Roadha Mihaaru
ފާރިސްގެ މައްސަލައަށް ދެން ވާނީ ކިހިނެއް؟

ދައުލަތުގެ ހެކިވެރިޔާގެ ހެކިބަސް ފާރިސްއާ އެއްކޮޅަށް، ދެން މައްސަލައަށް ވާނީ ކިހިނެއް؟

13 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އިއްޔެގެ އަޑުއެހުމާ އެކު ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ. ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މަޖިލީހުގެ މެމްބަރުގެ ހެކިބަސް އައީ ފާރިސްއާ އެއްކޮޅަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އިއްޔެގެ އަޑުއެހުމާ އެކު ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ. ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މަޖިލީހުގެ މެމްބަރުގެ ހެކިބަސް އައީ ފާރިސްއާ އެއްކޮޅަށެވެ.

ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދެއްވި މެމްބަރު ދެއްކެވި ވާހަކަތަކުން ފާރިސްގެ ވަކީލުންނަށް ވެސް ލިބިވަޑައިގަތީ ހައިރާންކަމެވެ. ހެކިވެރިޔާއާ ސުވާލުކުރަން ވަކީލުން ތައްޔާރުވެގެން ތިއްބަވަނިކޮށް ދައުލަތުގެ ވަކީލުން ކުރެއްވި ސުވާލުތަކަށް އޭނާ ފުރަތަމަ ވެސް ޖަވާބު ދެއްވީ ފާރިސްއާ އެއްކޮޅަށެވެ.

އެ މެމްބަރަކީ ކޮން ބޭފުޅެއްކަން މިހާރު ވަނީ އާންމުކޮށް އެނގިފަ އެވެ. ނަމަވެސް ޝަރީއަތުގައި ސިއްރުކޮށްފައިވާ ހެތްކަކަށް ވާތީ އޭނާގެ ނަން ހާމަކުރުމަކީ މައްސަލައަކަށްވެ އެވެ.

ދައުވާގައި ވެސް ބުނެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެ މެމްބަރު ސޮއިކުރައްވާފަ އެވެ. ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ އޭގައި ސޮއިކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިިވަޑައިގަތުމަށް ކަމަށެވެ. އެކަމަކު އެ ލިޔުމުގައި ސޮއިކުރެއްވުމުގައި ރިޝްވަތުގެ އެއްވެސް މުއާމަލާތެއް ހިންގަވާފައއި ނުވާނެ ކަމަށާއި އެފަދަ ކަމަކަށް އެދިވަޑައިގެންފައި ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޝްވަތުގެ މުއާމަލާތުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ދައުލަތުން ތުހުމަތުކުރާ އަހުމަދު ޝާފިއުއާ ދެކޮޅަށް އެ މެމްބަރު އޮތީ ތަހުގީގުގައި ބަޔާނެއް ދެއްވައިފަ އެވެ. އެ ބަޔާނާ ގުޅޭ ގޮތުން ދައުލަތުން ސުވާލު ކުރުމުން ވެސް އޭނާ ވިދާޅުވި ގޮތުގައި އެ ބަޔާން ދެއްވީ ޝާފިއުއާ މެދު އޭރު ހިތްހަމަޖެހިވަޑައިނުގެންނެވުމުންނެވެ.

މިހާރު އޮތް ސުވާލަކީ ދައުލަތުގެ ހެކިވެރިޔާ އެގޮތަށް ހެކިބަސް އެ ދައުވާއަށް ވާނީ ކިހިނެއްތޯ އެވެ.

ފާރިސްއާ އެއްކޮޅަށް އޭނާ ހެކިބަސް ދެއްވުމުން ފާރިސްގެ ވަކީލުން ފުރަތަމަ ވެސް އެދިވަޑައިގަތީ މައްސަލަ ވަގުތުން ވަގުތަށް ބާތިލްކޮށްދެއްވުމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މުޅި މައްސަލަ ބިނާވަނީ އެ މެމްބަރުގެ ހެކިބަހަށް ކަމަށް ވާއިރު، އެފަދަ ކަމެއް ހިނގާފައި ނެތްކަން އެ މެމްބަރުގެ ބަހުން މިހާރު ސާފުވެފައިވާތީ އެވެ.

އެކަމަކު ގާޒީ އަހުމަދު ހައިލަމް ނިންމެވީ މައްސަލަ މިވަގުތު ކުރިއަށް ގެންދެވުމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައި އޮތުމެވެ. އެހެންވެ، ޝަރީއަތުގައި ދެން ކުރިއަށް ދާނީ ފާރިސްއާ ދެކޮޅަށް ދައުލަތުން ދެން ހުށަހަޅާފައި ހުރި ހެކިތަކުގެ ބަ އެވެ.

ގާނޫނީ ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އެ މައްސަލަ އޭގެ ޒާތުގައި ނިމުމަކަށް އައީ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކޯޓުގައި ފަހުން ހާމަވާ އެފަދަ މައުލޫމާތުތަކަށް ބިނާކޮށް، މީގެ ކުރިން ބައެއް މައްސަލަތަކުގައި ދައުލަތުން ދައުވާ އަނބުރާ ގެންގޮސްފައި ހުންނާނެ ކަމަށެވެ.

"މިސާލަކަށް މީހަކު މަރާލި ކަމަށް ބުނެ ދައުވާކުރާ މައްސަލައެއްގައި، މަރުވި ކަމަށް ބުނާ މީހާ އައިސް މި ބުނަނީ ތިމަންނަ މަރެއް ނުވެއޭ، ތިމަންނަ މިހިރީއޭ. އެ ހިސާބުން މައްސަލަ ނިމުމަކަށް އަންނާނެ،" މިސާލެއް ދައްކަވަމުން ޝަމީމް ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން ހުށަހެޅި އެންމެ މުހިންމު ހެކިވެރިޔާގެ ހެކިބަސް ފާރިސްއާ އެއްކޮޅަށް ދިނަސް، އެ ދައުވާ އަނބުރާ ގެންދާނެ ކަމެއް ނުވަތަ ނޫންކަމެއް ދައުލަތުން އަދި ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި ދައުވާ އަނބުރާ ނުގެންދާ ނަމަ، ދައުލަތުން ދެން ބޭނުންވާނީ ފާރިސްއާ ދެކޮޅަށް ދެން ހުރި ހެކިތައް ބޭނުން ކޮށްގެން އެ ދައުވާ ސާބިތުކުރާށެވެ.

ފާރިސްއާ ދެކޮޅަށް ދެން ހުރީ ޝާފިއު އާއި އެހެން މީހަކު ދެއްކި ވާހަކައެއްގެ އޯޑިއޯއަކާއި ފާރިސްގެ ފޯނުން ފެނުނު މެސެޖްތަކަކާއި ޝާފިއުގެ ތަހުގީގު ބަޔާނެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ވެސް އޮންނާނެ އެވެ.