Roadha Mihaaru
ފާރިސްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ފާރިސްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

14 މާޗް 2018

ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް އަށް ކުރާ އެ ދައުވާގައި، މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކަން ތާވަލްކުރި އަޑުއެހުމެކެވެ. ފާރިސްގެ ވަކީލުން ބުނިގޮތުގައި އަޑުއެހުން ކެންސަލް ކުރީ ކޯޓުގެ ބޭނުމަކަށް ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

އެ މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި، ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މެމްބަރު ހެކިބަސް ދިނީ ފާރިސްއާ އެއްކޮޅަށެވެ. މީގެ އިތުރުން ފާރިސްއާ ދެކޮޅަށް ދައުލަަތުން ހުށަހެޅި ބައެއް ހެކިތައް ބަލައި ނުގަތުމަށް ކޯޓުން ކުރިން ވަނީ ނިންމައިފަ އެވެ.

އެ މައްސަަލާގައި ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ބޭފުޅުން ހުށަހެޅިޔަސް، މިހާރު ފާރިސްގެ ވަކީލުން ނިންމާފައިވަނީ އެއިން އެއްވެސް ބޭފުޅެއްގެ ހެކިބަސް ނުނެގުމަށެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސް، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ރިޝްވަތުގެ ދައުވާގެ އިތުރުން ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ދައުލަތުން ފާރިސްގެ މައްޗަށް ކުރެ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.