16 ޖޫން 2019
ގަލްފް އޮފް އޮމާން ތެރެއިން ދަތުރުކުރި ދެ ތެޔޮޓޭންކަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދިނީ އީރާނުން ކަމަށް ތުހުމަތުކޮށް، ސައުދީ އަރަބިއްޔާ އިން އެގައުމަށް އިންޒާރެއް ދީފި އެވެ.
ގަލްފް އޮފް އޮމާން ތެރެއިން ދަތުރުކުރި ދެ ތެޔޮޓޭންކަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދިނީ އީރާނުން ކަމަށް ތުހުމަތުކޮށް، ސައުދީ އަރަބިއްޔާ އިން އެގައުމަށް އިންޒާރެއް ދީފި އެވެ.
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސަރަހައްދުގައި ހަނގުރާމައެއް ފެށެން ބޭނުން ނުވާ ކަމަށާއި އެކަމަކު ސައުދީގެ ސިޔާދަތަށް ކުރިމަަތިވާ ނުރައްކާތަކާ އެގައުމުން ކުރިމަތިލާނެ ކަަމަށެވެ.
ތެޔޮޓޭންކަރުތަކަށް ދިން ހަމަލާގެ ޒިންމާ އެމެރިކާ އިން ވެސް އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ.
"ސަރަހައްދުގައި ހަނގުރާމައެއް ހިނގަން އަހަރެމެން ބޭނުމެއް ނުވޭ. އެކަމަކު އަހަރެމެންގެ ރައްޔިތުންނާ، އަހަރެމެންގެ ސިޔާދަތަށް ނުވަތަ އަހަރެމެންގެ ސަަރަހައްދީ އިންޓަގްރިޓީ އަށް އަދި އަހަރެމެންގެ މުހިއްމު މަސްލަހަތުތަކަށް ކުރިމަތިވާ ކޮންމެ ނުރައްކަަލަކާ ކުރިމަތިލާން [ފިޔަވަޅު އަޅާކަށް] އަހަރެމެން ފަހެއް ނުޖެހޭނަން،" އަޝްރަގު އަލް އަވްސަތު ނޫހަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ވިދާޅުވި އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަަބޭ ތެހެރާންގައި ހުންނެވި ވަގުތެއްގައި ހަމަލާ ދިން ކަމީ މުހައްމަދު ތުހުމަތު ކުރެއްވިި ގޮތުގައި މަސްރަހު ފިނިކުރަން އޭނާ ކުރައްވާ މަސައްކަތަށް ދިން ރައްދެކެވެ. އަދި އެއީ އީރާނު ސަރުކާރުން އަބޭ އަށް އިހުތިރާމް ކުޑަކޮށްލުން ކަމަށް މުހައްމަދު ސިފަކުރެއްވި އެވެ.
ޓޭންކަރުތަކަށް ދިން ހަމަލާއަށް ވަރުގަދަ ރައްދެއް ދޭން ސައުދީގެ އެނާޖީ މިނިސްޓަރު ޚާލިދު އަލް ފާލިހު ކުރިން ވަނީ ގޮވައިލައްވާފަ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި އެ ގައުމުގެ ކަނޑުގެ ސިފައިންނަށް ފުރަތަމަ ލިބުނީ ނޯވޭގެ ބޯޓު ފްރޮންޓް އެލްޓައާ ހާލުގައި ޖެހުނުކަމުގެ ސިގުނަލެވެ. އޭގެ ފަހުން ޖަޕާންގެ ބޯޓު ކޮކޫކާ ކަރޭޖަސްގެ ކޯލް ލިބުނެވެ. އެ ސަރަހައްދަށް އެމެރިކާ ސިފައިން ދިޔަ އެވެ. ގޮވުންތައް ގޮވި ފަހުން އެ ހިސާބުގައި އީރާނުގެ ކަނޑުގެ ސިފައިންގެ ބޯޓުފަހަރު ހަރަކާތްތެރިވި ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. އަދި ކޮކޫކާ ކަރޭޖަސް ކައިރިން ނުގޮވާ ހުރި މައިންތައް އީރާނު ސިފައިން ގޮސް ނަގާ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް އެމެރިކާ އިން ވަނީ އާންމުކޮށްފަ އެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕެމްޕިއޯ ވިދާޅުވި ގޮތުގައި ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ އީރާނުންނެވެ. "އެގޮތަށް ބުނަން ޖެހެނީ ބޭނުންކުރި ހަތިޔާރާއި އެކަހަލަ އޮޕަރޭޝަން ހިންގުމުގެ ތަޖުރިބާ އާއި މި ފަހުން ބޯޓު ފަހަރަށް އީރާނުން ދިން ހަމަލާތަކާއި އެ ފެންވަރުގެ ކަމެއްގެ ގާބިލްކަން އޮތް އެހެން ބަޔަކު އެ ސަރަހައްދުގައި ނޫޅޭތީ،" ޕޮމްޕިއޯ ވިދާޅުވި އެވެ. އެމެރިކާގެ ތުހުމަތުތަކަށް އީރާނުން ވަނީ ރައްދު ދީފަ އެވެ. އދ. ގައި ހުންނަ އީރާނުގެ މިޝަނުން ބުނީ އެމެރިކާ އިން ދައްކަނީ އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއް ކަމަށެވެ. "ޖޫން 13 ވަނަ ދުވަހު އޮއިލް ޓޭންކަރުގެ ހާދިސާއާ ގުޅުވައިގެން އެމެރިކާ އިން ދައްކާ ވާހަކަތަކުގައި ސާބިތުހިފޭ އެއްވެސް ކަމެއް ނެތެވެ. އެންމެ ހަރުކަށި އިބާރާތުން އެމެރިކާގެ އެ ވާހަކައް އީރާނުން ދޮގުކުރަމެވެ،" އީރާނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އިއްޔެގެ ހަމަލާއާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ވަނީ ހަތަރު ޕަސެންޓް މައްޗަށް ޖެހިފަ އެވެ. އޭގެ ކުރީ ދުވަހު ކުރިމަތިވީ ހަތަރު ޕަސެންޓްގެ ވެއްޓުމެކެވެ.
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
އީރާން ނިއުކްލިއާ ގޮތުން ނާގާބިލުކުރުމަށް ސައޫދީ ތާއީދު
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
އީރާނުން ސައޫދީ އަށް އެކްސްޕޯޓް ކުރަން ފަށައިފި
"އީރާނާ ހަނގުރާމަކޮށްފިނަމަ އިގްތިސާދު ހަލާކުވާނެ"