Roadha Mihaaru
ފޯކްލިފްޓްގެ މައްސަލަ ނުނިމިގެން ޝަކުވާކުރަނީ

ފޯކްލިފްޓުގެ މައްސަލަ ސުޕްރީމް ކޯޓުން ނުނިމި ލަސްވާތީ ސްޓެލްކޯ އިން ކަންބޮޑުވުން ފާޅުކޮށްފި

26 މާޗް 2018

ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯ އަށް ސަޕްލައި ކޮށްދިން ފޯކްލިފްޓުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ނުނިމި ދިގުލައިގެންދާތީ އެކަމާ ސްޓެލްކޯ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯ އަށް ސަޕްލައި ކޮށްދިން ފޯކްލިފްޓުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ނުނިމި ދިގުލައިގެންދާތީ އެކަމާ ސްޓެލްކޯ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ދެ ކުންފުނީގެ ދެމެދުގައި ފޯކްލިފްޓެއްގެ މައްސަލަ ޖެހުނީ ސެންޓަ އެންޓަޕްރައިސަސް އިން ސެޓްލްކޯގެ ބޭނުމަށް ގެނެސްދިން އެ ފޯކްލިފްޓާ ހަވާލުވާން ސްޓެލްކޯ އިން ދެކޮޅު ހެދުމުންނެވެ. ސްޓެލްކޯގެ މައިގަނޑު ޝަކުވާ އަކީ އެއީ އެ ކުންފުނިން އޯޑަރު ދިން ބާވަތުގެ ފޯކްލިފްޓަކަށް ނުވުމެވެ. ސްޓެލްކޯ އިން އޯޑަރު ދިނީ ހަ ޓަނުގެ ފޯކްލިފްޓަކަށް ކަމަށާއި އެކަމަކު ސެންޓަ އެންޓަޕްރައިސަސްއިން ގެނައީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެއީ އޯޑަރު ދިން ސައިޒުގެ އެއްޗަކަށް ނުވާތީ، ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރުމަށް ސިވިލް ކޯޓުން ޖެނުއަރީ 2015 ގައި ސެންޓަ އެންޓަޕްރައިސަސް އަށް އަމުރުކުރި އެވެ. އެކަމަކު ސެޕްޓެމްބަރު 2015 ގައި ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލަ އެ ކުންފުނިން ހައިކޯޓުން ނިމުމާއެކު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ސްޓެލްކޯގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު މިއަދު ވިދާޅުވީ، 2010 ވަނަ އަހަރު ބީލަން އުސޫލުން ސެންޓަ އެންޓަޕްރައިސަސްއާ ހަވާލު ކޮށްގެން ގެނައި ފޯކްލިފްޓަކީ އެ ކުންފުނިން ބޭނުންވި ސައިޒުގެ އެއްޗަކަށް ނުވާތީ އަނބުރާ ގެންދަން އެންގުމުން ނުގެންގޮސް ސްޓެލްކޯގެ ގޯތިތެރޭގައި އަދިވެސް އެބައޮތް ކަމަށެވެ. އަދި ކޯޓަށް ހުށަހެޅި މައްސަލަ ނުނިމި ދިގުލައިގެން ދިއުމުން އެ ކުންފުންޏަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށްޓަކައި ވަރަށް ބޮޑެތި ދަތިތަކެއް މިކަމުގެ ސަބަބުން ވަނީ ކުރިމަތިވެފައި. އަދި މި ލިބެމުންދާ ގެއްލުންތަކަކީ އަޅުގަނޑުމެން ރައްޔިތުންނާ ހިއްސާކުރަން ބޭނުންވޭ،" ނާޒިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯ އިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތާ ތިން އަހަރު ވަނީ ވެފަ އެވެ. އަދި އެ ކޯޓުގައި ކުރިއަށް ގެންދަން ޖެހޭ ހުރިހާ އަޑު އެހުންތައް ވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައި. ހުކުމެއް ނައިސް މިދާ ގިނަ ދުވަސްތަކަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތައް،" ނާޒިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ޝަރީއަތުގެ އެކި މަރުހަލާގައި ހިނގަމުންދާތާ ހަތް އަހަރު ފާއިތުވެއްޖެ ކަމަށެވެ. އަދި އެ މައްސަލަ ނުނިމި ދިގުލައިގެންދާއިރު، އެކަމުގެ ސަބަބުން ސެންޓަ އެންޓަޕްރައިސަސް އަށް ގެއްލުންވަމުންދާ ކަމަށް ބުނެ ބަދަލު ހޯދުމަށް އެ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށް ވެސް ނާޒިރު ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ، ފޯކްލިފްޓް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު ގެއްލުމުގެ ބަދަލުގެ ގޮތުގައި 44 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ އެއްގޮތަކަށް ވެސް ދޭން ޖެހޭ ކަމަށް އެއްބަސްވި އެއްޗެއް ނޫން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއަށް ސަޕްލައިކޮށްދިން ފޯކްލިފްޓް. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއަށް ސަޕްލައިކޮށްދިން ފޯކްލިފްޓް. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ނާޒިރު ވިދާޅުވީ ފޯކްލިފްޓްގެ އަގުގެ ގޮތުގައި ދައްކަން ސްޓެލްކޯ އިން އެއްބަސްވެފައި ވަނީ 1.29 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކުމުން ގެއްލުމުގެ ގޮތުގައި ޖޫރިމަނާ ދައްކަން ޖެހޭ ކަމަށް އެކި އަދަދުތަކުން އެ ކުންފުންޏަށް ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސަޕްލައިކޮށްފައި ވަނީ ހަ ޓަނުގެ ފޯކް ލިފްޓެއް ނޫން ކަމަށް އެ ފޯކްލިފްޓް އުފެއްދި ކުންފުނިން ވެސް އެބަ ބުނޭ. އެހެންވީމަ އަޅުގަނޑުމެންނަށް އެ ފަރާތަށް އެއްބަސްވި އަގެއް ދެއްކޭނެ ގޮތެއް ނެތް މިހެކިތަކުގެ މައްޗަށް ބަލާފައި،" ނާޒިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމުންނަށް ގެއްލުންވާ ގޮތަށް ހޯދާ އެއްވެސް މުދަލެއް ސްޓެލްކޯ އަށް ގަބޫލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ސްޓެލްކޯ އަށް ސަޕްލައިކޮށްދިން ފޯކްލިފްޓްގެ ފައިސާ ނުދައްކައި ލަސްވާތީ، ޓަގު ބޯޓެއްގެ މައްސަލާގައި ސެންޓަ އެންޓަޕްރައިސަސް އަށް 160 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ މައްޗަށް ހުކުމެއް އައިސްފައިވެ އެވެ.