Roadha Mihaaru
ފާރިސްގެ ފަރާތުން ޝަކުވާ ކުރުމުން ގާޒީ ބަދަލުކޮށްފި

ފާރިސްގެ ފަރާތުން ޝަކުވާ ކުރުމުން ގާޒީ ބަދަލުކޮށް، މައްސަލަ ބެލުން ގާޒީ ހައިލަމާ ހަވާލުކޮށްފި

11 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީއާ މެދު ފާރިސްގެ ފަރާތުން ޝަކުވާ ހުށަހެޅުމުން އެ މައްސަލަ ބެއްލެވުން އެހެން ގާޒީއަކާ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީއާ މެދު ފާރިސްގެ ފަރާތުން ޝަކުވާ ހުށަހެޅުމުން އެ މައްސަލަ ބެއްލެވުން އެހެން ގާޒީއަކާ ހަވާލުކޮށްފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސަށް ކުރާ ދައުވާގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ އަލީ އާދަމެވެ. އެކަމަަކު ގާޒީ އާދަމް އަތުން އެ މައްސަލަ ނެންގެވުމަށް ފަހު މިހާރު އެ މައްސަލަ ބެއްލެވުން ހަވާލު ކޮށްފައިވަނީ ގާޒީ އަހްމަދު ހައިލަމާ އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ހައިލަމް ވިދާޅުވީ އެ މައްސަލަ ބެއްލެވުން އޭނާއާ ހަވާލު ކުރެއްވީ ކުރިން މައްސަލަ ބެއްލެވި ގާޒީއާ މެދު ފާރިސްގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ. ގާޒީ ހައިލަމާ އެ މައްސަލަ ހަވާލު ކުރެއްވީ ކޯޓުތަކުގެ ގާނޫނުގެ ދަށުން އިސްގާޒީއަށް ލިބިދޭ ބާރުގެ ދަށުން، ކްރިމިނަލް ކޯޓު މިހާރު ހިންގަވާ ގާޒީ ކަމަށް ހައިލަމް ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު 25 ގައި މަގާމަށް އައްޔަންކުރެއްވި ގާޒީ ހައިލަމް އެގޮތަށް ވިދާޅުވުމުން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ ގާޒީ އަލީ އާދަމްގެ ބަދަލުގައި އެހެން ގާޒީއަކު ހަމަޖައްސަން އެދި ޝަކުވާ ހުށަހެޅި ފަހުން ވެސް ބައެއް އަޑުއެހުންތައް އެ ގާޒީ އިންނަވައިގެން ބޭއްވި ކަމަށެވެ. އަދި ގާޒީ ބަދަލު ކުރުމަކީ ފާރިސްގެ ފަރާތުން ހުށަހެޅި ޝަކުވާތައް ކޯޓުން ގަބޫލުކުރުން ކަމަށް ބެލެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ގާޒީ ހައިލަމް ވިދާޅުވީ އޭރު ގާޒީ ބަދަލު ނުކުރީ ކޯޓުގައި އޭރު ތިއްބެވި ގާޒީންގެ އަދަދަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ގާޒީ އަލީ އާދަމް އަތުން އެ މައްސަލަ ނެންގެވީ އެ ގާޒީގެ އަތުގައި މައްސަލަ ހުރި އަދަދަށް ވެސް ބެލުމަށް ފަހު ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

މިހާރު މައްސަލަ ބައްލަވާ ގާޒީ ހައިލަމް އަކީ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލެއްކަން ފާހަގަކުރައްވައި، މައުމޫން ވަނީ ގާޒީ ހައިލަމް ވެސް އެ މައްސަލަ ބެލުމުން ތަނާޒުލްވާން ޖެހޭނެ ކަމަށް ވިދާޅުވެ، ނުކުތާއެއް ނަންގަވައިފަ އެވެ. ސަބަބެއްގެ ގޮތުގައި މައުމޫން ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ގާޒީ ހައިލަމް މަސައްކަތް ކުރެއްވީ އެ އޮފީހުގައި ކަމަށް ވާތީ އެ މައްސަލައާ މެދު ޕީޖީ ގޮތް ނިންމުމުގައި ގާޒީ ހައިލަމްގެ ދައުރެއް އޮވެދާނެ ކަމަށް ބެލެވޭތީ އެވެ.

އެކަމާ ގުޅިގެން ގާޒީ ހައިލަމް ވިދާޅުވީ ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވިއިރު އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުން ވެސް ވަނީ ޕީޖީ އޮފީހުގައި އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި ގާޒީ ހައިލަމް ބައިވެރިނުވާ ކަމަށް ބުނެފަ އެވެ.