Roadha Mihaaru
ސައުދީ މުއްސަނދި، އޭގެ ފައިދާ އެމެރިކާ އަށް ކުރާނެ

ސައުދީ ވަރަށް މުއްސަނދި، އޭގެ ފައިދާ އެމެރިކާ އަށް ކުރާނެ: ޓްރަމްޕް

21 މާޗް 2018

ވޮޝިންޓަން (މާޗް 21) - ސައުދީ އަރަބިއާ އަކީ ވަރަށް މުއްސަނދި ގައުމެއް ކަމަށާއި އެ މުއްސަނދި ކަމުގެ ފައިދާ އެމެރިކާ އަށް ކުރާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 21) - ސައުދީ އަރަބިއާ އަކީ ވަރަށް މުއްސަނދި ގައުމެއް ކަމަށާއި އެ މުއްސަނދި ކަމުގެ ފައިދާ އެމެރިކާ އަށް ކުރާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ވައިޓް ހައުސްގައި ބައްދަލު ކުރައްވާ ޓްރަމްޕް ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމަށް ތައުރީފް ކުރައްވައިފަ އެވެ.

"ސައުދީ އަރަބިއާ އަކީ ވަރަށް މުއްސަނދި ގައުމެއް. އެ މުއްސަނދިކަމުގެ ބައެއް އެ މީހުން އެމެރިކާ އަށް ވެސް ހިއްސާ ކުރާނެ. އެއީ އެމެރިކާ އިން ހަތިޔާރު ގަނެގެން ނުވަތަ އެމެރިކާ މީހުންނަށް ވަޒީފާގެ ފުރުސަތު ދީގެން ކަމަށް ވެސް ވެދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ސައުދީ އެވެ. މިދިޔަ އަހަރު ކުރެއްވި އެ ދަތުރުގައި ވަނީ ސައުދީއާ އެކު 200 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އިން ސައުދީ އަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުން ވެސް ހިމެނެ އެވެ. ޓްރަމްޕް ވިދާޅުވީ ސައުދީ އަށް ހަތިޔާރު ވިއްކަން ގާއިމްކުރި އެއްބަސްވުމުގެ ސަބަބުން އެމެރިކާގައި 40،000 ވަޒީފާ އަލަށް އުފެއްދޭނެ ކަމަށެވެ.

ސައުދީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މުހައްމަދުގެ ދަތުރުފުޅުގައި ވޮޝިންޓަނުގެ އިތުރުން ނިއު ޔޯކް، ބޮސްޓަން، ސިއެޓްލް، ލޮސް އެންޖަލްސް، ސެން ފްރެންސިސްކޯ އަދި ހިއުސްޓަން އަށް ވަޑައިގެން އިންވެސްޓްމަންޓް ފުރުސަތުތައް ބައްލަވާނެ އެވެ. މުހައްމަދު ގެންދަވަނީ ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އެހެން ދާއިރާތަކަށް ވެސް އިންވެސްޓް ކުރުމަށް ތައްޔާރުވަމުންނެވެ.

ޓްރަމްޕް ވަނީ ވަލީ އަހުދުގެ މަގާމަށް މުހައްމަދު ޕްރޮމޯޓް ކުރުމުން ސަލްމާން ރަސްގެފާނަށް ވެސް ތައުރީފް ކުރައްވައިފަ އެވެ.

"ބައްޕާފުޅު އެ ވަނީ ވަރަށް ވިސްނުން ތޫނުކަމާ އެކު ނިންމެވުމެއް ނިންމަވާފައި. ރަސްގެފާން ސަލްމާން އަކީ ވަރަށް ޚާއްސަ ބޭފުޅެއް،" ޓްރަމްޕް ވިދާޅުވި އެވެ.

މި އަހަރު ފަހުކޮޅު ސަލްމާން ރަސްގެފާން އެމެރިކާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.