Roadha Mihaaru
40 މިލިއަން ހޯދަން ސެންޓަ އެންޓަޕްރައިސަސް ކޯޓަށް

40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއަށް ދައުވާކޮށްފި

16 ޖެނުއަރީ 2017

ޓަގު ބޯޓެއްގެ މައްސަލާގައި ސެންޓަ އެންޓަޕްރައިސަސް އަށް 160 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ މައްޗަށް ހުކުމެއް އައިސްފައި ވަނިކޮށް ފޯކްލިފްޓެއްގެ މައްސަލާގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓަގު ބޯޓެއްގެ މައްސަލާގައި ސެންޓަ އެންޓަޕްރައިސަސް އަށް 160 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ މައްޗަށް ހުކުމެއް އައިސްފައި ވަނިކޮށް ފޯކްލިފްޓެއްގެ މައްސަލާގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން މި މަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުންފުނިން ސްޓެލްކޯ އަށް ގެނެސްދިން ހަ ޓަނުގެ ފޯކް ލިފްޓެއްގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 1،292،475 ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.

އެ މައްސަލަ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި ހައްލު ނުވެގެން މިިހާރު ވަނީ ޝަރީއަތަށް ފޮނުވާފައި ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

ސްޓެލްކޯ އާއި ސެންޓަ އެންޓަޕްރައިސަސްއާ ދެމެދު ފޯކްލިފްޓެއްގެ މައްސަލަ ޖެހުނީ ސެންޓަ އެންޓަޕްރައިސަސް އިން ސެޓްލްކޯގެ އެދުމަށް ގެނެސްދިން ފޯކްލިފްޓާ ހަވާލުވާން ސްޓެލްކޯ އިން ދެކޮޅު ހެދުމުންނެވެ. ސްޓެލްކޯ އިން ބުނަމުންދަނީ އެ ފޯކްލިފްޓަކީ އެ ކުންފުނިން އޯޑަރު ދިން ބާވަތުގެ ފޯކްލިފްޓެއް ނޫން ކަމަށެވެ. ސްޓެލްކޯއިން އޯޑަރު ދިނީ ހަ ޓަނުގެ ފޯކްލިފްޓަކަށް ކަމަށާއި އެކަމަކު ގެނައީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ގެނައި ފޯކްލިފްޓަކީ އޯޑަރު ދިން ބާވަތުގެ އެއްޗަކަށް ނުވާތީ އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރުމަށް ސިވިލް ކޯޓުން ޖެނުއަރީ 2015 ގައި ސެންޓަ އެންޓަޕްރައިސަސް އަށް އަމުރުކުރި އެވެ. އެކަމަކު ސެޕްޓެމްބަރު 2015 ގައި ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކުރިއިރު ޓަގު ބޯޓެއް ބަންނަން އެ ކުންފުންޏާ ހަވާލުކޮށް، އެ މަސައްކަތުގެ އަގު ނުދެއްކުމުން ޖޫރިމަނާއާ އެކު 160 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މަހު ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އެމްޕީއެލް އިން ވަނީ ނިންމައިފަ އެވެ.