Roadha Mihaaru
ނާއިލްގެ މަރު: ގެއްލިގެން ދިޔައީ ހުނަރުވެރި ޒުވާނެއް

ނާއިލްގެ މަރު: ގެއްލިގެން ދިޔައީ ހުނަރުވެރި ޒުވާނެއް

25 މާޗް 2018

އެއީ ހިތްހެޔޮ، އެކުވެރި މިޒާޖެއްގެ ޒުވާނެކެވެ. އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރަން ކެރޭ ހީވާގި ޒުވާނެކެވެ. ހުނަރުވެރި، ކުރިއަރަމުން އަންނަ ޒުވާނެކެވެ. ގ. މޭވާގެ، އަބްދުﷲ ނާއިލް 22، ގެ މިޒާޖާ ބެހޭ ގޮތުން އޭނާގެ އާއިލާގެ މެމްބަރުންނާއި އެކުވެރިން ދިން ޖަވާބަކީ މިއީ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެއީ ހިތްހެޔޮ، އެކުވެރި މިޒާޖެއްގެ ޒުވާނެކެވެ. އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރަން ކެރޭ ހީވާގި ޒުވާނެކެވެ. ހުނަރުވެރި، ކުރިއަރަމުން އަންނަ ޒުވާނެކެވެ. ގ. މޭވާގެ، އަބްދުﷲ ނާއިލް 22، ގެ މިޒާޖާ ބެހޭ ގޮތުން އޭނާގެ އާއިލާގެ މެމްބަރުންނާއި އެކުވެރިން ދިން ޖަވާބަކީ މިއީ އެވެ.

ކ. ތަނބުރުދޫގައި ރާޅާ އަޅަނިކޮށް ނާއިލް ގެނބިގެން އިއްޔެ މަރުވި ހަބަރު އިވުމާ އެކު، އޭނާގެ އާއިލާ އާއި ރައްޓެހިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އުމުރުން 22 އަހަރުގެ ނާއިލްއަކީ މޮޅު ރާޅާ އެޅުންތެރިއެއްގެ އިތުރުން، ތަފާތު ހުނަރުތައް ލިބިފައިވާ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޒުވާނެކެވެ.

ނާއިލް (ކ) އެކުވެރިޔަކާ އެކު ހިތްހެޔޮ ހިނިތުންވުމެއްގައި

ނާއިލް (ކ) އެކުވެރިޔަކާ އެކު ހިތްހެޔޮ ހިނިތުންވުމެއްގައި

ގިނަ ބަޔަކު ނާއިލް ސިފަކުރަނީ އަހުލާގު ރަނގަޅު، ކިޔަމަންތެރި ޒުވާނެއްގެ ގޮތުގަ އެވެ. އެގޮތުން ނާއިލްއަކީ ޒުވާނުންނާ ގުޅޭ އެކި ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނުންގެ ގިނަ ބަޔަކު ދަންނަ މޫނެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް އުޅޭ މަގްބޫލް ޒުވާނެކެވެ.

ނާއިލްގެ ބޭބެ އަދި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިސްމާއިލް ނާއިލް "މިހާރު" އަށް ބުނީ ނާއިލް ރާޅާ އަޅަން އުޅޭތާ ގާތްގަނޑަކަށް ފަސް އަހަރު ވެދާނެ ކަމަށެވެ. އެއީ ރާޅާ އެޅުމުގެ ތަޖުރިބާ ހުރި، ގަވައިދުން އެކަން ކުރަމުން އަންނަ ޒުވާނެއް ކަން ފާހަގަކުރި އެވެ. އެކަމަކު، ތަނބުރުދޫގައި އިއްޔެ ހިނގި ހާދިސާއަކީ އޭނާގެ ބޭބެގެ ހިޔާލަށް ވެސް ގެނެވުނު ކަމެއް ނޫނެވެ.

ނާއިލް ތަނބުރުދުއަށް ދިޔައީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭން ތައްޔާރުކުރާ ލޯކަލް ޓޫރިޒަމް ޕްރޮމޯޝަންގެ ޕްރޮގްރާމެއް ހޯސްޓް ކުރުމަށެވެ. އޭނާއަކީ ޕީއެސްއެމްގައި ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. ޕީއެސްއެމްގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު، އޭނާ މާލެ އަންނަން އޮތީ މާދަމާ އެވެ.

ނާއިލް (ވ)، އޭނާގެ ބައެއް އެކުވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ނާއިލް (ވ)، އޭނާގެ ބައެއް އެކުވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.

"އެކަމެއް މި ހިނގީ އިތުރު ބަޔަކާ އެކު ރާޅާ އަޅަން ގޮސް އުޅެނިކޮށް. ބެލެވޭ ގޮތުގައި ބޮޑު ރާޅެއްގެ ތެރެއަށް ގެނބިގެން ދިޔައީ. އެއީ ނާއިލްއަށް ރިކަވާ ނުވި ރާޅަކަށް ވެދާނެ،" ނާއިލްގެ ބޭބެ ބުންޏެވެ.

އޭނާ ގެނބުނު ހާދިސާގައި މޫނު މަތިން ބޮޑެތި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ. ނާއިލްގެ ބޭބެ ބުނީ އެއީ ގެނބުނު ގަޑީގައި ގަލުގައި ނޫނީ މުރަކައިގައި މޫނު ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކެއް ކަމަށެވެ.

އެމްއެންޑީއެފުން ނާއިލް ހޯދަމުން ދަނިކޮށް ފެނުނީ ތަނބުރުދޫގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ލައްގާފައި އޮއްވަ އެވެ. އޭނާ ފެނުމާ އެކު، އެމްއެންޑީއެފްގެ މެޑިކަލް ޓީމަކުން ނާއިލަށް އަވަސް ފަރުވާ ދިނެވެ. އެކަމަކު ސަލާމަތްނުކުރެވި، އިތުރު އޭނާ މާލެ ގެނެސް އޭޑީކޭ އަށް ގެންދިޔަ އެވެ. އޭޑީކޭ އިން ބުނާ ގޮތުގައި އޭނާ ގެނައި އިރު ވެސް އޮތީ މަރުވެފަ އެވެ.

ނާއިލް: ފަންނުވެރިކަމުގައި ވެސް ފާހަގަކުރެވޭ ކަންކަން ކޮށްފައިވޭ

ނާއިލް: ފަންނުވެރިކަމުގައި ވެސް ފާހަގަކުރެވޭ ކަންކަން ކޮށްފައިވޭ

"ނާއިލްގެ ފުއްޕާމެޔަށާއި ބަނޑަށް ފުދޭ ވަރަކަށް ގިނަ އިން ލޮނު އެޅިފައި ވަނީ. ޑޮކްޓަރުން ވެސް ބުނެފައިވަނީ ނާއިލް މަރުވީ ގެނބިގެން ކަމަށް،" ނާއިލްގެ ބޭބެ ބުންޏެވެ.

އަބްދުﷲ ނާއިލްއަކީ ބާސްކެޓް ބޯޅަ އާއި ހޭންޑް ބޯޅަ ކުޅެމުން އަންނަ ޒުވާނެކެވެ. އަދި އޭނާގެ ރަހުމަތްތެރިން ބުނާ ގޮތުގައި ގެއްލިގެން އެ ދިޔައީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން އެއް ކްރިއޮގްރަފާ އެވެ. އޭގެ އިތުރުން މޮޅު ކުރެހުންތެރިއެކެވެ.

"ބޮޑެތި ހަފްލާތަކަށް ނެށުންތައް ތައްޔާރުކޮށް ދިނުމުގައި ނާއިލްގެ ހިއްސާ އޮވޭ. ނާއިލްއަކީ ރެޕް އާޓިސްޓެއްގެ އިތުރުން ލަވަ ވެސް ކިޔަ އުޅޭ ޒުވާނެއް،" އާއިލާގައި ހުރި ހަމައެކަނި ކޮއްކޮއާ ބެހޭ ގޮތުން ބޭބެ ބުންޏެވެ.

ނާއިލްގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި ނާއިލްގެ ވިސްނުން ވެސް އެހެން މީހުންނާ ވަރަށް ބޮޑަށް ތަފާތެވެ. އަބަދުވެސް މަސައްކަތް ކުރާނީ އެހެން މީހުން ނުކުރާ އާ ކަންތައްތަކެއް ކުރަން ކަމަށް އޭނާ ބުންޏެވެ. ހިތްހެޔޮ މިޒާޖެއްގެ ވެރި ނާއިލް ދަންނަ ގިނަ ބަޔަކު އޭނާ އަށް ކުރަނީ ތައުރީފެވެ.

"ނާއިލްއަކީ މަސައްކަތަށް ފަރުވާތެރި، ކުރާ ކަމެއް ކުރާ ހިތުން ކުރާ ޒުވާނެއް،" އެކުވެރިޔާ ބުންޏެވެ.