Roadha Mihaaru
46 މިލިއަންގެ މައްސަލަ އަދި ކުރިއަކަށް ނުގެންދެވޭނެ

ސްޓެލްކޯ އަތުން 46 މިލިއަން ހޯދަން ދައުވާކުރާ މައްސަލަ މިވަގުތު ކުރިއަކަށް ނުގެންދެވޭނެ: ކޯޓް

19 ޖެނުއަރީ 2017

ފޯކްލިފްޓެއްގެ މައްސަލާގައި 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރާ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފޯކްލިފްޓެއްގެ މައްސަލާގައި 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރާ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ސްޓެލްކޯ އަށް ގެނެސްދިން ފޯކްލިފްޓެއްގެ އަގު ނުދެއްކުމުން، އޭގެ އަގާއި ޖޫރިމަނާއާ އެކު 46.8 މިލިއަން ރުފިޔާ ހޯދުމަށް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ނިންމީ، އެއާ ގުޅޭ އެހެން މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުން އަންނާތީ އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމުމުގެ ކުރިން، ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިހާރު އޮތީ ފޯކްލިފްޓަކީ ސްޓެލްކޯއިން އޯޑަރު ދިން އުޅަނދެއް ނޫން ކަމަށް ބުނެ އެ ފޯކްލިފްޓާ ހަވާލުވުމަށް ސްޓެލްކޯ އިން ދެކޮޅު ހަދާ މައްސަލަ އެވެ. އެ ފޯކްލިފްޓާ ހަވާލުވުމަށް ސްޓެލްކޯ އިން ދެކޮޅު ހަދަނީ އެ ކުންފުނިން އޯޑަރު ދިނީ ހަ ޓަނުގެ ފޯކްލިފްޓަކަށް ވެފައި، އެކަމަކު ސެންޓަ އެންޓަޕްރައިސަސް އިން ގެނައީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ބުނެ އެވެ.

ސްޓެލްކޯގެ އިމާރާތުން ފޯކްލިފްޓް ނެރުމަށް ސެންޓަ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ހައި ކޯޓުން 2015 ގައި ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެހެންވެ، ސްޓެލްކޯ އިން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ބޮޑު އަދަދެއް ހޯދަން ސްޓެލްކޯއާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާ ކުރިއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބަނދެ ދިން ޓަގު ބޯޓެއްގެ މައްސަލާގައި 160 މިލިއަން ރުފިޔާ ސެންޓަ އެންޓަޕްރައިސަސް އަށް ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.