ފައިވާނުގެ ދަށް ފުށުގައި ޑްރަގް ފޮރުވައިގެން ވައިގެ މަގުން ގދ. ކާޑެއްދުއަށް ގޮސް ހުއްޓައި ހައްޔަރު ކުރި މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
20 ފެބުރުއަރީ 2023
ފައިވާނުގެ ދަށް ފުށުގައި ޑްރަގް ފޮރުވައިގެން ވައިގެ މަގުން ގދ. ކާޑެއްދުއަށް ގޮސް ހުއްޓައި ހައްޔަރު ކުރި މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
ޖެނުއަރީ 17، 2016 ގައި މުހައްމަދު މިސްބާހު ހުޅުލެއިން ފުރައިގެން ގދ. ކާނޑެއްދުއަށް ގޮސް ހުއްޓައި އެ އާޕޯޓުން އޭނާ ހައްޔަރު ކުރީ އޭނާ ޑްރަގް އެތެރެ ކުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އޭނާގެ އަތުން ޑްރަގް ފެނުނީ ފުލުހުންގެ ބެލުމުގެ ދަށުން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ޝައްކުކުރެވިގެން ބެލި ބެލުމުންނެވެ. އޭނާގެ ފައިވާނުގެ ދަށްފުށް ނައްޓައި ބެލި އިރު ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އެ ރަބަރު ޕެކެޓުން 19.65 ގްރާމުގެ ޑައިމޯފިން ހުރިކަން ފަހުން ހެދި ތަހުލީލުން އެނގުނެވެ.
އެ މައްސަލައިގައި ދައުލަތުން މިސްބާހުގެ މައްޗަށް ކުރީ ޑައިމޯފިިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޓްރެފިކިންގެ ކުށަށް އޮންނަ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 100،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އޮކްޓޯބަރު 31، 2018ގައި ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ގާޒީ އަލީ އާދަމް ބެއްލެވި އެ މައްސަލައިގެ ހުކުމުގައި ފާހަގަ ކުރީ އޭނާގެ ފައިވާނުގެ ތެރެއިން ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޕެކެޓެއް ފެނުނު ކަމަށް ތިން ފުލުހަކު ހެކިބަސް ދީފައިވާ ކަމެވެ. އަދި އެކަމަށް މިސްބާހު ވެސް އިންކާރު ނުކުރާއިރު، އޭނާގެ ހިޔާޒަތުގެ ދަށުން ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ފެނުނު ކަމާ މެދު ޝައްކު އުފެއްދޭނެ ހާލަތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ފައިވާނުގެ ތެރެއިން ފެނުނު ތަކެތީގެ ތަހުލީލު ރިޕޯޓުުން އެއީ ޑައިމޯފިންކަން އެނގިފައިވާކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި ފުލުހުން ނެގި ޑްރަގުގެ ޗެއިން އޮފް ކަސްޓަޑީގައި ވެސް މައްސަލައެއް ނެތްކަން ފާހަގަކުރި އެވެ.
މިސްބާހުގެ ފަރާތުން ހުށަހެޅި ހެއްކަކު ބުނެފައިވާ ގޮތުގައި އެ ފައިވާނަކީ އޭނާ ރަށަށް ދާތީ މުރުޝިދު ކިޔާ މީހަކު ހަދިޔާއަކަށް ދިން ފައިވާނެކެވެ. އެކަމަކު ދެވަނަ ހެކިވެރިޔާ ބުނީ އެއީ މުރޭ ކިޔާ މީހަކު އެހެން މީހަކާ ހަވާލުކުރަން އޭނާ އަތަށް ދިން ފައިވާނެއް ކަމަށެވެ.
އެ ވާހަކަތަކުގައި ފުށުއެރުން ހުރި އިރު ހުކުމުގައި ވަނީ މިސްބާހުގެ ފަރާތުން ހުށަހެޅި ހެކިތަކުން ދައުލަތުގެ ހެކިތައް ނަފީ ނުކުރެވޭ ކަމަށެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުން ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، އޭނާ 25 އަހަރަށް ޖަލަށްލައި 100،000ރ. އިން ޖޫރިމަނާ ކުރި އެވެ.
އެކަމަކު، ޝަރީއަތް ނިމެންދެން އޭނާ ފަސް އަހަރާއި ހަ ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ ތަންފީޒު ކުރަން ބާކީ އޮތީ 19 އަހަރާއި 11 މަހާއި 24 ދުވަހެވެ.
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
އަތުލިޔުމާ ހެދި އުމުރު ދުވަހުގެ ޖަލު ހުކުމެއް
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް މައްސަލައެއްގައި ނިލަންދޫން ނުވަ މީހަކު ހަައްޔަރު
ހަތަރު ކިލޯގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެ މީހަކު ހައްޔަރު
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެބެއިން ހައްޔަރުކޮށްފި
އެތެރެކުރުން މަނާ ބޭހާއެކު މާލެއިން މީހަކު ހައްޔަރު