެ. އެކަމަކު އެއިން އުޒުުރެއް ދިމާވިކަން ސާބިތުކޮށް ދިނުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށް އެ ގަވާއިދުގައިވެ އެވެ.
ހާޒިރު ނުވެވުނު ސަބަބަކީ ބަލިވުން ކަމަށްވާ ނަމަ، އެ ގަވާއިދު ބުނާގޮތުން ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ ޚިދުމަތް ދޭ ތަނަކުން ދޫކުރާ މެޑިކަލް ސެޓްފިކެޓާއި އެކަމަށް ކޯޓުން ދޫކުރާ ފޯމާ އެކު ދެ ދުވަސް ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ހުށަހަޅާ މެޑިކަލް ސެޓްފިކެޓްގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެ ސެޓްފިކެޓެއްގައި ސޮއިކުރި ފަރާތެއް ހާޒިރު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ކާކުކަން ނޭނގޭ ގޮތަށް ކޯޓަށް ހާޒިރުވުމަކީ އެ ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމަށް ވިޔަސް، މޫނު ބުރުގާ އަޅާ އަންހެނުން އެ އުސޫލުން އިސްތިސްނާވެ އެވެ. އެކަމަކު މޫނު ބުރުގާ އަޅައިގެން ހާޒިރުވެއްޖެ ނަމަ، ކޯޓުގެ އަންހެން މުވައްޒަފަކު ލައްވައި، އެ މީހަކީ ކާކުކަން ކަށަވަރު ކުރާނެ ކަމަށް އެ ގަވާއިދުގައި ވެ އެވެ.
މީގެ އިތުރުން ނިވާކަން ކުޑަ ހެދުމާއި ކުރު ސޯޓާއި ބެނިއަމް އާއި އާންމު އިޖްތިމާއީ މިންގަނޑާ ޚިލާފް ލިޔުންތައް ލިޔެފައިވާ ހެދުން ނުވަތަ އިސްލާމްދީނާ ޚިލާފް ޝިއާރުތައް ރަމްޒުކޮށްދޭ ހެދުމާއި ގަހަނާ އަޅައިގެން ހާޒިރުވުމަކީ ވެސް އެ ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.
މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލުގެ ކުރަން ހިތްވަރު ދޭ ލިޔުންތަކާއި ކުރެހުން ހުންނަ ހެދުމާއި ވަކި ސިޔާސީ ފިކުރަކާ ގުޅޭ ޝިއާރެއް ނުވަތަ ލޯގޯއެއް ހުންނަ ހެދުން އަޅައިގެން ކޯޓަށް އައުމަކީ ވެސް މަނާ ކަމެއް ކަމަށް އެ ގަވާއިދުގައިވެ އެވެ. ހެދުން އެޅުމުގެ މިއިން މިންގަނޑާ ޚިލާފްވެއްޖެ ނަމަ 75ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު އެ ގަވާއިދުގެ ދަށުން ކޯޓަށް ލިބެ އެވެ.
އެ ގަވާއިދު ބުނާގޮތުން ފަސް ހާލަތެއްގައި މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރު ކުރެވިދާނެ އެވެ. އެއީ ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށް ފަހު ހާޒިރު ނުވުން ނުވަތަ ހާޒިރުވުމުގެ އަމުރާ ހަވާލު ނުވުން ނުވަތަ މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް ފަރުވާ ދޭ ޑްރަގް މަރުކަޒަކުން ފިލުން ނުވަތަ ފަރުވާ ދޭ މަރުކަޒަށް އެއްބާރުލުން ނުދިނުން ނުވަތަ އެ މީހަކީ ކޯޓަށް ހާޒިރު ނުވެދާނެ މީހެއް ކަމަށް ގަބޫލު ކުރެވުމެވެ.
ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ފަރުވާއަށް ޚާއްސަ ކޯޓެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާއަށް އެދޭ މީހުން ފަރުވާއަށް ފޮނުވުމާއި އަދި ފަރުވާގެ އުސޫލުތަކާ ޚިލާފްވެއްޖެ ނަމަ، ހުކުމް ތަންފީޒު ކުރަން އަނބުރާ ޖަލަށް ފޮނުވުމަކީ ވެސް ޑްރަގް ކޯޓުގެ އިހްތިސާސްގައި އޮންނަ ކަންކަމެވެ.
ފަރުވާ ފެއިލްވެ ޑްރަގް ކޯޓުގެ ބޭނުން ކެނޑެނީ!
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ޕާރުސަލަކުން ކިލޯއެއްހާ ޑްރަގް:އެންމެން ސަލާމަތްވެއްޖެ
ފަސް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް އަތުލައިގެންފި
އެހެންމީހެއްގެ ނަމުގައި ޑްރަގް އެތެރެކުރި މީހަކު ޖަލަށް
ފައިވާނުން ފެނުނު ޑްރަގާ ހެދި 25 އަހަރުގެ ހުކުމެއް
ކޮއްކޮ ގެންގުޅުނު ޑްރަގަށް ބޭބެ ޒިންމާވިޔަސް ޖަލަށް
ގަންނަ މީހާއަށް އުމުރު ދުވަސް، ވެރިންނަށް 1 ދުވަސް!
އަރުޝަދު ހައްޔަރުކުރީ ޑްރަގްގެ އާ ތުހުމަތެއްގައި
އަރުޝަދު ދޫކޮށްލީ އުސޫލުގެ ތެރެއިން: ޕޮލިސް